Roadha Mihaaru
ދެ ލީޑަރުން އެއްވެގެން ތަރައްގީގެ ފޯމިއުލާއެއް ނާންނާނެ

ދެ ފިކުރުގެ ދެ ލީޑަރުން އެއްވެގެން ތަރައްގީގެ ފޯމިއުލާއެއް ނާންނާނެ: ނާޒިމް

26 ނޮވެމްބަރ 2017

ދެ ފިކުރުގެ އިދިކޮޅު ދެ ލީޑަރުން ގުޅިވަޑައިގެން ތަރައްގީގެ ފޯމިއުލާއެއް ނާންނާނެ ކަމަށް ވިދާޅުވެ، ކުރީގެ ދެ ރައީސުންނަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ރޭ ފާޑު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދެ ފިކުރުގެ އިދިކޮޅު ދެ ލީޑަރުން ގުޅިވަޑައިގެން ތަރައްގީގެ ފޯމިއުލާއެއް ނާންނާނެ ކަމަށް ވިދާޅުވެ، ކުރީގެ ދެ ރައީސުންނަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ރޭ ފާޑު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމުގެ މަސައްކަތް ފެށި އިރު، ކުރީގެ ދެ ރައީސުން ގުޅިވަޑައިގެން ތިއްބެވުމަކީ ރައްޔިތުންނަށް ލިބުނު ބޮޑު ނަސީބެއް ކަމަށެވެ. މަލްޓި ޕާޓީ ޑީމޮކްރަސީގައި އިދިކޮޅު ޕާޓީއެއްގެ ފިކުރު މުހިންމު އިރު، އިދިކޮޅު ޕާޓީގެ ފިކުރެއް މިއަދު ނެތް ކަމަށް ވެސް، ޅ. ހިންނަވަރަށް އުފަން ނާޒިމް ވިދާޅުވި އެވެ.

"ރައީސް ޔާމީން ފެއިލްވެއްޖެ ނަމަ، އެ ފެއިލް ވަނީ ދިވެހި ރައްޔިތުން. އެއީ ޗޮއިސްއެއް އޮތް ކަމެއް ނޫން. ރައްޔިތުން ދިވެހި ގައުމު ފެއިލްކޮށްލުމަކަށް މި ވީހާ ތަނަށް ފުރުސަތު ދީފައެއް ނެތް. އަޅުގަނޑަށް ޔަގީން 2018 ގެ އިންތިހާބުގައި ވެސް ރައްޔިތުން އެ ޖާގައެއް ނުދެއްވާނެ،" ނާޒިމް ވިދާޅުވި އެވެ.

ގދ. ތިނަދޫގައި މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންތަކެއް: ގިނަ އަދަދެއްގެ ބަޔަކު އެ ޖަލްސާގައި ބައިވެރިވި.

ގދ. ތިނަދޫގައި މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންތަކެއް: ގިނަ އަދަދެއްގެ ބަޔަކު އެ ޖަލްސާގައި ބައިވެރިވި.

އެއީ ކޮން ދެ ލީޑަރުންނެއް ކަން، ނާޒިމްގެ ވާހަކައިގައި ވިދާޅުނުވި ނަމަވެސް، ބެލެވޭ ގޮތުގައި ނާޒިމް އިޝާރާތް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި މުހައްމަދު ނަޝީދަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އެއް ލީޑަރަކީ އިސްލާމީ ވަހްދަތާއި އިސްލާމީ ޝިއާރުތައް ފާޅުކުރުމުގެ ވިސްނުން ގެންގުޅުއްވި ބޭފުޅެކެވެ. ނަމަވެސް އަނެއް ބޭފުޅަކީ އަބަދު ރައްޔިތުންނަކީ ހަމައިން ނެއްޓިފައި ތިބެން ޖެހޭނެ ބައެއްގެ ވިސްނުން ގެންގުޅުނު ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އެއް ވިސްނުމެއްގައި މަސައްކަތް ކުރާ ފިކުރެއް ފެންނާކަށް ނެތް. ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމުގައި އެންމެ މުހިންމީ އެއް ވިސްނުމެއް، އެއް ފިކުރެއްގައި މަސައްކަތް ކުރާނެ ލީޑަރެއް ފެންނަން ހުރުން. ނަތީޖާއަކީ އެ މީހުންގެ ތެރެއިން އެފަދަ ލީޑަރެއް ފެންނަން ނެތް،" ނާޒިމް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ނާޒިމް ވިދާޅުވީ ޕީޕީއެމުން މަސައްކަތް ކުރަނީ ލީޑަރު ސާފުވެގެން ކަމަށާއި ޕީޕީއެމަކީ ސިޔާސަތުތަކެއް ކަނޑައެޅިފައި އޮތް ބައެކެވެ. އެހެންވެ، ނާޒިމް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދާއިރު، މިއީ ލިބޭ ނަސީބެކެވެ.

ނައިބު ރައީސް އަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު، ރައީސް އަބްދުﷲ ޔާމީންގެ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގީ ތިނަދޫގައި ކަމަށެވެ. އެއީ އިއްތިފާގެއް ނޫން ކަމަށާއި ރައީސް ދެއްކެވި އިބްރަތްތެރި ފިލާވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެ ގަދަ އަށް ބަޔަކު ހުޅު ޖަހައި ރޯކުރި ތަންތަން މިއަދު ތަރައްގީ އާއި ތަހުޒީބު ފޯދިލާ އަރާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" ފެބްރުއަރީ 8، 2012 ގައި ތިނަދޫގައި ހިންގި ބޮޑުހުޅުގެ ހާދިސާ އަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޑިމޮކްރަސީ އޮތް ވޭތުވެދިޔަ 10 އަހަރު ވަރަށް ގިނަ ފިލާވަޅުތަކެއް ދަސްކޮށްދިން އިރު، ޑިމޮކްރަސީގެ ނަމުގައި މި ގައުމުގައި ވެރިކަން ކުރަން ނުކުތް ބަޔަކު، އުޅުނީ ގައުމުގެ ރައްޔިތުން ގަބޫލު ކުރި ގަބޫލުކުރުންތަކާއި ބައެއް އަސާސްތައް ފުނޑާލާށެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުން ނިކުމެ، އެ ބޭފުޅުން "ފަހާލީ" ކަމަށާއި އެ ބޭފުޅުން މިހާރު ތިއްބެވީ ރާއްޖެ އިން ބޭރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ގައުމަށް ހިދުމަތް ކުރުމަށާއި ރައްޔިތުންނަށް ހެވާއި ލާބަ ހޯދައިދޭން އުޅޭ ކަމަށްވާ ނަމަ، މި ގައުމުގައި ތިއްބަވައިގެން ރައްޔިތުން އެދޭ ގޮތަށް ކަންތައްތައް ކުރުމުގެ ވިސްނުމާއި ފިކުރު ގެންގުޅެން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. ނޫންނަމަ، ރައްޔިތުން އެ ގޮތް ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.