އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް އަތުލަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ނުބަލަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ރަނގަޅު ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި އެވެ.
21 ޖެނުއަރީ 2025
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް އަތުލަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ނުބަލަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ރަނގަޅު ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، ބައްސާމުގެ ދެ ޕެންޓްހައުސް ހަ ދުވަހުގެ ތެރޭގައި ހުސްކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުން އޭނާ އަށް އެންގި އެވެ. ނަމަވެސް އެ މުއްދަތު އިތުރު ކޮށްދޭން ބައްސާމްގެ ފުލުހުންގެ ކިބައިން އެދުމުން އެ މުއްދަތު އިތުރުކޮށް ދޭން ފުރަތަމަ ނިންމި ނަމަވެސް ފަހުން އެ ނިންމުން ބަދަލުކޮށް، އެތަން ހުސްކުރަން އެންގި އެވެ.
އެ އެންގުމާ އެއްގޮތަށް ބައްސާމް ވަނީ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓެއް ފުލުހުންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް ބައްސާމްގެ ފަރާތުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ނަމަވެސް އޭރު ހައި ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމުން އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހުގެ ރިވިއުއަށް ބައްސާމް ހުށަހެޅި އެވެ.
އެ މައްސަލާގައި އިއްޔެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ރަޖިސްޓްރާގެ ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައިވަނީ ވިދާޅުވެފައިވަނީ އެ އަމުރުގެ މައްސަލަ ފުރަތަމަ ހުށަހަޅަން ޖެހޭނީ އަމުރު ނެރުނު ދަށު ކޯޓަށް ކަމަށާއި އަދި އިސްތިއުނާފު ކުރަން ޖެހޭނީ ރިވިއު ކުރި ގޮތް ކަމަށެވެ. ފަނޑިޔާރު މުހައްމަދު ޝަނީޒު ވިދާޅުވީ އިސްތިއުނާފް ކޮށްފައިވާ އަމުރު ރަނގަޅު ނޫން ކަމަށް ދެކިގެން އެ ނިންމުން ރިވިއު ކުރަން ބައްސާމްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ގޮތެއް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އިސްތިއުނާފު ކުރާނަމަ، ކުރަން ޖެހޭނީ ރިވިއުކޮށް ނިންމި ގޮތް ކަމަށެވެ.
އެހެންވެ، ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅާފައިވަނީ އެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް ހައި ކޯޓުގެ އިސް ފަނޑިޔާރު މުހައްމަދު ޝަހީދުގެ ރައުޔުގައިވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލްކުރަން ޖެހޭ ކަމަށެވެ.
އިސް ފަނޑިޔާރު ވިދާޅުވީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަޅާ ވަގުތީ ފިޔަވަޅު ނިމުމަކަށް ގެންނަން ކޯޓަށް ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައި ވާއިރު، އެއީ ކޮން ކޯޓެއް ކަމެއް ގާނޫނުގައި ބުނެފައިނުވާ ކަމަށެވެ.
އެހެންކަމުން އިސްތިއުނާފު ކުރާ ފަރާތަށް އިސްތިއުނާފު ކުރުމުގެ ހައްގު ހަނިކޮށްފައިނުވާތީ އެ މައްސަލަ ބަލައިގަންނަން ޖެހޭ ކަމަށް އިސް ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ ދެ ޕެންޓްހައުސް އޭނާ ގަނެފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ފީފާއިން އެފްއޭއެމަށް ދޫކުރި ލޯނު ފައިސާއިންނެވެ.
އެ މައްސަލާގައި ފުލުހުން ބުނެފައިވާ ގޮތުގައި އެ ދެ ޕެންޓްހައުސް ގަތުމަށް ބައްސާމް ވަނީ އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން އެމެރިކާ ޑޮލަރު އަމިން ކޮންސްޓްރަކްޝަނަށް ދައްކައިފަ އެވެ. ނަމަވެސް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އަމިން ކުންފުނިން އެފްއޭއެމަށް ދައްކާފައިނުވާ ކަމަށާއި އަދި ފައިސާ ދެއްކި ކަމަށް ހެދުމަށް ލިޔެކިޔުން ތައްޔާރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ ފައިސާ ލިބުނު ކަމަށް ހެދުމަށް އެފްއޭއެމުން އެހެން ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި އަދި އެ އަދަދާއި އަމިން އިން އެފްއޭއެމަށް ފައިސާ ދެއްކި ކަމަށް ބުނެ ތައްޔާރު ކޮށްފައިވާ ރިސިޕްޓްތަކުގެ އަދަދާ ދިމާވާ ކަމަށެވެ. އެހެންވެ، ބައްސާމް އެޕާޓްމަންޓް ގަތުމަށް އަމިން އަށް ޑޮލަރުން ދެއްކި ފައިސާއަކީ ޑޮލަރު މާރުކުރަން ދިން ފައިސާއެއް ކަން ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ހަތަރު ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށާފައި ވާއިރު، އޭނާގެ ވަކީލުން ދެ ފަހަރަށް މައްސަލަ ދޫކޮށްލާފައިވާތީ، ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވެ އެވެ.
ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާއަށް ބައްސާމް އިންކާރު
އެފްއޭއެމް މައްސަލާގައި އަމިން އަށް ވެސް ދައުވާކޮށްފި
ބައްސާމްގެ ދެވަނަ ވަކީލު ވެސް މައްސަލަ ދޫކޮށްލައިފި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ޖިހާދުގެ މައްސަލަ ރިވިއުކުރަން ދައުލަތުން ހުށަހަޅަނީ
ބައްސާމްގެ އެޕާޓްމެންޓްމައްސަލަ ފަނޑިޔާރުންގެ ރިވިއުއަށް
ބައްސާމްގެ ފްލެޓް އަތުލި މައްސަލަ ހައިކޯޓުން ނުބެލި
ޖިހާދުގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅައިފި
ބައްސާމްގެ މައްސަލާގައި ބައެއް ހެކި ސިއްރުކުރަން އެދެފި
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ