Roadha Mihaaru

އަރަދުޔާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލަ ހައި ކޯޓަށް

ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބައްޗަން އާއި އަބީޝެކް ބައްޗަންގެ ދަރިފުޅު އަރަދުޔާ ބައްޗަންއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައެއް ދިއްލީގެ ހައި ކޯޓަށް އަނެއްކާވެސް ހުށަހަޅައިފި އެވެ.

އަރަދުޔާގެ މައްސަލަ ހައި ކޯޓަށް

ބޮލީވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބައްޗަން އާއި އަބީޝެކް ބައްޗަންގެ ދަރިފުޅު އަރަދުޔާ ބައްޗަންއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރި މައްސަލައެއް ދިއްލީގެ ހައި ކޯޓަށް އަނެއްކާވެސް ހުށަހަޅައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން 13 އަހަރުގެ އަރަދުޔާ އާއި އޭނާގެ ބައްޕަގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ގޫގުލް އާއި އޭނާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނާ ބައެއް ޔޫޓިއުބް ޗެނަލްތަކުގެ ވެރިން ކޯޓަށް ހާޒިރުކޮށްދޭން އެދިފަ އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހު ތިނެއްގައި ބޭއްވި އިރު، ދެވަނަ އަޑުއެހުން އަންނަ މަހު 17 ގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި އަރަދުޔާ ވަނީ އޭނާގެ ސިއްހީ ހާލަތާއި ޒާތީ ދިިރިއުޅުމާ ބެހޭ ގޮތުން ބައެއް ޔޫޓިއުބް ޗެނަލްތަކުން ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

މިއީ މި ކަހަލަ މައްސަލައެއްގައި އަރަދުޔާ ކޯޓަށް ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެޕްރީލް 2023 ގައި ވެސް މި ކަހަލަ މައްސަލައެއް ހައި ކޯޓަށް އޭނާގެ ފަރާތުން ހުށަހެޅި އެވެ.

އެ ފަހަރު ކޯޓަށް މައްސަލަ ހުށަހެޅީ ބައެއް ޔޫޓިއުބް ޗެނަލްތަކުން އަރަދުޔާ ވަރަށް ބަލި ކަމަށާއި އޭނާ މަރުވެއްޖެ ކަމަށް ބުނެ ދޮގު މައުލޫމާތު ފެތުރި މައްސަލާގަ އެވެ. އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ވަނީ އެ ވީޑިއޯތައް ޔޫޓިއުބުން ޑިލިޓްކުރަން ގޫގުލް އަށް އަމުރުކޮށްފަ އެވެ.

އަރަދުޔާ އަކީ އައިޝްވާރިޔާ އާއި އަބީޝެކްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަދި ބޮލީވުޑްގެ ސެލެބްރިޓީންގެ ދަރިންގެ ތެރެއިން މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއް ކުއްޖާ އެވެ.