Roadha Mihaaru

މިއީ ޔުނައިޓެޑުގެ ތާރީހުގައި ވެސް އެންމެ ދަށް ޓީމު: ކޯޗު

މެންޗެސްޓާ (ޖެނުއަރީ 20) – މެންޗެސްޓާ ޔުނައިޓެޑުގެ ތާރީހުގައި ވެސް އެންމެ ދަށް ޓީމު ލިބުނީ އޭނާ އަށް ކަމަށް އެ ކްލަބުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

މިއީ ޔުނައިޓެޑުގެ އެންމެ ދަށް ޓީމު: ކޯޗު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

20 ޖެނުއަރީ 2025

މެންޗެސްޓާ (ޖެނުއަރީ 20) – މެންޗެސްޓާ ޔުނައިޓެޑުގެ ތާރީހުގައި ވެސް އެންމެ ދަށް ޓީމު ލިބުނީ އޭނާ އަށް ކަމަށް އެ ކްލަބުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން ހޯވް އެލްބިއޯން އަތުން 3-1 އިން ބަލިވެ އަނެއްކާ ވެސް މައްސަލަތައް ކުރިމަތިވި މެޗަށް ފަހު އެވެ. ކުރިން ކުޅުނު ދެ މެޗުގައި ލިވަޕޫލާއި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުމުން އެ ކްލަބް ހަމަޔަކަށް އެޅިދާނެކަމަށް ބެލެވުނެވެ.

އެކަމަކު ރޭ އަމިއްލަ ދަނޑުގައި ބައިކޮޅަށް ތިން ލަނޑު ވަދެ، އެ ޓީމު ވަނީ އަނެއްކާވެސް ބަލިވުމުގެ ޓްރެކަށް ފުރޮޅާލައިފަ އެވެ.

ނޮވެމްބަރު މަހު ޔުނައިޓެޑާ ހަވާލުވި އަމޯރިމް ބުނީ މި ނަތީޖާތަކުން ޔުނައިޓެޑެ ކުރީގެ ކޯޗު އެރިކް ޓެން ހަގަށް ވުރެ އޭނާ ހުރެގެން ބަލިވި މެޗުތައް ގިނަ ވެދާނެ ކަމަށެވެ.

"އެކަން ވަރަށް ރަނގަޅަށް އަހަންނަށް އެނގޭ. އެކަމަކު އަހަރެން މި ކުޅުވާ ގޮތް ބަދަލެއް ނުކުރާނަން ކޮންމެ ގޮތެއް ވިޔަސް ހެޔޮ،" ސްޕޯޓިން ލިޒްބަން ދޫކޮށް ޔުނައިޓެޑާ ހަވާލުވި ކޯޗު ބުންޏެވެ.

"އަހަންނަށް އެނގޭ އަހަރެމެންނަށް ކާމިޔާބާ ހަމައަށް ދެވޭނެކަން. އެކަމަކު މި ވަގުތަށް އަހަރެމެން ސަލާމަތްކަން ހޯދަން އެބަޖެހޭ. ފަހަރެއްގައި އަހަރެމެންގެ މި ޓީމަކީ މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުގައި ވެސް (ކްލަބްގައި) އޮތް އެންމެ ދަށް ޓީމަށް ވެދާނެ."

އަމޯރިމް ބުނީ ނޫސްވެރިން އެ ސުރުހީތައް ހަދަން ބޭނުންވާނެކަން އޭނާ އަށް އެނގޭ ކަމަށެވެ. އެކަމަކު އޭނާ އެ ވާހަކަ ދެއްކަނީ ހަގީގަތާ ކުރިމަތިލައި އެ ހާލަތު ބަދަލު ކުރުމުގެ މަގްސަދުގައި ކަމަށް ޕޯޗުގަލްގެ ކޯޗު ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގައި އަމޯރިމް ނުކުތް 15 މެޗުގެ ތެރެއިން ހަތް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ޕްރިމިއާ ލީގު ތަވާލުގައި އެ ޓީމު އޮތީ 13 ވަނައިގަ އެވެ.