Roadha Mihaaru

ރަށުގެ އާބާދީއަށް ބަލައި ސިއްހީ ހިދުމަތް ތަރައްގީކޮށްދޭނަން: ރައީސް

ކޮންމެ ރަށެއްގައި ވެސް، އެ ތަނެއްގެ ފެންވަރަށް ބަލައި ސިއްހީ ހިދުމަތް ތަރައްގީކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

"އާބާދީއަށް ބަލައި ސިއްހީ ހިދުމަތް ތަރައްގީކޮށްދޭނަން"
އާސިމާ ނިޒާރު
އާސިމާ ނިޒާރު

28 ޖެނުއަރީ 2025

ކޮންމެ ރަށެއްގައި ވެސް، އެ ތަނެއްގެ ފެންވަރަށް ބަލައި ސިއްހީ ހިދުމަތް ތަރައްގީކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި، ހއ. މުރައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީއާ އިގުތިސާދީ ގޮތުން ކުރާ މަސައްކަތްތަކަށް ބަލައި ރަނގަޅު ފެންވަރެއްގެ ސިއްހީ ނިޒާމެއް ގާއިމްކުރުން ކަމަށެވެ.

ސިއްހީ ހިދުމަތް ރަނގަޅުކުރާއިރު މުވައްޒަފުން އިތުރުކުރުމާއި ވަސީލަތްތައް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އާބާދީ ކިތަންމެ ކުޑަޔަސް، ކޮންމެ މީހަކީ ހަމަހަމަ ރައްޔިތެއް ކަމަށް ގަބޫލުކުރާ ސިޔާސަތުގެ ދަށުން އެ ރަށެއްގެ ސިއްހީ ކަންކަމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

ހއ. މުރައިދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ހއ. މުރައިދޫގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ދުރު އަދި މެދު ރާސްތާގެ ތަރައްގީގެ ޕްލޭނުތައް ހެދިޔަސް ރަށްރަށުގެ ސިއްހީ ނިޒާމު ތަރައްގީކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ފަދަ ކޮންމެ ރަށެއްގައި 900 ރައްޔިތުން، 1000 އެއްހާ ރައްޔިތުން ނެތް ނަމަވެސް، އަދި މިއަށްވުރެ މީހުން މަދު ރަށްރަށް އެބަހުރި، 500 މީހުން ނެތް ރަށްރަށް ވެސް އެބަހުރި. އެއިން ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އަދި ކޮންމެހެން ހިދުމަތް ލިބެންޖެހޭ. ސިއްހީ ދާއިރާގައި ބޭނުންވާ ކަންކަން، ލެބޯޓްރީ، އެ ރަށަކަށް ބޭނުންވާ ހިދުމަތް ގާއިމްކުރަން ވައުދުވީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީކުރާއިރު އިންސާނީ ވަސީލަތާއި އެ ރަށެއްގެ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލަށް ބޭނުންވާ ވަރަށް ސާމާނު ހަމަޖައްސާނެ ކަމަށެވެ.