Roadha Mihaaru
އިޒްރޭލު ކުށްވެރިކުރަން އެމެރިކާ އަނެއްކާވެސް ދެކޮޅު

އިޒްރޭލު ކުށްވެރިކުރަން އެމެރިކާ އަނެއްކާވެސް ދެކޮޅު ހަދައިފި

18 މެއި 2021

އިޒްރޭލުން ފަލަސްތީނުގައި މިހާރު ހިންގަމުންދާ އުދުވާނީ ހަމަލާތައް ހުއްޓައިލުމަށް ގޮވާލައި، އދ. ގެ ސަލާމަތީ މަޖިލީހުން ނެރުމަށްޓަކައި ތައްޔާރުކުރި ބަޔާނުގެ ތިން ވަނަ ދެލިކޮޕީ އަށް ވެސް އެމެރިކާ އިން ދެކޮޅު ހަދައިފި އެވެ.

އިޒްރޭލުން ފަލަސްތީނުގައި މިހާރު ހިންގަމުންދާ އުދުވާނީ ހަމަލާތައް ހުއްޓައިލުމަށް ގޮވާލައި، އދ. ގެ ސަލާމަތީ މަޖިލީހުން ނެރުމަށްޓަކައި ތައްޔާރުކުރި ބަޔާނުގެ ތިން ވަނަ ދެލިކޮޕީ އަށް ވެސް އެމެރިކާ އިން ދެކޮޅު ހަދައިފި އެވެ.

އިޒްރޭލުގެ އުދުވާންތައް ހުއްޓައިލުމަށް ގޮވާލައި، ސަލާމަތީ މަޖިލީހުން ނެރުމަށްޓަކައި، މިދިޔަ ހަފުތާގައި ތައްޔާރުކުރި ދެ ބަޔާން ވެސް އެމެރިކާ އިން ވަނީ ވީޓޯކޮށްފަ އެވެ. އެއީ އެ ބަޔާންތަކުގައި އިޒްރޭލުގެ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ލިޔެފައި އޮތުމުންނާއި އިޒްރޭލު ކުށްވެރިކުރުމުގެ ވާހަކަތައް ހުންނާތީ އެވެ.

ހުޅަނގުގެ ޑިޕްލޮމޭޓުންނާ ހަވާލާދީ، އޭއެފްޕީން ބުނިގޮތުގައި މި ފަހަރުގެ ދެލިކޮޕީ އެކުލަވައިލީ ޗައިނާ، ތޫނިސް އަދި ނޯވޭ އިސްނަގައިގެންނެވެ. ސަލާމަތީ މަޖިލީހުން ފާސްކުރުމަށްޓަކައި އެކުލަވައިލި މި ދެލިކޮޕީގައި، ފަލަސްތީނަށާއި އިޒްރޭލަށް ގޮވާލާފައި ވަނީ، ދެ ފަރާތުން ބަދަލުކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓާލައި، އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމްކޮށް، މަދަނީން ހިމާޔަތް ކުރުމަށެވެ.

ސަލާމަތީ މަޖިލީހުގައި އެމެރިކާ އިން އިޒްރޭލު ދިފާއު ކުރަމުން ދިޔަސް، އިޒްރޭލުގެ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، އަދި އެ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް، ވިލާތުގެ ގިނަ ގައުމުތަކަކުން އަންނަނީ އިޒްރޭލަށް ގޮވާލަމުންނެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެމެރިކާ އިން މަސައްކަތް ކުރަމުން ދަނީ، އިޒްރޭލަށް ދޭ ހަމަލާތައް ހުއްޓައިލުމަށް، މިސްރުގެ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިން މެދުވެރިކޮށް، ހަމާސް ޖަމާއަތަށް ފިއްތުންތައް ކުރިމަތި ކުރުވުމަށެވެ.

މީގެ އިތުރުން، އިޒްރޭލުގެ ހަމަލާތައް ހުއްޓުވުމަށް، މިސްރާއި އުރްދުން އަދި ޖަރުމަނާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް، ފަރަންސޭސި ވިލާތުން އިއްޔެ ބުންޏެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިއްޔެ ވެސް ވިދާޅުވީ އަމިއްލަ ނަފްސުގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު އިޒްރޭލަށް އޮންނާނެ ކަމަށާއި ނަމަވެސް ޣައްޒާގައި ބޭރުގެ ނޫސްވެރިން ތިބޭ އިމާރާތަކަށް އިޒްރޭލުން ހަމަލާދިނުމަކީ ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށެވެ. އަލް ޖަޒީރާ އާއި އޭޕީގެ ނޫސްވެރިން މަސައްކަތް ކުރާ އިދާރާ ހުންނަ 12 ބުރީގެ އިމާރާތަށް، އިޒްރޭލުގެ މަތިންދާބޯޓުތަކުން މިސައިލް ހަމަލާދީ ބިމާ ހަމަކޮށްލީ، މިދިޔަ ހޮނިހިރު ދުވަހު އެވެ. (އަލްޖަޒީރާ)