Roadha Mihaaru

20 ޑޮކްޓަރުންނާއެކު އޭޑީކޭގައި މެޑިކަލް އިންޓާންޝިޕް ފަށައިފި

އޭޑީކޭ ހޮސްޕިޓަލުން 20 ޑޮކްޓަރުންނާއެކު މެޑިކަލް އިންޓާންޝިޕް މިއަދު ފަށައިފި އެވެ.

އޭޑީކޭގައި މެޑިކަލް އިންޓާންޝިޕް ފަށައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

22 ޖެނުއަރީ 2025

އޭޑީކޭ ހޮސްޕިޓަލުން 20 ޑޮކްޓަރުންނާއެކު މެޑިކަލް އިންޓާންޝިޕް މިއަދު ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މެޑިކަލް ކައުންސިލުން ގަބޫލުކުރާ އެއް އަހަރުގެ އެ ޕްރޮގްރާމްގައި ސްޓްރަކްޗާޑް އެކަޑެމިކް ލެކްޗާ އާއި ވޯކްޝޮޕް އަދި ކްލިނިކަލް ބައިތައް ދަސްކޮށްދޭނެ ކަމަށެވެ.

އެއާއެކު، ދުނިޔޭގެ އެކި ގައުމުތަކުން ކިޔަވައި ނިންމި ދަރިވަރުން ގާބިލް އަދި ލައިސަންސް ލިބިފައިވާ ހުނަރުވެރި ޑޮކްޓަރުންނަށް ވެގެންދާނެ ކަމަށް ބުންޏެވެ.

އޭޑީކޭގައި އިންޓާންޝިޕް ފުރިހަމަކުރަން ކޮންމެ ޑޮކްޓަރަކު މަހަކު 14،500ރ. ދައްކަންޖެހެ އެވެ. އެއީ އަހަރަކަށް ބަލާނަމަ 174،000ރ. އެވެ.

މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.

އައިޖީއެމްއެޗްގައި އިންޓާންޝިޕް ޑިމާންޑު ބޮޑުވުމުން، އޭޑީކޭގައި އިންޓާންޝިޕް ޕްރޮގްރާމް ފަށައިދިނުމަށް އެދުނީ ހެލްތު މިނިސްޓްރީންނެވެ. އެހެންވެ، އެ ހޮސްޕިޓަލުން ވަނީ އިންޓާންޝިޕް ކުރިއަށް ގެންދަން ދާނެ ހަރަދުތަކުގެ ތަފްސީލުތައް މިނިސްޓްރީއަށް ފޮނުވައި، އަދި އެބައި ދައުލަތުން ދެއްކުމަށް އެދިފަ އެވެ. ނަމަވެސް، އެއަށް މިނިސްޓްރީން އަދި ޖަވާބެއް ނުދެ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުގައި އިންޓާންޝިޕް ހަދަން ފެށީ ޖެނުއަރީ، 2018 ގަ އެވެ. މިވަގުތު ވެސް އެ ހޮސްޕިޓަލުގައި 60 ޑޮކްޓަރުން އަންނަނީ އިންޓާންޝިޕް ހަދަމުންނެވެ.