Roadha Mihaaru
އިޒްރޭލަށް އިތުރު ހަތިޔާރާއި އެހީ އެމެރިކާއިން ދެނީ

އިޒްރޭލަށް އިތުރު ހަތިޔާރާއި އަސްކަރީ އެހީ ފޮނުވަން މިދަނީ ތައްޔާރުވަމުން: އެމެރިކާ

08 އޮކްޓޯބަރ 2023

ވޮޝިންޓަން (އޮކްޓޯބަރު 8) - ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އިއްޔެއިން ފެށިގެން ކުރަމުންގެންދާ ހަނގުރާމަ އަށް އެހީވުމުގެ ގޮތުން، އިޒްރޭލަށް އިތުރު ހަތިޔާރާއި އަސްކަރީ އެހީ ފޮނުވަން ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިކަން މިއަދު ވިދާޅުވެއްޖެ އެވެ.

ވޮޝިންޓަން (އޮކްޓޯބަރު 8) - ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން އިއްޔެއިން ފެށިގެން ކުރަމުންގެންދާ ހަނގުރާމަ އަށް އެހީވުމުގެ ގޮތުން، އިޒްރޭލަށް އިތުރު ހަތިޔާރާއި އަސްކަރީ އެހީ ފޮނުވަން ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިކަން މިއަދު ވިދާޅުވެއްޖެ އެވެ.

އެ ގައުމުގެ ރައީސް ޖޯ ބައިޑަން އާ އެންމެ އަރިސް ވަޒީރު ބްލިކަން ވިދާޅުވީ ހަމާސް އާ ކުރިމަތިލުމަށް އިޒްރޭލުން ބޭނުންވާ އެންމެހާ ވަސީލަތެއް ފޯރުކޮށް ދިނުމަށް ބައިޑަން އަންގަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ އިޒްރޭލުން އެދިފައިވާ އިތުރު ރިކުއެސްޓްތަކަށް، ހީވަނީ މިއަދުގެ ކޮންމެވެސް ވަގުތެއްގައި އެކަމާ ބެހޭ ގޮތުން އިތުރު އިތުރު ތަފްސީލު މީޑިއާތަކަށް ލިބޭނެހެން،" ސީއެންއެން އަށް ބްލިންކަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ ކުއްލިގޮތަކަށް ހަމާސްއިން ދިން ހަމަލާ އަކީ އިޒްރޭލާއި ސައުދީ އަރަބިއްޔާ އާ ދެމެދު ގުޅުން ނޯމަލައިޒް ވަމުން ދިއުމުން އެކަމަށް ހުރަސްތައް ކުރިމަތި ކުރުމަށް ކުރި ކަމެއްކަން ޔަގީންވާ ކަމަށެވެ.

ހަމާސްއިން އިޒްރޭލަށް ދެމުންގެންދާ ހަމަލާތަކުގައި އިޒްރޭލުގައި ދިރިއުޅެމުންގެންދާ އެމެރިކާގެ ބައެއް ރައްޔިތުން މަރުވި ކަމުގެ ރިޕޯޓްތައް ލިބިފައިވަ ކަމަށް ބްލިކަން ވިދާޅުވި އެވެ.

"މިހާރު ކަށަވަރުކުރަމުން މިދަނީ މިހާތަނަށް އެމެރިކާގެ އެއްވެސް ރައްޔިތަކު ގެއްލިފައިވޭތޯ،" އޭނާ ވިދާޅުވި އެވެ.

އިއްޔެ ފެށި ހަނގުރާމައިގައި މިހާތަނަށް ދެ ފަރާތުން ހާހަކާ ގާތް ކުރާ އަދަދަކަށް މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައި ވެ އެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 600 މީހުން މަރުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން 370 މީހުން މަރުވެ، 2،000 ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފަ އެވެ.