Roadha Mihaaru
އޯޓިޒަމް މުބާރާތަކުން އެއްވަނަ ދިވެހި ކުއްޖަކަށް

އޯޓިސްޓިކް ކުދިންގެ ބައިނަލްއަގްވާމީ މުބާރާތަކުން އަނެއްކާ ވެސް ދިވެހި ކުއްޖަކު އެއްވަނަ ހޯދައިފި

19 ސެޕްޓެމްބަރ 2017

އޯޓިސްޓިކް ކުދިންގެ ހުނަރު ދައްކާލުމަށް ކޮންމެ އަހަރަކު ވެސް ހޮންކޮންގްގައި ބާއްވަމުން އަންނަ އޯޓިޒަމް ގާލާއިން އަނެއްކާ ވެސް ދިވެހި ދަރިވަރަކު އެއްވަނަ ހޯދައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އޯޓިސްޓިކް ކުދިންގެ ހުނަރު ދައްކާލުމަށް ކޮންމެ އަހަރަކު ވެސް ހޮންކޮންގްގައި ބާއްވަމުން އަންނަ އޯޓިޒަމް ގާލާއިން އަނެއްކާ ވެސް ދިވެހި ދަރިވަރަކު އެއްވަނަ ހޯދައިފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވާ މި މުބާރާތުގައި މި ފަހަރު ވަނަ ހޯދީ، އުމުރުން 10 އަހަރުގެ މަރިޔަމް ލުމައިހާ އާދިލް އެވެ. މި މުބާރާތް މިދިޔަ އަހަރު ވެސް ދިވެހި ކުއްޖަކު ވަނީ ކާމިޔާބުކޮށްފަ އެވެ.

ލުމައިހާއާ އެކު ދިވެހި އިތުރު ފަސް ކުއްޖަކު ވެސް ބައިވެރިވި މުބާރާތުގައި އެކި ގައުމުތަކުން 69 ކުއްޖަކު ބައިވެރިވި އެވެ.

ލަވަ އާއި މަދަހަ ކިޔުމާއި ނެށުން ފަދަ ހުނަރުވެރިކަން ދައްކާލާ މި މުބާރާތުގައި ލުމައިހާ ކިޔާފައިވަނީ ހިންދީ ލަވަ އެކެވެ. އެ ލަވަ އޭނާ ކިޔާފައިވަނީ އަންހެން އަޑުންނާއި ފިރިހެން އަޑުންނެވެ.

ކުދިންގެ ހުނަރުވެރިކަން ދައްކާލާ ވީޑިއޯ ފޮނުވުމުން، އެއަށް މާކްސް ދެނީ މުބާރާތުގެ ފަނޑިޔާރުންނާއި އާއްމުންގެ ވޯޓުންނެވެ. އޮންލައިންކޮށް ވޯޓު ދިނުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދެ އެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ބުނީ މި އަހަރު އެ މުބާރާތުގައި ބައިވެރިވި އެ ތަނުގެ ފަސް ކުދިން ވެސް، މުބާރާތުގެ ގަދަ 20 ގައި ހިމެނިފައިވާ ކަމަށެވެ.

ފައިސާގެ އިނާމެއް ނުލިބުނު ނަމަވެސް ވަނަ ލިބޭ ކުދިން، ހޮންކޮންގަށް ގެންގޮސް އެ ކުދިންނަށް ހާއްސަ ވޯކްޝޮޕެއް ބާއްވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. ކުދިންގެ ހުނަރުވެރިކަން ތަރައްގީ ކުރާ މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.