Roadha Mihaaru
ބްރޯޑްކޮމަށް ނަން ފާސްކުރީ ލަފައާ ޚިލާފަށް: ހުސައިން

ބްރޯޑްކޮމަށް ނަން ފާސްކުރީ ކޮމިޓީގެ ލަފައާ ހިލާފަށް: ހުސައިން

02 މާޗް 2021

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ( ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރިއިރު، އެކަމުގެ މަރުހަލާ ކުރިއަށް ގެންދިޔަ ގޮތާ މެދު ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ( ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރިއިރު، އެކަމުގެ މަރުހަލާ ކުރިއަށް ގެންދިޔަ ގޮތާ މެދު ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

ހުސައިނަކީ މިނިވަން މުއައްްސަސާތަކުގެ ކޮމިޓީގެ މެމްބަރެކެވެ.

ބްރޯޑްކޮމްއަށް ބޭފުޅަކު އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތައް ދިރާސާކޮށް، ނިމުނު ގޮތުގެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރިން، އެ ރިޕޯޓުގެ ބަހުސްގައި ހުސައިން ވިދާޅުވީ ރިޕޯޓަށް ވޯޓަށް އަހާ ގޮތާ މެދުގައި އޭނާގެ ނުރުހުން އެބަ އޮތް ކަމަށެވެ. އެއީ ވޯޓަށް އެ އަހަނީ ކޮމިޓީން ރިކޮމެންޑް ކުރިގޮތަށް ނޫން ކަމަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮމިޓީތަކުގެ ބޭފުޅުންނާ އިންޓަވިއުކުރުމަށް އެތައް ވަގުތެއް ހޭދަކޮށްގެން ރިޕޯޓް އެކުލަވާލައިގެން ގެންދިއުމުން ކޮންމެވެސް މެމްބަރެއްގެ ދާއިރާގެ މީހަކަށް ނުވެގެން ނަމެއް "ކަޓުވާލަންޏާ" ކޮމިޓީ އުވައިލަން ޖެހޭ ކަމަށެވެ،

"އެހެން ނޫނީ [ކޮމިޓީގެ ރިކޮމެންޑޭޝަނަށް ނުބަލަންޏާ] އެންމެ އާއިލާ ބޮޑު މީހާ ގެނެސް ތަންތަނަށްލާ [ގޮތަށް] ގަވަައިދު ބަދަލުކޮށްލީމާ މިކަން މި ނިމުނީ އިއްޒަތްތެރި ރައީސް. އެހެންވީމާ މިއަދު އޮތް ވޯޓުގައި އަޅުގަނޑުގެ ހިތްހަމަނުޖެހުން އޮތީތީ އެކަން ފާހަގަކޮށްލީ. އަޅުގަނޑުމެންގެ ކޮމިޓީން އަޅުގަނޑުމެން ރިކޮމެންޑް ކުރި ގޮތަކަށް ނޫން ތަޅުމަށް ވޯޓަށް އެހިގެން ދާނީ،" ހުސައިން ވިދާޅުވި އެވެ.

ރިކޮމެންޑް ކުރީ ކޮން ބޭފުޅަކަށް ކަން އޭނާ ވިދާޅު ނުވިޔަސް އެ ވިދާޅުވީ ބްރޯޑްކޮމްއަށް ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލައިގެ ވާހަކަ ކަން އެނގެ އެވެ. އެއީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އެހެން ރިޕޯޓަކަށް މިއަދު ވޯޓަށް އަހާފައި ނުވާތީ އެވެެ.

ފަޒީން ރާއްޖެޓީވީގެ ޕްރޮގްރާމެއް ހުށަހަޅުއްވަނީ. ބްރޯޑްކޮމް އަަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ އޭނާއަށް.

ފަޒީން ރާއްޖެޓީވީގެ ޕްރޮގްރާމެއް ހުށަހަޅުއްވަނީ. ބްރޯޑްކޮމް އަަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ އޭނާއަށް.

ބްރޯޑްކޮމްއިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތަން ރަައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި އިރު އެ ލިސްޓްގެ އެކެއްގައި އޮތީ ފަޒީންގެ ނަމެވެ.

ލިސްޓްގެ ދެވަނައިގައި އޮތީ ނޫސްވެރިކަމުގެ ދާއިރާގައި 14 އަހަރު ދުވަސް ހޭދަކުރައްވައި، އެދާއިރާއިން އެވޯޑްވެސް ހާސިލުކުރައްވާފައިވާ ޝިފްޒާ މުސްތަފާ އެވެ. އޭނާ އަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ކޮމިޓީން އެ ދެބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ދިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުން ފާސްކުރީ ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ޝިފްޒާގެ ނަމެވެ.

ރާއްޖެ ނޫސްވެރިކަމުގެ ދާއިރާގައި އަށް އަހަރު ހޭދަކުރައްވާފައިވާ ފަޒީނަށް ކޮމިޓީގެ ވޯޑުގައި ލިބިވަޑައިގެންނެވީ އަށް ވޯޓެވެ.

މިނިވަން މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރުމުގައި ކޮމިޓީން ނަން ލިސްޓް ތަރުތީބުކުރާ އިރު، ރައީސް ފޮނުއްވާ ލިސްޓާ އެއްގޮތަށް ތަރުތީބުކޮށް، ތަޅުމުގައި ވޯޓަށް އަހާ އިރު އެތަރުތީބުން އަންނާތީ ކޮމިޓީން ރިކޮމެންޑް ކުރާ ނަންތައް ފާސް ނުވާ ގޮތް މީގެ ކުރިން ވެސް މެދުވެރިވެފައި ވެ އެވެ. އެހެންވެ ކޮމިޓީން ފަހުން އަމަލުކުރަމުން އައި ގޮތަކީ ކޮމިޓީން އިސްކަންދޭ ތަރުތީބު ރަނގަޅަށް އެނގޭނެހެން، "ހައިލީ ރިކޮމެންޑެޑް" އަދި "ރިކޮމެންޑެޑް" ޖަހާފައި ރިޕޯޓުގައި ފާހަގަކުރުމެވެ. އެންއައިސީ އަށް އެންމެ ފަހުން އައްޔަންކުރި މެންބަރުންނަށް ރުހުން ދިނުމުގައި ވެސް އަމަލުކުރީ އެގޮތަށެވެ.

މިފަހަރު އެގޮތަށް ކަންތައް ނުކޮށް، ރައީސް ފޮނުވި ލިސްޓާ އެއްގޮތަށް ރިޕޯޓުގައި ނަން ތަރުތީބު ކުރެއްވީ، އެނގިފައިވާ ގޮތުގައި ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަމިއްލައަށެވެ.

އެކަން އެގޮތަށް ކޮށްގެން، ތަޅުމުގައި ފުރަތަމަ ފަޒީންގެ ނަމާ މެދުގައި ވޯޓަށް އެހުމާ މެދު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި މިއަދު އަރައިރުމެއް ވެސް ހިނގި ކަމަށް "މިހާރު"އަށް މައުލޫމާތު ދެއްވި މެމްބަރަކު ވިދާޅުވި އެވެ،

ކޮމިޓީން ކުރި މަސަައްކަތާ މެދު އަމަލުކުރި ގޮތަށް މެމްބަރު ހުސައިން ޝަމީމް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮމިޓީގެ ރިކޮމެންޑޭޝަނަށްް ރިއާޔަތް ނުކޮށް އެގޮތަށް ކަންތައް ކޮށްފައި، މިނިވަން މުއައްސަސާތަކުގެ ކަންތައްތައް ރަނގަޅު ނުވީމާ ކޮމިޓީގެ މެމްބަރުންގެ އިސްތަށިފުޅުގައި އެކަން އަަޅުވައިގެން ނުވާނެ ކަމަށެވެ.

"ކޮމިޓީއެއްގައި ތިބެެގެން ހެސްކިޔާފައި ބުރަކޮށް މަަސައްކަތްކޮށް ގިނަ އަދަދެއްގެ މެމްބަރުން ވޯޓުލައިގެން ފޮނުއްވާފައި އިންނަ ތަރުތީބަކުން ނަން ފޮނުއްވާފައި، ކޮމިޓީގެ ބޭފުޅުން އަދި މިވެނި ބޭފުޅެކޭ އިންޓަވިއުގައި ރަނގަޅީ، އެބޭފުޅުން އެހެން ވިދާޅުވީމާ [އެ ބުނަނީ] އުހުނ، އޭނާގެ އާއިލާ މަށަށް ވޯޓުދޭ،" ހުސައިން ވިދާޅުވި އެވެ.

ވަކި މެމްބަރެއްގެ ނަން ވިދާޅުނުވިޔަސް، އޭނާ އެ ދައްކަވަނީ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިންގެ ވާހަކަ ކަން އެނގެ އެވެ. ރާއްޖެ ޓީވީގެ ފަޒީނަކީ ހިސާންގެ ދާއިރާއަށް ނިސްބަތްވާ އަދި ރައްޔިތުންގެ މަޖިލީހަށް ކެންޑިޑޭޓަކު ނެރެން އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ވާދަވެސް ކުރެއްވި ބޭފުޅެކެވެ.