Roadha Mihaaru

ޕަބްލިކް ޑިފެންޑާސްގެ ނަމުގައި ދައުލަތުގެ ދިފާއީ ވަކީލުންގެ އޮފީހެއް ހަދަނީ

ޕަބްލިކް ޑިފެންޑާސް އޮފީސްގެ ނަމުގައި ދައުލަތުން ދިފާއީ ވަކީލުންގެ އޮފީހެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމް ކުރަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

06 ފެބުރުއަރީ 2025

ޕަބްލިކް ޑިފެންޑާސް އޮފީސްގެ ނަމުގައި ދައުލަތުން ދިފާއީ ވަކީލުންގެ އޮފީހެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވެވުމަށް މަޖިލީހުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށް ވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ.

އެކަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލާއިރު ކުރިއަރާފައިވާ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި "ޕަބްލިކް ޑިފެންޑާސް އޮފީސް" ނަމުގައި ދައުލަތުގެ ދިފާއީ ވަކީލުންގެ އޮފީހެއް ގާއިމް ކޮށްފައި ހުންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައިއެ އޮފީސް ގާއިމް ކުރުމުން، ޖިނާއީ މައްސަލަތަކުގައި އަމިއްލައަށް ވަކީލުން ނެގުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދިފާއީ ވަކީލުން ހަމަޖައްސައިދޭނީ އެ އޮފީހުންނެވެ. މި ނިޒާމު ބައްޓަންކުރަން ޖެހޭނީ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވަކީލެއްގެ އެހީތެރިކަން ލިބޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކޮށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދޭނެ، އެކަމަށް ތަހްސީސް ވެގެން ތިބޭނެ ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑު ގަސްދުކުރަނީ މި އަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާބެހޭ ހާއްސަ ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ނިޒާމް ގާއިމުކޮށްދޭން."

އަމިއްލައަށް ވަކީލުން ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން މިހާރު ވެސް ވަކީލުން ހަމަޖައްސައިދެ އެވެ. މިހާރު އެކަން ކުރަނީ ބަންޑާރަ ނައިބުގެ އޮފީސް މެދުވެރިވެގެންނެވެ.

ރައީސް ވިދާޅުވީ ޝަރުއީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން އެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭން ސަރުކާރުން އިސްކަންދޭނެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ޝަރުއީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު، އަޅުގަނޑު ވައުދުވީ ގޮތަށް އިރާދަކުރެއްވިއްޔާ ގެނައުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.