Roadha Mihaaru

ބްރޯޑްކޮމްގެ މެމްބަރުކަމަށް މުހަންމާ އާއި ސަރާހަތު އައްޔަނު ކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އައްޔަނު ކޮށްފި އެވެ.

ބްރޯޑްކޮމަށް މުހަންމާ އާއި ސަރާހަތު އައްޔަނު ކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

21 ޖެނުއަރީ 2025

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ މަގާމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަދި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު ސިދުގީ އައްޔަނު ކޮށްފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ވަނީ އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަނު ކޮށްފައިވާކަން އިއުލާން ކޮށްފަ އެވެ.

އެ ކޮމިޝަންގެ ދެ މެމްބަރެއްގެ ދައުރު މިދިޔަ މަހު ހަމަވުމުން އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ތަރުތީބު ބަޔާން ކުރައްވައި، އެ ލިސްޓް މަޖިލީހަށް ފޮނުއްވިއިރު އޭރު އޭގެ އެންމެ ކުރީގައި އޮތީ މުހައްމާ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒު އަލީގެ (މުއާ) ގެ ނަމެވެ.

ނަމަވެސް، ކޮމިޓީން އެކުލަވާލި ރިޕޯޓުގައި މުއާގެ ނަން ކަޓުވާލައި، މުހަންމާގެ ނަން އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ. އެއް ވަނަ އާއި ދެ ވަނައިގައި އޮތީ ސަރާހަތު އަދި ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އެވެ.

މިދިޔަ ބުރާސްފަތު ދުވަހު ބޭއްވި ރައްޔިތުންގެ މަަޖިލިހުގެ ޖަލްސާގައި ލިސްޓު ތަރުތީބުން ނެގި ވޯޓުގައި ސަރާހަތު އޭނާ ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކުރީ 68 މެމްބަރުންގެ އިއްތިފާގުންނެވެ. ދެ ވަނައަށް ވޯޓަށް އެހީ ޓީވީ ނޫސްވެރިއަކަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޝިފްޒާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ. އައްޔަން ކުރަން ނުފެންނަ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ 50 މެމްބަރުން ވޯޓު ދެއްވި އެވެ.

މުހަންމާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.