Roadha Mihaaru
އީގަލްސް އަތުން ވިކްޓަރީ އަށް ޕޮއިންޓެއް

އީގަލްސް އަތުން ވިކްޓަރީ އަށް ޕޮއިންޓެއް

10 މާޗް 2017

ކްލަބް އީގަލްސްއާ 1-1 އިން އެއްވަރުކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ޕޮއިންޓް މިއަދު ހަވީރު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކްލަބް އީގަލްސްއާ 1-1 އިން އެއްވަރުކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ޕޮއިންޓް މިއަދު ހަވީރު ހޯދައިފި އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު އީގަލްސް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ވިކްޓަރީ އަށް ތިން މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވާއިރު އެ ޓީމު އޮތީ ހަ ވަނައިގަ އެވެ. ފުރަތަމަ މެޗުން ގްރީން ސްޓްރީޓްސް އަތުން 1-0 އިން ބަލިވިއިރު ދެ ވަނަ މެޗުން ނިއު ރޭޑިއަންޓް އަތުން ބަލިވީ 3-1 އިންނެވެ.

މި މެޗަށް އީގަލްސް އިން ނުކުތީ އެ ޓީމުގެ ކުރިއަށް ދެ ބަަދަލެއް ގެނެސްގެންނެވެ. އެއީ ބިދޭސީ ފޯވާޑް ޑޮނޮވަން ޑީކްމަންގެ ބަދަލުގައި ޒުވާން ފޯވާޑް މުހައްމަދު ނާއިމް އަދި އަންސަރު އިބްރާހިމް (އަންކޮ)ގެ ބަދަލުގައި ހަސަން ރާއިފް (ހަންނަ) ހިމަނައިގެންނެވެ.

ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވުމުން ވިކްޓަރީ މި މެޗަށް ނުކުތްއިރު ވެސް އެ ޓީމަށް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ. އޭގެ އެޑްވާންޓޭޖް ނަގައި އީގަލްސް އިން ވަނީ މެޗުގެ ފަސް ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ސަމީހް މޫސާ (ސަމިއްޓެ) އެވެ. އޭރިއާ ތެރެއިން ވިކްޓަރީގެ އަހުމަދު ނިޔާޒް (ނިޔާ) ކައިރިން ނައްޓާލުމަށް ފަހު އީގަލްސްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) ހުރަސްކޮށްލި ބޯޅަ ހޯދުމަށް ފަހު ސަމިއްޓެ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އީގަލްސް އިން ލީޑުނެގުމާ އެކު ވިކްޓަރީން ކުރިއަށް ޖެހިގެން ހަމަލާތައް އުފައްދަން ފެށި އެވެ. އެކަމަކު ވިކްޓަރީގެ ކުރިއަށް ކުޅޭ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ކެރިކް އަންދްރޭ އާއި މުސްތަފާ ސެޑިކް ފޮނުވާލި ހަމަލާތައް ގޯލާ ސިދާވާގޮތެއްނުވި އެވެ.

ލިޑުފުޅާކުރަން އީގަލްސްގެ ނާއިމް އަށް މެޗުގެ 20 ވަނަ މިނިޓްގައި ރަނުގެ ފުރުސަތެއް ލިބުނެވެ. އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) ހުސްކޮށްލާފައި އޭރިއާ ތެރެއިން އެ ޓީމުގެ ނާއިމް އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ވިކްޓަރީ ކީޕަރު މަހުމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

އީގަލްސް އަށް ފުރުސަތު ލިބުނުތާ މިނެޓެއް ފަހުން ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ހަސަން އަދުހަމް (ސަޑޭ) ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ބޭރުން އީސަ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ގޯލުގެ ތެރެއަށް ވަނީ އީގަލްސް ކުޅުންތެރިއަކު ގައިގައި ޖެހިފައި އެ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ އަތްމަތިން ގޮހެވެ.

އީގަލްސްގެ އަންކޮ (ވ) ކައިިރިން ވިކްޓަރީގެ ބަކާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ޕީއެސްއެމް

އީގަލްސްގެ އަންކޮ (ވ) ކައިިރިން ވިކްޓަރީގެ ބަކާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ޕީއެސްއެމް

ލަނޑާ އެކު ވިކްޓަރީން ކުޅުން ރަނގަޅުކޮށް އިތުރު ހަމަލާތައް ވެސް ފޮނުވާލި އެވެ. އީގަލްސްގެ މުޖުތާޒް މުހައްމަދު (މުޖޭ) ކައިރިން ނައްޓާލުމަށް ފަހު ސަޑޭ ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ.

ވިކްޓަރީ ދެ ވަނަ ހާފަށް ނުކުތީ ބަދަލަކާ އެކު އެވެ. ކެރިކްގެ ބަދަލުގައި މުހައްމަދު ރިސްވާން ޓީމުގައި ހިމަނައިގެންނެވެ.

ދެ ވަނަ ހާފްގެ ފުރަތަމަ ފުރުސަތު ލިބުނީ އީގަލްސް އަށެވެ. އީގަލްސްގެ ހަންނަ އަރިމަތިން ނަގައިދިން ހުރަސް އޭރިއާ ތެރެއިން ލިބުނީ ސަމިއްޓެ އަށެވެ. ސަމިއްޓެ ފޮނުވާލި ޝޮޓް ކީޕަރު މަހުމޫދު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ވިކްޓަރީން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެ ޓީމަށް ލީޑުނަގައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ރިސްވާން އަށެވެ. އީގަލްސް އޭރިއާ ތެރެއިން ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ރިސްވާން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިންނެވެ.

އީގަލްސް އިން މެޗުގެ ފަހު 20 މިިނިޓްގައި މެޗު ކޮންޓްރޯލް ކޮށްގެން ވިކްޓަރީ ހާފްތެރޭގައި ރަނގަޅަށް ކުޅުނެވެ. ވިކްޓަރީން ކުޅުނީ ކައުންޓަ އެޓޭކުގައި ލަނޑު ޖަހާށެވެ. މިގޮތުން އެ ޓީމުގެ އިބްރާހިމް ރަޝީދު އަބޫބަކުރާއި އީސަ އަށް ލިބޭ ބޯޅަތަކުން ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

މެޗުގެ 78 ވަނަ މިނިޓްގައި އީގަލްސްގެ އަންކޮ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން އަންކޮ ފޮނުވާލި ބޯޅަ ކީޕަރު މަހުމޫދު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް އީގަލްސް އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ.

މެޗުގެ 85 ވަނަ މިނިޓްގައި އަންކޮ ނަގައިދިން ހުރަހަކުން އަހުމަދު ނައުފަލް (ނާއްޕެ) ބޮލުން ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ބޭރުކޮށްލީ ވިކްޓަރީގެ ރިލްވާން ވަހީދު (ރިލޭ) އެވެ. އެ ބޯޅަ އަލުން ހޯދުމަށް ފަހު އޭރިއާ ބޭރުން އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދު (އިންމަ) ފޮނުވާލި ބާރު ޝޮޓު ކީޕަރު މަހުމޫދު ވަނީ މަތަކޮށްފަ އެވެ.

މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މެޗު ދިޔަ ގޮތާ ބަލާ އެއް ޕޮއިންޓު ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

"މިއީ ހަގީގަތުގައި މޮޅުވެވޭނެ މެޗެއް ނަމަވެސް މެޗު ދިޔަ ގޮތާ ބަލައި ޕޮއިންޓަކުން ވެސް ހިތްހަމަ ޖެހޭ. މި މެޗުގައި ވެސް ކުޅުންތެރިންގެ ފަރާތުން ފެނުނީ ކުރިން ދެ މެޗުގައި ވެސް ފެނުނު ކަންތައް. ވަރަށް ޒުވާން ކުޅުންތެރިންތަކެއް މި ތިބީ. ބޮޑު ޓީމުތަކާ ދެކޮޅަށް މި ކުޅުންތެރިންގެ ކޮންމެވެސް ވަރަކަށް ބިރު ވެސް ހުރޭ. ލަނޑެއް ޖަހާނެ ކުޅުންތެރިޔަކު ނެތުން އެ މައްސަލަ މި ދިމާވަނީ،" ސާންތީ ބުންޏެވެ.

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ އެ ޓީމު މި ވެއްޓުނީ ކުރިން އޮތް ވަރަށް ވުރެން ވެސް ބޮޑު ޕްރެޝަރަކަށް ކަމަށެވެ.

"ހަގީގަތުގައި ވަރަށް ބޮޑަށް ޕްރެޝަރަށް މި ވެއްޓުނީ. އެއީ މޮޅުވާން ނުކުތް މެޗެއް މިއީ. އެކަންނުވެ ދިޔުމުން ވަރަށް އުނދަގޫ ހާލަތަކަށް މިދިޔައީ. އެއީ ދެން ސަލާމަތްވާން އޮތީ ހުރިހާ މެޗަކުން މޮޅުވެގެން. އޭގެ ތެރޭގައި އެބައޮތް މާޒިޔާ މެޗު ވެސް،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ އަނިޔާގެ މައްސަލައާ ފިޓްނަސްގެ މައްސަލަ ދިމާވެފައިވުމުން ޓީމު އެއްކޮށް ހަމަކޮށްލައިގެން ކުޅެވޭނެ ފުރުސަތެއް އަދި ވިކްޓަރީ އަށް ލިބިފައިނުވާތީ އުނދަގުލާ ކުރިމަތިވާ ކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ވެލެންސިއާ ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.