Roadha Mihaaru
ކައުންސިލް އިންތިޚާބުގެ ނަތީޖާތަކުގެ ބޮޑު މަންޒަރު

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާތަކުގެ ބޮޑު މަންޒަރު

21 މެއި 2017

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އެކި ފަރާތްތަކުން މާނަކުރަމުން ދަނީ އެކި ގޮތްގޮތަށެވެ. ނަތީޖާތައް މުޅިން ސާފުނުވަނީސް، މައި ދެ ޕާޓީން ވެސް އިންތިޚާބު ކާމިޔާބުވެއްޖެކަމަށް ދައުވާކުރި އެވެ. ކަމުގެ އަސްލަށް ރިޢާޔަތް ކުރުމެއް ނެތި، އިންތިޚާބުގެ ނަތީޖާ ތަފާތު އެކި ގޮތްގޮތަށް މާނަކުރަމުން ދާއިރު، އެވާހަކަތަކުގައި އެކުލެވިގެންވަނީ ކިހާވަރެއްގެ ބުރަދަނެއްތޯ ބަލައިލުމަކީ މުހިއްމު ކަމެއް ކަމަށް ދެކެމެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އެކި ފަރާތްތަކުން މާނަކުރަމުން ދަނީ އެކި ގޮތްގޮތަށެވެ. ނަތީޖާތައް މުޅިން ސާފުނުވަނީސް، މައި ދެ ޕާޓީން ވެސް އިންތިޚާބު ކާމިޔާބުވެއްޖެކަމަށް ދައުވާކުރި އެވެ. ކަމުގެ އަސްލަށް ރިޢާޔަތް ކުރުމެއް ނެތި، އިންތިޚާބުގެ ނަތީޖާ ތަފާތު އެކި ގޮތްގޮތަށް މާނަކުރަމުން ދާއިރު، އެވާހަކަތަކުގައި އެކުލެވިގެންވަނީ ކިހާވަރެއްގެ ބުރަދަނެއްތޯ ބަލައިލުމަކީ މުހިއްމު ކަމެއް ކަމަށް ދެކެމެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ޖުމްލަ ނަތީޖާ (ގޮނޑީގެ ނިސްބަތުން) އޭގެ ކުރިން ބޭއްވި ދެ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ޖުމްލަ ނަތީޖާއާ އަޅާކިޔާލުމުން މައިގަނޑު ހަތަރު ކަމެއް ފާހަގަކުރެވެ އެވެ.

ވެރިކަންކުރާ ޕާޓީއަށް ފާޑުވެރި ވޯޓެއް ލުން

ސިޔާސަތުގެ އިލްމުވެރިން އިންތިޚާބުތަކުގެ މުހިންމުކަން ދެ ދަރަޖައަކަށް ބަހަ އެވެ. އެގޮތުން، ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ވަނަ ދަރަޖައިގެ (ފަސްޓް އޯޑާ) އިންތިޚާބުތަކުގެ ގޮތުގައި ބެލެވިދާނެ އެވެ. އެއާ ޚިލާފަށް، ލޯކަލް ކައުންސިލް އިންތިޚާބަކީ ދެވަނަ ދަރަޖައިގެ (ސެކެންޑް އޯޑާ) އިންތިޚާބެކެވެ. އެހެންކަމުން، އެހެން ޤައުމުތަކުގައި ވެސް ކަންހިނގާ އުސޫލުން، މިފަދަ އިންތިޚާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ފުރަތަމަ ދަރަޖައިގެ (ފަސްޓް އޯޑާ) އިންތިޚާބުތަކަށް ވުރެ މަދުވެދާނެ އެވެ.

މިގޮތުން، ވޯޓުލާން ނުކުންނަ މީހުންގެ ތެރެއިން ގިނަ ފަރާތްތަކަކީ، އެއިރެއްގައި އޮންނަ ސަރުކާރަކުން ކަންކަން ކުރާ ގޮތާ މެދު ފާޑުވެރި ނަޒަރަކުން ވޯޓުލާން ނުކުންނަ ފަރާތްތަކެވެ. ޚާއްސަކޮށް ވެރިކަމުގެ ދައުރުގެ މެދުން ބާއްވާ މިފަދަ އިންތިޚާބުތަކުގައި ވެރިކަންކުރާ ޕާޓީއަށް ނާކާމިޔާބުވުމަކީ ވާކަމެކެވެ.

އެހެންކަމުން، ފުރަތަމަ ކަމަކަށް، ނިމިދިޔަ އިންތިޚާބުން ފާހަގަވަނީ، މީގެ ކުރީގެ ލޯކަލް ކައުންސިލް އިންތިޚާބުތަކެކޭ އެއްގޮތަށް، ވެރިކަން ހިންގާ މައި ޕާޓީއަށް ވުރެ އިދިކޮޅު ޕާޓީއަށް މި އިންތިޚާބުގައި ކާމިޔާބު ކުރެވުނު ގޮނޑީގެ އަދަދު ގިނަކަމެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި ޑީއާރުޕީ 2011 ގައި އޮވެ އެ ޕާޓީން ގިނަ ގޮނޑި ކާމިޔާބުކުރިއިރު، 2014 އަދި 2017 ގައި ވެސް ގިނަ ގޮޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީ އެވެ. ނަމަވެސް، ސާފުވާ އެއް ކަމަކީ، ވެރިކަން ހިންގާ ޕާޓީގެ ސިޔާސަތުތަކާއި މިސްރާބު ހުރި ގޮތާ މެދު ހިތްހަމަނުޖެހޭ ވަރަށް ގިނަ ރައްޔިތުން ތިބި ކަމެވެ.

އެކަމަކު ވެރިކަން ކުރާ ޕީޕީއެމަށް މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ވުރެ ނިސްބަތުން މަދު ގޮނޑި ލިބުމަކީ އޭގެ ޒާތުގައި އިންތިޚާބީ ގޮތުން އާދަޔާ ޚިލާފު ކަމެއް ކަމަކަށް ނުބެލެވެ އެވެ.

ދެ ޕާޓީގެ ނިޒާމާ ދިމާލަށް ދީލައިލުން

ދެވަނަ ކަމަކަށް، މި އިންތިޚާބުގެ ނަތީޖާއިން ވެސް ފެނިގެން މިދަނީ ދެ ޕާޓީއެއް ވަރުގަދަވެ، ކުދި ޕާޓީތަކުގެ މުހިންމުކަން ކެނޑެމުންދާތަނެވެ. އިންތިޚާބީ ތަހުލީލީ ނަޒަކުން ޕާޓީ ނިޒާމު ބެހިގެން ވަނީ މައިގަނޑު ކިތައް ޕާޓީއަށްތޯ ބެލުމަށް އާންމުކޮށް ގެންގުޅޭ އެއް އުޞޫލުކަމުގައިވާ 'އެފެކްޓިވް ނަމްބަ އޮފް ޕާޓީސް (އީ.އެން.ޕީ)' ހިސާބު ކުރުމުން، ދޭހަވަނީ ރާއްޖޭގެ ޕާޓީ ނިޒާމު މައިގަނޑު ދެ ޕާޓީއެއްގެ މައްޗަށް ބިނާވަމުން ދާތަނެވެ.

މި ވޭތުވެދިޔަ މަޖިލިސް އިންތިޚާބުގެ ނަތީޖާތަކާއި ލޯކަލް ކައުންސިލް އިންތިޚާބުގެ އީ.އެން.ޕީ އަދަދުތަކުން ވެސް ދޭހަކޮށްދެނީ މި މަންޒަރު ކުރަހަމުން ދާ ތަނެވެ. މާނައަކީ، ސިޔާސީ ގޮތުން ރާއްޖޭގެ މީހުންގެ ވިސްނުން މައިގަނޑު ގޮތެއްގައި ބެހިގެން މިދަނީ ދެ ބަޔަށް ކަމަށެވެ.

އެމްޑީޕީ ކުރިއަރަމުން ދިއުން

ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަވަނީ، ވޭތުވެދިޔަ ތިން ލޯކަލް ކައުންސިލް އިންތީޚާބުގައި ވެސް އެމްޑީޕީގެ ކާމިޔާބު އެއް އިންތިޚާބަށް ވުރެ އަނެއް އިންތިޚާބުގައި ބޮޑުކޮށްފައިވާ ކަމެވެ. މާނައަކީ، އެމްޑީޕީގެ މައިގަނޑު (ކޯ) ސަޕޯޓަރުންތަކެއް ތިބިކަމެވެ. ޚާއްޞަކޮށް 2011 ވަނަ އަހަރުގެ އިންތިޚާބާ އަޅާބަލާއިރު އެމްޑީޕީން ފާހަގަކުރެވޭ ވަރުގެ ކުރިއެރުމެއް މި އިންތިޚާބުގައި މިވަނީ ހޯދާފަ އެވެ.

އެގޮތުން 2014ގެ އިންތިޚާބާ އަޅާބަލާއިރު އެމްޑީޕީއަށް މި އިންތިޚާބުގައި ލިބިފައިވާ ކުރިއެރުމަކީ، ކޮންމެހެން "ކޯލިޝަން" ގެ ތެރެއިން ލިބުނު ކުރިއެރުމެއްތޯ ބުނަން ދައްޗެވެ. ނަމަވެސް، ބައެއް ވޯޓުތަކަކީ، މީގެ ކުރިން ކުދި ޕާޓީތަކަށް ސަޕޯޓްކުރި ފަރާތްތަކުގެ ވޯޓުތަކަށް ވުން ވެސް އެކަށީގެންވެ އެވެ.

ޕީޕީއެމަށް ވެސް ކުރިއެރުމެއް

ހަތަރު ވަނަ ކަމަކީ، 2014 ވަނަ އަހަރުގެ އިންތިޚާބާ އަޅާބަލާއިރު ޕީޕީއެމުން ވެސް މި އިންތިޚާބުގައި ކާމިޔާބުކުރި ގޮނޑީގެ ނިސްބަތް އިތުރުވުމެވެ. ޚާއްޞަކޮށް ޕީޕީއެމްގެ މައިގަނޑު ސަޕޯޓަރުން ހަމަ ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓުލާފައިވާކަމަށް ބެލެވިދާނެ އެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ވޯޓުލާން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވާފައިވަނިކޮށް، ޕީޕީއެމަށް ކާމިޔާބުވި ގޮނޑީގެ އިންސައްތަ އިތުރުވެފައި ވުމީ، ޕާޓީގެ މެމްބަރުން ޕާޓީ އާއި ޕާޓީގެ ލީޑަރުން އެއީ ދެ ފަރާތެއް ކަމަށް ބެލިކަން ދޭހަކޮށްދިން ކަމެކެވެ. މި ދޭހަވުން އިތުރަށް ވަރުގަދަ ކޮށްދެނީ 2013 ގައި ހަދާފައިވާ ތަފާސްހިސާބުގެ ދިރާސާއެކެވެ. އެ ދިރާސާއިން ދައްކާ ގޮތުން، ޕީޕީއެމްގެ ސަޕޯޓަރުން ރައީސް މައުމޫނާއި ރައީސް ޔާމީން ރޭޓުކުރާ (ގަޔާވާ) މިންވަރަށް ވުރެ، ޕާޓީ ރޭޓުކުރާ މިންވަރު ބޮޑެވެ.

ޕީޕީއެމްގެ ސަޕޯޓަރުން ރައީސް ޔާމީނަށް ދީފައިވާ ރޭޓަކީ 63 އެވެ. ރައީސް މައުމޫނުގެ ރޭޓަކީ 82 އެވެ. ޕީޕީއެމްގެ ރޭޓަކީ 90 އެވެ.

ނަމަވެސް، ނިމިދިޔަ އިންތިޚާބުގެ ނަތީޖާތަކަށް ބަލާއިރު، ރައީސް މައުމޫނުގެ މަޤުބޫލުކަން މިހާރު އޮތީ ކިހާ ވަރަކަށް ކަމާ މެދު ސުވާލު އުފެދެ އެވެ. ހަމަ އެހެންމެ، ރައީސް މައުމޫނުގެ ގޮވާލުމަށް ބެލުމެއް ނެތި، ޕީޕީއެމްގެ ސަޕޯޓަރުން ވޯޓުލައި، ޕީޕީއެމަށް ގޮނޑީގެ އިންސައްތަ އިތުރުވުމީ، އެއް ނަޒަރަކުން ބަލާއިރު، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ސިޔާސީ ކާމިޔާބީއެއް ކަމަށް ބެލެވިދާނެ އެވެ.

ތެދުން ބޭރުން ހިންގާ ޕޮލިޓިކްސް

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާގެ ވާހަކަތައް ދެއްކުމުގައި 'ޕޯސްޓް-ޓްރުތު ޕޮލިޓިސް' ނުވަތަ ތެދުގެ މައްޗަށް ރިޢާޔަތް ނުކުރާ ޕޮލިޓިކްސް ފެނިގެން ދިޔަ އެވެ. 'ރައްޔިތުން' ރައީސް ޔާމީނަށް 'ނޫނެކޭ' ބުނެފިއޭ، ބުނުން ފަދަ ވިސްނުންތަކަކީ، މި އިންތިޚާބުގެ ނަތީޖާއަށް އެކަނި ބުރަވެ ކަނޑައެޅިދާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ.

އެހެނީ، ކުރިން ފާހަގަކުރި ފަދައިން، މިއީ މާ އާދަޔާޚިލާފު ނަތީޖާތަކެއް ނޫނެވެ. އަދި އެހެން ދެކޭ ނަމަ، 2011 ގައި އެމްޑީޕީއަށް ލިބުނު މާ ދަށް ނަތީޖާއަށް ބުރަވެ، ރައީސް ނަޝީދަށް ވެސް 'ނޫނެކޭ' ބުނެފިޔޭ ހަމަ ބުނެވިދާނެ އެވެ.

ނަމަވެސް، އިންތިޚާބުގެ ކުރިން ކަންކަން ހިނގާ ދިޔަ ގޮތާއި، ސަރުކާރުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް އިންތިޚާބުގައި ސަރުކާރަށް ފައިދާވާނެ ގޮތަށް ގިނަ ކަންކަން ބައްޓަންކޮށްފައިވާ ކަމަށް، އިންތިޚާބުގައި އޮބްޒާވުކުރި ބައެއް ފަރާތްތަކުން ބުނާތީ، މިއީ ސަރުކާރުން އުންމީދުކުރި ވަރަށް ލިބުނު ނަތީޖާއެއްތޯ ސުވާލުކުރެވިދާނެ އެވެ.

ހަމައެހެންމެ، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ވެސް، ޕީޕީއެމަށް، އިންތިޚާބު ކާމިޔާބު ކުރެވިއްޖެޔޭ ބުނަމުން ދިޔުމަކީ ޕޯސްޓް-ޓްރުތު ސިޔާސަތު ހިންގުމެވެ. އަދި، މި އިންތިޚާބުގެ ނަތީޖާއިން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮންނާނެ ގޮތް އެނގިގެންދާ ކަމަށް ބުނުމީ ވެސް ޕޯސްޓް-ޓްރުތު ސިޔާސީ ބުނުމެކެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން އެނގެނީ ރާއްޖެ މި ވަގުތު ވަނީ ދެ ޕާޓީ ނިޒާމަކަށް ދީލާލައިފައި ކަމާއި، ޕާޓީ ސަޕޯޓަރުން ޕާޓީ އާއި ލީޑަރުން ވަކި ދެ ފަރާތެއް ކަމަށް ބަލައިގެންފާނެކަމާއި، މައި ދެ ޕާޓީ ވެސް އިންތިޚާބީ ގޮތުން ކުރިއަށް ޖެހިލާފައިވާކަމެވެ.

އެޑިޓަރުގެ ނޯޓު

ޙަމްދާން އަކީ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް މެންޗެސްޓަ އިން ޑިމޮކްރަސީ އަދި އިލެކްޝަންސްގެ ދާއިރާއިން މާސްޓާސް އަށް ކިޔަވަމުންދާ ދަރިވަރެކެވެ. އާޒިމް އަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާއިން ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަމުންދާ ދަރިވަރެކެވެ.