Roadha Mihaaru

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަން އެންމެ މުހިންމީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުން: އާދަމް ޝަރީފް

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އެންމެ މުހިންމީ މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 ޖެނުއަރީ 2025

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ބައެއް ކައުންސިލުތަކަށް ފަޅު ރަށްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ލިބޭ އާމްދަނީ އާއި ރަށްރަށުގެ ކައުންސިލުތަކަށް ލިބޭ އާމްދަނީގައި ބޮޑު ފަރަގެއް ހުންނާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލަށް ލިބޭ އާމްދަނީން މާލޭގެ މުނިސިޕަލް ގިނަ ހިދުމަތްތަކެއް ދެވޭނެ ކަމަށާއި އެކަމަކު އެފަދަ އާމްދަނީއެއް ލިބެން ނެތް ރަށްތަކުގެ ކައުންސިލްތަކަށް ހުރި ގޮންޖެހުންތައް ވަރަށް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެއިން ލިބޭ ހިދުމަތްތައް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ލިބުމަކީ ރައްޔިތުން އުއްމީދުކުރާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ހާލަތު ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށާއި އެކަންކަން ކުރުމުގައި ކައުންސިލުތަކާއި ސަރުކާރުން ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފަޅު ރަށްތައް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ރ. އިނގުރައިދޫ ކައުންސިލަށް ފަޅު ރަށަކާއި ދ. އަތޮޅު ކައުންސިލަށް ދެ ފަޅު ރަށުގެ އިތުރުން ލ. މާވަށު ކައުންސިލަށް ފަޅު ރަށެއް ހަވާލުކޮށްފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ގިނަ ކައުންސިލުތަކުން ފަޅު ރަށްތައް ބޭނުންވެގެން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން 28 ރަށަކަށް ފަޅު ރަށް އެވޯޑުކުރަން ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދ. އަތޮޅު ކައުންސިލަށް ފަޅު ރަށް ހަވާލުކުރުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދ. އަތޮޅު ކައުންސިލަށް ފަޅު ރަށް ހަވާލުކުރުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާދަމް ޝަރީފު އެދިވަޑައިގަތީ ކައުންސިލްތަކާއި ރަށްތަކުގެ ރައްޔިތުންނަށް ވެސް ރަށްރަށަށް ފައިދާވާނެ މަސައްކަތެއް އެ ރަށްތަކުގައި ކުރުމަށެވެ. އަދި ކައުންސިލުތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ލާމަރުކަޒު ކުރުމުގައި އެންމެ މުހިއްމު އެއް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް މިހާތަނަށް އައިއިރު ބޮޑެތި ގޮންޖެހުންތަކެއް ހުއްޓަސް، އެ ނިޒާމު ހަރުދަނާ ކުރުމުގައި މިވަގުތު އޮތް އެންމެ ބޮޑު ނަސީބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އެކަމުގެ ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވުމެވެ.

ރައީސަކީ ހަތް އަހަރަށް ވުރެ ގިނަ ދުވަހު މިނިސްޓަރުކަން ކުރައްވައި އަދި މާލޭގެ މޭޔަރުކަން ވެސް ކުރެއްވި ބޭފުޅަކަށް ވުމުން ލާ މަރުކަޒު ކުރުމުގައި ފަސޭހަވެފައިވާ ކަމަށް ވިދާޅުވި އެވެެ.

"ކަންކަން ގެންދަން ޖެހޭނެ ގޮތާއި ލާ މަރުކަޒީ ނިޒާމުގައި ކަންކަން ފަހިވެގެން އަންނަންވާނެ ގޮތް ވަަރަށް ރަނގަޅަށް ތަޖުރިބާ ކުރައްވާފައި ހުންނެވި އަދި ގައުމަށް ފައިދާ ހުރި ގޮތުގައި ލާމަރުކަޒީ ނިޒާމު ހިންގޭނެ ގޮތް އެނގިވަޑައިގަންނަވާ ފަރާތަކީ ރާއްޖޭގެ ރައީސް ޑރ. މުއިއްޒު،"

ލާމަރުކަޒީ ނިޒާމެއްގައި ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދޭންޖެހޭ ކަމަށާއި އަދި ރާއްޖޭގެ ރަށްރަށުން ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖެއްސީ ވެސް އެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.