Roadha Mihaaru
އަބީޝޭކް އާއި އައިޝްވާރިޔާ ވަރިވަނީ؟

އަބީޝޭކް އާއި އައިޝްވާރިޔާ ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވެއްޖެ

05 ޑިސެމްބަރ 2023

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަބީޝޭކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ ބައްޗަން ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވާން ފަށައިފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަބީޝޭކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ ބައްޗަން ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތައް ގަދަވާން ފަށައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ އަޑުތައް ގަދަވާން ފެށީ މިފަހުން ބޭއްވި ބައެއް އިވެންޓުތަކަށް ދެމަފިރިން އެކުގައި ނުދާތީ އެވެ. އެ ދެމަފިރިން އެކުގައި އިވެންޓުތަކުން ކުރިން ވަރަށް ގިނައިން ދެ އެވެ. މިހާރު އައިޝްވާރިޔާ އިވެންޓުތަކަށް ދަނީ އޭނާގެ ދަރިފުޅު އަރާދްޔާ ބައްޗަން ގޮވައިގެންނެވެ. އަދި އަބީޝޭކް ފެންނަނީ އެކަނި ގޮސް އުޅޭ ތަނެވެ.

މިދިޔަ މަހު އައިޝްވާރިޔާގެ 50 ވަނަ އުފަންދުވަސް ފާހަގަކުރަން ބޭއްވި ޕާޓީގައި ވެސް އަބީޝޭކް ބައިވެރިނުވާތީ އާއި ދުވަހުގެ ތަހުނިޔާ ވެސް ނުކިޔާތީ އެ ދެމީހުން ވަރިވާން ނިންމާފައިވާ ކަމަށް ބުނާ އަޑުތައް ވަނީ ފެތުރިފަ އެވެ. އެ ޕާޓީ ބޭއްވީ ވެސް އައިޝްވާރިޔާގެ މައިންބަފައިންގެ ގޭގަ އެވެ. އަދި އެ ޕާޓީއަށް އަބީޝޭކްގެ އާއިލާގެ އެކަކު ވެސް ނުދެ އެވެ.

އައިޝްވާރިއާ އާއި އޭނާގެ ދަރިފުޅު.

އައިޝްވާރިއާ އާއި އޭނާގެ ދަރިފުޅު.

ނަމަވެސް، އައިޝްވާރިޔާގެ ބަފައިބެ، ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން ވަނީ އައިޝްވާރިޔާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާ އިންސްޓަގްރާމް ޕޯސްޓެއް ކޮށްފަ އެވެ. އަދި އަމީތާބް ވަނީ އޭނާ ހޮސްޓުކުރާ ސޮނީ ޓީވީގެ ޝޯ "ކޯން ބަނޭގާ ކަރޯޑްޕަތީ"ގައި އާއި އެހެން ބައެއް އިވެންޓުތަކުގައި ވެސް އައިޝްވާރިޔާ އަށް ވަރަށް ތައުރީފު ކޮށްފަ އެވެ.

މިފަހުން ބޭއްވި އިވެންޓުތަކަށް އަބީޝޭކް ދިޔައިރު އޭނާގެ އަތުގައި އެމީހުންގެ އެންގޭޖްމަންޓް އަނގޮޓި ނެތުމުން ވެސް އެ އަޑުތައް ވަރަށް ގަދަވި އެވެ. ކުރިން ހުރިހާ އިވެންޓުކަކަށް ވެސް އަބީޝޭކް ދަނީ އެ އަނގޮޓި އަޅައިގެންނެވެ.

މި އަޑުތައް ގަދަވި ނަމަވެސް އައިޝްވާރިޔާ ވެސް އަދި އަބީޝޭކް ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަމީތާބް، ޖަޔާ، އަބީޝެކް އަދި އައިޝްވާރިޔާ.

އަމީތާބް، ޖަޔާ، އަބީޝެކް އަދި އައިޝްވާރިޔާ.

އައިޝްވާރިޔާ އާއި އަބީޝޭކްގެ ކައިވެންޏަށް މިހާރު 16 އަހަރު ވެއްޖެ އެވެ. އެ ދެމީހުންގެ ކައިވެންޏަށް 11 އަހަރުގެ އަންހެން ކުއްޖަކު ވެސް ހުރެ އެވެ.

އެ ދެމީހުންގެ މެދުގައި ވަރަށް ގިނައިން މައްސަލަތައް ޖެހޭ ކަމަށް 2010 ވަނަ އަހަރު ވެސް މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ ބުނެފައިވެ އެވެ. އަދި އަބީޝޭކްގެ މަންމަ ޖަޔާ ބައްޗަން އާއި އޭނާގެ ދައްތަ ޝްވެތާ ބައްޗަން ވެސް، އައިޝްވާރިޔާ އަށް ވަރަށް ގޯސްކޮށް ހިތާ ކަމަށް ބުނާ އަޑުތައް ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާގައި ދެކެވެ އެވެ.