ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
28 ޖެނުއަރީ 2025
ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖައްސާފައިވާ ދިހަ ރަށަކީ ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަން އަދި އުތީމެވެ.
ރައީސްގެ ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
މީގެ އިތުރުން، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ.
ރައީސްގެ ދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫތައް ފައްޓަވައިދެއްވަން ވެސް ވަނީ ހަމަޖެހިފަ އެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވުމަށާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި "މަގޭ ސޯލާ" ޕްރޮގްރާމްގެ އަމަލީ މަސައްކަތް، ރަސްމީކޮށް ފައްޓަވައިދެއްވާނެ އެވެ. އަދި ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ދެއްވުމަށް ކައުންސިލްތަކާއި ބެންކް އޮފް މޯލްޑިވްސްއާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބާއްވަވާ ހަފްލާތަކުގައި ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް މުއިއްޒު ހއ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފައްޓަވައިގެން ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅެކެވެ. މި ސިލްސިލާގެ ދަތުރުފުޅުތަކުގައި ރައީސް މި މަހުގެ ކުރީކޮޅު ވަޑައިގަތީ ގއ. އާއި ގދ އަތޮޅުގެ ބައެއް ރަށްރަށަށެވެ. އޭގެ ފަހުން ރ. އަތޮޅުގެ ރަށްތަކަށް ވެސް ވަޑައިގަތެވެ.
ރޯދަމަހުގެ ރަސްމީގަޑިއަކީ ހެނދުނު 9-1 އަށް
އާ ސަރުކާރުގެ ވަޒީރުން ހުވާކުރައްވައިފި
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ހިދުމަތްކުރަން ލިބުމުން ރައީސަށް ޝުކުރުވެރިވަން:ފައިސަލް
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ހެއްދުމުގެ ހިދުމަތް