ރާއްޖޭގެ އިޖުތިމާއީ, އިގުތިސޯދީ އަދި ތިމާވެށީގެ ތަރައްގީގައި އެކި ރަށްރަށުގެ ރައްޔިތުން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދީ ބައިވެރިވުމަށް 2021 ގައި އުފެއްދި އެޓްމޮސފިއާ ފައުންޑޭޝަންގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.
19 ޖެނުއަރީ 2025
ރާއްޖޭގެ އިޖުތިމާއީ, އިގުތިސޯދީ އަދި ތިމާވެށީގެ ތަރައްގީގައި އެކި ރަށްރަށުގެ ރައްޔިތުން ކުރާ މަސައްކަތްތަކުގައި އެހީތެރިވެދީ ބައިވެރިވުމަށް 2021 ގައި އުފެއްދި އެޓްމޮސފިއާ ފައުންޑޭޝަންގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.
އެޓްމޮސްފިއާ ފައުންޑޭޝަންގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހާއްސަ ހަފުލާ ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މީރުމާ މާލަމުގަ އެވެ.
އެ ޖައްމިޔާ އިން ވަނީ މިދިޔަ ތިން އަހަރު އެކި ދާއިރާތަކުން ދެމެހެއްޓެނެވި ތަރައްގީގެ ރޮނގުން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އޭގެ ތެރޭގައި މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމާއި ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން ކުރި ހާއްސަ މަސައްކަތްތައް ހިމެނެ އެވެ. "ބެމްބޫ ފޯ ކްލައިމެޓް ޗޭންޖް މިޓިގޭޝަން" މަޝްރޫއު ހާއްސަކޮށް އެޓްމޮސފިއާ ފައުންޑޭޝަނުން ފާހަގަކުރި އެވެ. އެ މަޝްރޫއުގެ ދަށުން އެ ޖަމިއްޔާ އިން އަންނަނީ ރާއްޖޭގެ 30 ތަނެއްގައި 4،000 އަށް ވުރެ ގިނަ އޮނުގަސް އިންދައި ބެލެހެއްޓުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ރާއްޖޭގެ ރަށްރަށުގައި ފެހިކަން އިތުރު ކުރުމަށް ސަރުކާރުން ހިންގާ ރަށްފެހި ޕްރޮގްރާމަށް އެ މަޝްރޫއުގެ ދަށުން 500 އޮނުގަސް ވަނީ ހަދިޔާ ކޮށްފަ އެވެ.
އެޓްމޮސްޕިއާ ފައުންޑޭޝަނުގެ އަހަރީ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ފައުުންޑޭޝަނުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަނީ.
އެޓްމޮސްފިއާ ފައުންޑޭޝަނުން ތިމާވެށީގެ ދާއިރާއިން ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހދ. ވައިކަރަދޫގައި ހެދި ބެމްބޫ ޕާކުގެ މަސައްކަތް ވެސް ހިމެނެ އެވެ. އެއީ ތިމާވެށީގެ މަޝްރޫއެއްގެ ތެރެއިން އިޖުތިމާއީ ގުޅުންތައް ރަނގަޅު ކުރުމަށާއި ދުޅަހެޔޮ ސިއްހަތަކަށް މަގުފަހި ކުރުމަށް ހދ. ވައިކަރަދޫ ކައުންސިލާއި ގުޅިގެން، އެ ރަށުގެ ރައްޔިތުންގެ އެއްބާރުލުމާ އެކު ހެދި ޕާކެކެކެވެ. އެ ޕާކުގައި 13 ބާވަތުގެ 83 އޮނުގަސް ވަނީ އިންދައިފަ އެވެ.
މިދިޔަ އަހަރުގެ ތިމާވެށީ ދުވަސް ވައިކަރަދޫގައި ކުލަގަދަކޮށް ފާހަގަކޮށް, ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވެސް އެ ފައުންޑޭޝަނުން އެހީތެރިވި އެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލީ ނިޒާމާއި ކަނޑުގެ ދިރުންތަކަށް ލޯބި އިތުރުކޮށް، ބެލާކަހަނބު ހިމާޔަތް ކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ނ. ކެނދިކުޅުދޫގައި ބޭއްވި ވާވޮށި ފެސްޓިވަލު ބޭއްވުމަށް ވެސް އެ ފައުންޑޭޝަނުން އެހީވި އެވެ.
އެޓްމޮސްފިއާ ފައުންޑޭޝަނުގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ހަކީމް އެ ޖަމިއްޔާގެ ތިންވަނަ އަހަރީ ދުވަހުގެ ހަފުލާގައި ވާހަކަ ދައްކަވަނީ.
ޒުވާނުންނާއި އަންހެނުން ގެ ހުނަރުވެރި ކަން އިތުރު ކޮށް އާމްދަނީ ލިބޭ މަސައްކަތްތައް ދަސްކޮށްދިނުމުގެ މުހިންމު މަސައްކަތްތަކެއް ވެސް އެޓްމޮސްފިއާ ފައުންޑޭޝަނުން ވަނީ ކޮށްފަ އެވެ. އޭގެ ތެރޭގައި ވައިކަރަދޫގައި ބޭއްވި ސޮފްޓް ޓޯއީ ހެދުމުގެ ތަމްރީނު ޕްރޮގުރާމާއި ށ. ގޮއިދޫގައި ހިންގި ސޮފްޓް ޓޯއީ ހެދުމާއި އުކާލާ ތަކެތިން އަތްތެރި މަސައްކަތް ކުރުމުގެ ތަމްރީނު ޕްރޮގްރާމް ހިމެނެ އެވެ. އަދި ޒުވާނުންގެ ހުނަރުވެރިކަން އިތުރު ކުރުމަށް އެ ފައުންޑޭޝަނުން ފުވައްމުލަކުގައި ހިންގި ބޭކަރީ ޕްރޮގުރާމާއި ފަރުނީޗަރު ހެދުމާއި ހައުސްކީޕިން އަދި ކޮމްޕިއުޓާ ޕްރޮގްރާމިން ކޯސް ވެސް ފާހަގަކޮށްލެވެ އެވެ.
އެޓްމޮސްފިއާ ފައުންޑޭޝަންގެ ތިންވަނަ އަހަރީ ދުވަހުގެ ހަފުލާގެ ތެރެއިން.
ޒުވާނުންނަށް އެޓްމޮސްފިއާ ފައުންޑޭޝަނުން ވަނީ ރާއްޖޭގައި ފަންނީ ހުނަރުވެރިކަން ދަސްކޮށްދޭ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރޭނިން ސެންޓަރު (ޓިވެކް) ގެ ދަރިވަރުންނަށް ކެމްޕަސް ޑޭ އެއް ފައުންޑޭޝަނާއި އެޓްމޮސްފިއާ ކޯ ރިސޯޓްތަކާ ގުޅިގެން ވަނީ ހިންގައިފަ އެވެ. ޓިވެކްގެ ކޯސްތަކުން ފާސްވި ދެ ދަރިވަރަކަށް އެޓްމޮސްފިއާ ރިސޯޓެއްގައި އިންޓާންޝިޕުގެ ފުރުސަތު ވެސް ދިނެވެ.
އެޓްމޮސްފިއާ ފައުންޑޭޝަނަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށް ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާ އެކެވެ. ސްކޫލް ދައުރުގައި ހުނަރުވެރިކަން އިތުރުކޮށް، މުސްތަގުބަލުގައި އެ ކުދިންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި އިމާދުއްދީނު ސްކޫލްގެ ޖުވެލް ސެންޓަރުގައި "ކައްކާވަތި" ނަމުގައި ޓްރޭނިން ކިޗަންއެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްރަން (އާކް) ޖައްމިއްޔާއިން ފ. އަތޮޅުގައި ބޭއްވި ސްޕީޗް އެންޑް ހިއަރިން ކޭމްޕު ސްޕޮންސާ ވެސް ކޮށްދިނެވެ. އޭގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް އެހީތެރިވުމުގެ ގޮތުން އަޑު އިވުމުގައި ދަތިކަން ހުންނަ ފަރާތްތަކާއި އެކު މުއާމަލާތްތައް ކުރުމަށް ރަނގަޅުކުރުމަށް ސައިން ލޭންގުއޭޖް ވީޑިއޯ ޓިޔުޓޯރިއަލް އުފެއްދުމުގެ މަސައްކަތްތައް ވެސް އެ ފައުންޑޭޝަނުން ދަނީ ކުރަމުންނެވެ.
އެޓްމޮސްފިއާ ފައުންޑޭޝަނުން ދަރިވަރުންގެ ތައުލީމީ ބިންގާ ހަރުދަނާ ކުރުމުގެ ގިނަ މަސައްކަތްތަކެއް ވެސް އަންނަނީ ކުރަމުންނެވެ. އެ ޖަމިއްޔާ އިން އެހީވެދީފައިވާ ދަ ރީޑިން ރޫމް ޖައްމިއްޔާއިން "ރީޑް ރައިޓް ވިތް ދަ ރީޑިންގ ރޫމް"ގެ ނަމުގައި ހާއްސަ މަޝްރޫއެއް ވަނީ ހިންގައިފަ އެވެ.
އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ 13 އަތޮޅުގެ 5،329 ދަރިވަރަކަށް ފޮތް ކިޔުމުގެ ހުނަރު އިތުރު ކުރުމަށް ހޭލުންތެރި ކަމުގެ ސެޝަންތައް ބޭއްވި އެވެ. އެ ސެޝަންތަކުގައި 1،500 ޓީޗަރުންނާއި 1،330 ބެލެނިވެރިން ބައިވެރިވި އެވެ.
އެ މަޝްރޫއުގެ އިތުރުން އެޓްމޮސްފިއާ ފައުންޑޭޝަނުން ވަނީ ފުވައްމުލަކުގެ ކުޑަކުދިންގެ ހިޔާ (އަމާންވެށި) ގައި ހުރި ސްޓަޑީ ރޫމް އަށް ފަރުނީޗަރާއި ކޮމްޕިޔުޓަރު ސިސްޓަމް އަދި ކުޑަކުދިންގެ ފޮތާއި ބޯޑް ގޭމްތައް ފައުންޑޭޝަނުން ހަދިޔާކޮށްފަ އެވެ.
އެޓްމޮސްޕިއާ ފައުންޑޭޝަނުގެ އަހަރީ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ފައުުންޑޭޝަނުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަނީ.
ކުޑަކުދިންގެ ތައުލީމީ ދާއިރާއަށް ހާއްސަކޮށް ކުރާ މަސައްކަތްތަކުގެ ދަށުން އެޓްމޮސްފިއާ ފައުންޑޭޝަނުން ވަނީ އެ ޖައްމިއްޔާގެ "ޔަންގް އިނޮވޭޓާ ސްޕޮންސާޝިޕް"ގެ ދަށުން އާދަޔާ ހިލާފު ހުނަރުވެރި އަދި ވިސްނުން ހުރި 10 އަހަރުގެ ކުއްޖެއް ސްޕޮންސާ ވެސް ކޮށްފަ އެވެ.
އެކި ދާއިރާތަކުން ގިނަ މަސައްކަތްތަކެއްކޮށްފައިވާ އެޓްމޮސްފިއާ ފައުންޑޭޝަނުގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ހަކީމް ވިދާޅުވީ އެ ޖަމިއްޔާ އިން ކުރިއަށް އޮތް އަހަރު ވެސް މުޖުތަމައަށް ފައިދާކުރަނިވި ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެހެން ޖަމިއްޔާތަކާއި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމެޓީތަކާއި މަދަނީ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިއޭސީގެ އޮޑިޓު ރިޕޯޓުތައް ނެރެން ފަށައިފި
ޖަމިއްޔާތަކަށް ތުހުމަތު ކުރެވެނީ ހާމަކަން ނެތުމުން
ދިވެހި ޖަމިއްޔާއަކުން ޣައްޒާގެ އަންހެނުންނަށް ޕެޑް ދެނީ
އިންއެކްޓިވް ޖަމިއްޔާތަކަށް އިތުރު ފުރުސަތު ދެނީ
ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ޖަމްއިއްޔާތައް ދެކޮޅު
ރޯޑް ރޭހުން ޖަމްއިއްޔާތަކަށް ހަ ލައްކަ ރުފިޔާ!
ބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ ޖަމްއިއްޔާތައް ހޮވައިފި
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
ރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން ބަދަހިކުރަން ޖަމިއްޔާއެއް
18 ޖަމިއްޔާއެއްގެ ބޮޑެތި ކަންބޮޑުވުމާއި އިންޒާރު!