Roadha Mihaaru
އީގަލްސް ފޯމުގައި، ވިކްޓަރީ އަށް އުނދަގޫ ހާލަތެއް

އީގަލްސް ފޯމުގައި، ވިކްޓަރީ އަށް އުނދަގޫ ހާލަތެއް

28 ޖޫން 2017

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު މުހިއްމު މެޗަކަށް ނުކުންނައިރު އީގަލްސް ރަނގަޅު ފޯމެއްގައި އޮތްއިރު، އެ ޓީމާ ދެކޮޅަށް ނުކުންނަ ވިކްޓަރީ އޮތީ އުނދަގޫ ހާލަތެއްގައި ކަމަށް އެ ޓީމުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު މުހިއްމު މެޗަކަށް ނުކުންނައިރު އީގަލްސް ރަނގަޅު ފޯމެއްގައި އޮތްއިރު، އެ ޓީމާ ދެކޮޅަށް ނުކުންނަ ވިކްޓަރީ އޮތީ އުނދަގޫ ހާލަތެއްގައި ކަމަށް އެ ޓީމުން ބުނެފި އެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުން މޮޅުވެ، އީގަލްސް ލީގުގެ ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ވިކްޓަރީ ލީގުގެ ހަ ވަނައިގައި އޮތީ ފަސް ވަނައިގައި އޮތް ޓީސީ އަށް ވުރެ އެއް މެޗު މަދުން ކުޅުނު ނަމަވެސް ޕޮއިންޓް އެއްވަރަށް ހޯދައިގެންނެވެ. ޓީސީ އަށް 10 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ވިކްޓަރީން 14 ޕޮއިންޓް ހަމަކުރީ ނުވަ މެޗުންނެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އަތުން އީގަލްސް ވަނީ 4-0 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު ޓީމުގެ އިތުބާރު ބޮޑުވި ނަމަވެސް ވިކްޓަރީއާ ދެކޮޅަށް ނުކުންނާނީ މެޗު ފަސޭހަ ކޮށްލުމުގެ ވިސްނުމުގައި ނޫން ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ ބުނެފަ އެވެ.

"ވިކްޓަރީއާ ދެކޮޅަށް ވެސް ނުކުންނާނީ އެ ޓީމުގެ ވަރުގަދަ ކަންތައްތަކާއި ބަލިފައި ދަނެގެން. އެ ޓީމުގެ ވެސް ހަލާކު ކޮށްލެވޭ ތަންތަން ހަލާކުކޮށްލައިގެން ނެގެން އޮތް އެޑްވާންޓޭޖެއް ނަގަން. އެއްގޮތަކަށް ވެސް ވިކްޓަރީ އަކީ ބަލިޓީމެއް ކަމަށް އަޅުގަނޑު ނުދެކެން. އޮތް ހިސާބަށް ބެލިޔަސް އެއީ އަޅުގަނޑުމެންނާ ވާދަކުރަން އޮތް ޓީމެއް،" ސާންތީ ބުންޏެވެ.

ލީގުގައި އާދައިގެ ގޮތަކަށް ފެށި ނަމަވެސް ވިކްޓަރީ ވަނީ ފަހަކަށް އައިސް ރަނގަޅު ފޯމަކަށް އެޅިފަ އެވެ. އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. ޓީމުގެ ނަތީޖާތައް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ރަނގަޅު ނަމަވެސް މިއަދުގެ މެޗަށް ނުކުންނައިރު ވިކްޓަރީ އަށް ދިމާވެފައިވަނީ ބޮޑު މައްސަލަ އެކެވެ.

ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ވިކްޓަރީގެ ކެޕްޓަން އީސަ (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ:ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ވިކްޓަރީގެ ކެޕްޓަން އީސަ (ކ) ބޯޅަ ފޮނުވާލަނީ.-- ފޮޓޯ:ނިޝާން އަލީ/ މިހާރު

މެޗުގެ ކުރިން ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މިއަދު މެޗަށް އަންނައިރު ޓީމުގެ ކުޅުންތެރިން ހަމަނުވުމުގެ ބިރު އެބައޮތް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަނީ މާދަމާ އެގާރަ ކުޅުންތެރިން ހަމަވާނެތޯ. ދަނޑަށް ދާއިރު އެތަނަށްދާ އެގާރަ ކުޅުންތެރިންގެ މައްޗަށް ޓީމު ބައްޓަން ކުރުން މީގެ މުހިއްމީ. މިހާރުގެ ވިސްނުމަކީ އެގާރަ ކުޅުންތެރިން ކުޅޭ ވަރަށް އެތަނަށް (ދަނޑަށް) ކުޅުންތެރިން ދާނެބާއޭ،" ސުޒޭން ބުންޏެވެ.

ފިތުރު އީދު ބަންދުގައި ރަށްރަށުގައި އޮންނަ މުބާރާތްތަކުގައި ކުޅުމަށް ކުޅުންތެރިން ރަށްރަށަށް ދިއުމުން ގިނަ ކްލަބްތަކަށް ވަނީ މައްސަލަ ދިމާވެފަ އެވެ. އެނގިފައިވާ ގޮތުގައި ވިކްޓަރީ އަށް ވެސް ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

"މީގެ ދެރޭ ކުރިން އަޅުގަނޑުމެން މާޒިޔާއާ އެކު ކުޅެލިން މެޗެއް. ގާތްގަނޑަކަށް 45 މިނިޓް ކުޅުނުއިރު ތިބީ ދުވަހަކު މެޗެއް ނުކުޅޭ ކުޅުންތެރިއަކު ލައިގެން 10 ކުޅުންތެރިންނާއި ކީޕަރެއް. ބަދަލު ކޮށްލާނެ ކުޅުންތެރިއަކު ވެސް ނެތް. މި ހާލަތަށް ދާއިރު މެޗަށް ދާއިރު އެގާރަ ކުޅުންތެރިން ތިބިއްޔާ މެޗު ފެށޭނެ،" މެޗަށް ނުކުންނައިރު ހުރި ކަންބޮޑުވުން ފާޅުކޮށް ސުޒޭން ބުންޏެވެ.

ފުރަތަމަ ބުރުގައި އީގަލްސް އާއި ވިކްޓަރީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިއަދުގެ މެޗަކީ ގަދަ ހަތަރަކަށް ވަނުމަށް ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ. އީގަލްސް އަށް މެޗުން މޮޅުވެގެން ލީގުގެ ތިން ވަނަ އަށް އެރެން އޮތްއިރު، ވިކްޓަރީ މޮޅުވެއްޖެނަމަ ލީގުގެ ހަތަރު ވަނަ އަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.

ވިކްޓަރީ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.