Roadha Mihaaru

މިދިޔަ މަހު ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް

މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް 214،000 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ދެ ލައްކަ ޓޫރިސްޓުން، 12 ޕަސެންޓުގެ ކުރިއެރުމެއް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

04 ފެބުރުއަރީ 2025

މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް 214،000 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ 12 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ މަހު އެވްރެޖުކޮށް ރާއްޖެ އަށް 6،900 ޓޫރިސްޓުން އައިސްފައި ވެ އެވެ.

މި އަހަރުގެ މިހާތަނަށް 233،000 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައިވާއިރު، އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 7،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 14 ޕަސެންޓު އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 205،000 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 40،000 ޓޫރިސްޓުންނެވެ. ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެ ގައުމުން ވަނީ 23،000 ޓޫރިސްޓުން އައިސްފަ އެވެ. ލިސްޓުގެ ތިންވަނައިގައި އުޅޭ އިޓަލީ އިން މި އަހަރުގެ މިހާތަނަށް ވަނީ 22،000 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ.

ރާއްޖެ އަށް ޓޫރިސްޓުން އެންމެ ގިނަ އިން އަންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތާއި ޖަރުމަނާއި އިންޑިއާގެ އިތުރުން ފްރާންސް ހިމެނެ އެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު މި އަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.