Roadha Mihaaru

ޖޭއެސް އިން ބުނީ މީކާއިލްއާ ގުޅޭ ޕޯސްޓު ޑިލީޓް ކުރީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ލިބުމުން ކަމަށް

ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން ކިޔަވައި ވިދާޅުވި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ތައުރީފުކޮށް، އެ ސްކޫލުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމަށް ފަހު، އެ ޕޯސްޓް ޑިލީޓް ކުރަން ޖެހުނީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރުމުން ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ޕޯސްޓު ފޮހެލީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ލިބުމުން!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 ފެބުރުއަރީ 2025

ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން ކިޔަވައި ވިދާޅުވި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ތައުރީފުކޮށް، އެ ސްކޫލުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމަށް ފަހު، އެ ޕޯސްޓް ޑިލީޓް ކުރަން ޖެހުނީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރުމުން ކަމަށް އެ ސްކޫލުން ބުނެފި އެވެ.

ޖޭއެސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އަންނަނީ އެ ތަނުން ތައުލީމު ހާސިލްކޮށް، ސްކޫލަށް ރީތި ނަން ހޯދައި ދިން މީހުންގެ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އެހެންވެ، އިއްޔެ ހަވީރު ޖޭއެސް އިން ވަނީ މީކާއިލް އެ ސްކޫލްގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ހޯއްދެވި ކާމިޔާބީތައް ފާހަގަކޮށް ޕޯސްޓެއް ކޮށްފަ އެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން އެ ސްކޫލުން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކުން އެ ޕޯސްޓް ފޮހެލި އެވެ.

އެކަމާ ގުޅިގެން މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި، ޖޭއެސް އިން އެ ޕޯސްޓު ޑިލީޓްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށެވެ. އޭނާ ވަނީ ސަރުކާރުން ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލުތައް ވައްދާ ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފަ އެވެ.

އެކަމަކު، އެ ތުހުމަތުތައް ދޮގުކޮށް ޖޭއެސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މީކާއިލްގެ ޕޯސްޓު ފޮހެލީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނޫން ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކޮމިޓީއެއްގައި.--- ފޮޓޯ: މިހާރު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކޮމިޓީއެއްގައި.--- ފޮޓޯ: މިހާރު

ޖޭއެސްގެ ބަޔާނުގައި ބުނީ، "ސްކޫލަކީ ތައުލީމާއި ތަރުބިއްޔަތު ދޭ މުއައްސަސާއަކށް ވެފައި މި ސްކޫލަށް ނިސްބަތްވާ ކުރީގެ ދަރިވަރު [މީކާއިލް] ގެ ފަރާތުން އަދުގެ ދަރިވަރުންނަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން" ޕޯސްޓް ފޮހެލީ ކަމަށެވެ.

މި ޕޯސްޓް ފޭސްބުކާއި އެކްސް އިން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޕްރެޝަރު ކޮށްގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމުގައި ހާމަކުރަމެވެ،"--- ޖޭއެސް

"އެފަދަ ކަންކަމަކީ ސްކޫލުން ގަބޫލުރާ އަހުލާގީ މިންގަނޑުން ބޭރު ކަމެއް ކަމަށް ވާތީ އާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް ސްކޫލަށް ލިބެމުންދިއުމާ ގުޅިގެން،" މީކާއިލް އަށް ތައުރީފުކޮށް ކުރި ޕޯސްޓް ޑިލީޓްކުރި ސަބަބާ ގުޅޭ ގޮތުން ޖޭއެސް އިން ބުންޏެވެ.

ޖޭއެސް އިން ބުނިގޮތުގައި، މީކާއިލްއާ ގުޅޭ ސޯޝަލް މީޑިއާ ޕޯސްޓް ޑިލީޓްކުރީ އެލުމްނާއީ ޕްރޮފައިލް ކޮމިޓީގެ ވެސް މަޝްވަރާގެ މަތިންނެވެ.

"މި ޕޯސްޓް ފޭސްބުކާއި އެކްސް އިން ޑިލީޓްކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ޕްރެޝަރު ކޮށްގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އެއީ ސައްހަ މައުލޫމާތެއް ނޫން ކަމުގައި ހާމަކުރަމެވެ،" ޖޭއެސްގެ ބަޔާނުގައި ވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ، ޖޭއެސް އިން ޕޯސްޓް ފޮހެލި މައްސަލާގައި މީކާއިލްގެ ކަންބޮޑުވުން ފެނިވަޑައިގަތީ ފޭސްބުކުން ކަމަށެވެ. އެއީ ގޯސްކޮށް ހިނގާފައިވާ ކަމެއް ކަމަށާއި އެންމެ ރަނގަޅު މައުލޫމާތު އެނގިވަޑައިގަންނަވާނީ ޖޭއެސްގެ ޕްރިންސިޕަލަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީކާއިލް ވަނީ ޖޭއެސް އިން އޭނާގެ ކުރިއެރުން ފާހަގަކޮށް ކުރި ޕޯސްޓު ވެސް ފަހުން އާންމު ކޮށްފަ އެވެ.

އެ ޕޯސްޓުގައި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ހޮވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި މީކާއިލް ހިމެނޭކަން ފާހަގަކޮށްފަ އެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އޭނާ ހާސިލް ކުރައްވާފައިވާ ކާމިޔާބީތައް ވެސް ޖޭއެސްގެ ޕޯސްޓުގައި ވެ އެވެ.