Roadha Mihaaru
ރަސްގެފާނު ވަޑައިގަންނަވަނީ އަންނަ ހޮނިހިރުދުވަހު

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޮނިހިރުދުވަހު

12 މާޗް 2017

އޭޝިއާގެ ފަސް ގައުމަކަށް، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ކުރައްވާ ދަތުރުފުޅުގައި، މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން ރާއްޖެ އަށް ވަޑައިގަންނަވާނީ އަންނަ ހޮނިހިރުދުވަހު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އޭޝިއާގެ ފަސް ގައުމަކަށް، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ކުރައްވާ ދަތުރުފުޅުގައި، މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން ރާއްޖެ އަށް ވަޑައިގަންނަވާނީ އަންނަ ހޮނިހިރުދުވަހު ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ރަސްގެފާނު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި ރާއްޖޭގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީން ވެސް އެއްވެސް ވާހަކައެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ރަސްގެފާނު ރާއްޖެ ވަޑައިގެން، ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަވައި، އެކި ދާއިރާތަކުން ރާއްޖެ އަށް އެހީ ދިނުމުގެ އެއްބަސްވުންތަކުގައި ސޮއި ކުރައްވާނެ އެވެ.

އެނގިފައިވާ ގޮތުގައި، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ވިޔަފާރީގެ ދާއިރާ ހިމެނޭ ގޮތަށް މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސައޫދީ ރަސްގެފާނަށް މަރުހަބާ ދެންނެވުމުގެ ރިހާސަލަށް ޖުމްހޫރީ މައިދާނުގައި ރަތް ދޫލަ އަޅަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސައޫދީ ރަސްގެފާނަށް މަރުހަބާ ދެންނެވުމުގެ ރިހާސަލަށް ޖުމްހޫރީ މައިދާނުގައި ރަތް ދޫލަ އަޅަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރަސްގެފާނަށް ރަސްމީ އިއްޒަތުގައި ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވުމަށް، ރަސްމީ ފާލަމާއި ޖުމްހޫރީ މައިދާން އަންނަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރަމުންނެވެ. ރަސްގެފާނުގެ ދަތުރުފުޅަށް ހާއްސަކޮށް، ރަސްމީ ފާލަމާއި ބޮޑުތަކުރުފާނު މަގު ވެސް ވަނީ މަރާމާތުކޮށްފަ އެވެ.

ރަސްގެފާނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން އެ ގައުމުގެ ސިފައިން މިހާރު އަންނަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދެ ހެލިކޮޕްޓަރާ އެކު ސައޫދީގެ މަނަވަރެއް ވެސް މިދިޔަ ހަފުތާގައި ވަނީ ރާއްޖެ އައިސްފަ އެވެ.

ރަސްގެފާނަށް މަރުހަބާ ދެންނެވުމުގެ ރިހާސަލް ޖުމްހޫރީ މައިދާނުގައި ކުރިއަށް ދަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރަސްގެފާނަށް މަރުހަބާ ދެންނެވުމުގެ ރިހާސަލް ޖުމްހޫރީ މައިދާނުގައި ކުރިއަށް ދަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދަތުރުފުޅު ކަވަރުކުރަން، ސައޫދީ އަރަބިއްޔާގެ މީޑިއާތަކުގެ ގިނަ އަދަދެއްގެ ނޫސްވެރިން ވެސް މިހާރު ރައްޖޭގައި އެބަތިއްބެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައޫދީ ރަސްގެފާނުގެ ދަތުރުފުޅުގައި އެ މަނިކުފާނު މިއަދު ޖަޕާނަށް ވަޑައިގަންނަވާނެ އެވެ. އެ ގައުމުގައި ތިން ދުވަސް ހޭދަ ކުރައްވައި، ދެން ވަޑައިގަންނަވާނީ ޗައިނާ އަށެވެ. ރާއްޖެ ވަޑައިގަންނަވާނީ، އެ ގައުމުންނެވެ.

ސައޫދީ ރަސްގެފާނަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން ޒީނަތްތެރިކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސައޫދީ ރަސްގެފާނަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން ޒީނަތްތެރިކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރައީސް އޮފީހުގައި ބާއްވާ ރަސްމީ ބައްދަލުވުން ނިންމަވާލައްވައި ރަސްގެފާނު ދެން ވަޑައިގަންނަވާނީ ފަސް ދުވަހުގެ ޗުއްޓީއަކަށް ރާއްޖޭގެ ރިސޯޓަކަށެވެ. އެ މަނިކުފާނު ރާއްޖެ އިން ވަޑައިގަންނަވާނީ މި މަހުގެ 23-29 އަށް ޖޯޑަންގައި ބާއްވާ އަރަބި ސަމިޓަށެވެ.

ސަލްމާނަށް ރަސްކަން ލިބިވަޑައިގަތުމުގެ ކުރިން، ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު، ފެބްރުއަރީ 2014 ގައި ރާއްޖޭގެ ރިސޯޓެއްގައި ވަނީ އަގު ބޮޑު ޗުއްޓީއެއް ހޭދަކުރައްވައިފަ އެވެ.