Roadha Mihaaru
"އިދިކޮޅު ލީޑަރުންނަށް މެޑަމްއާ ވެސް ވާދަނުކޮށްލެވޭނެ"

އިދިކޮޅު 4 ލީޑަރުންނަށް މެޑަމް އާ ވެސް ވާދަކޮށް ނުލެވޭނެ: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2018

އިދިކޮޅު ހަތަރު ލީޑަރުންނަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާ އެކަނި ވެސް ވާދަކޮށްނުލެއްވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ހަތަރު ލީޑަރުންނަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާ އެކަނި ވެސް ވާދަކޮށްނުލެއްވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

"މި ޖީލުގެ އަޑު" ނަމުގައި ޕީޕީއެމުން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް އިޝާރާތްކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ އެ ބޭފުޅުންނަށް މެޑަމް ފާތުންނާ އެކަނި ވެސް ވާދަކޮށް ނުލެއްވޭނެ ކަމަށެވެ.

"އަދި ރައީސުލްޖުމްހޫރިއްޔާ ބަހައްޓަވާ. ޕީޖީ ގުރޫޕު ބަހައްޓަވާ، އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން ބަހައްޓަވާ. ހަމައެކަނި މެޑަމްއާ ވެސް މިބޭފުޅުންނާ ވާދަނުކޮށްލެވޭނެ،" ޕޯޑިއަމްތަކުގައި ރައީސް ޔާމީނާއި މެޑަމް ފާތުންނަށް އާންމުކޮށް ތައުރީފު ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވެވިއިރު ރައީސް ޔާމީން ހުންނަވާނީ ވަރަށް "ޓެންޝަން"ގައި ކަމަށް އިދިކޮޅު ފަރާތްތަކުން އުންމީދު ކުރި ކަމަށާއި ނަމަވެސް އެ ބަޔާން ވެގެން ދިޔައީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލި ބަޔާނަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ އިންތިހާބަށް ރައީސް ޔާމީން ކުރިމަތިލައްވާއިރު ތިން "ތަނބެއް" ބިނާ ކުރައްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އެއް ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ އިސްލާމް ދީން ހިމާޔަތް ކުރެއްވުމެވެ. ދެ ވަނަ ކަމަކަށް ފާހަގަ ކުރެއްވީ 25 ބުރިއަށް އިމާރާތްކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލެވެ. ބައްޔެއް ވުމުން އަވައްޓެރި ގައުމަކަށް ދާން ޖެހޭއިރު އެ ހޮސްޕިޓަލަކީ މިނިވަން ކަމުގެ އެއް ތަނބު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ތިން ވަނަ ކަމަކަށް މިނިސްޓަރު ފާހަގަ ކުރެއްވީ އެއް ބިލިއަން ޑޮލަރު އިންވެސްޓްކޮށް ތަރައްގީ ކުރަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އޭރުގެ ސަރުކާރުން އަބުރު ކަތިލުމަކީ ފެޝަނެއް ކަމަށެވެ. އޭރު ދޭތެރެ ދޭތެރެއިން ބަޣާވާތްތައް ގެންނައިރު އެކަމުގެ އަޑީގައި ރައީސް މުހައްމަދު ނަޝީދު ނުވަތަ އެމަނިކުފާނުގެ އާއިލާ ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު މިއަދު އެކައްޗަކަށް ވެފައިވާއިރު އެ ދެ ބޭފުޅުންގެ ސަބަބުން ގެއްލުނު ރައްޔިތުންގެ ހައްގުތައް ކޮބައިތޯ މިނިސްޓަރު ސުވާލު ކުރެއްވި އެވެ.

"30 އަހަރު ރައްޔިތުންގެ ހައްގު ކޮބައިހޭ؟ ދެ އަހަރު ބައިގެ ރައްޔިތުންގެ ހައްގު ކޮބައިހޭ؟ މުޅި ގައުމު ވިއްކާލީ. މިއަށްވުރެ ބޮޑު ދެ އަނިޔާވެރިން ތިބޭނެތޯ؟"