Roadha Mihaaru
އަދިވެސް ބޭނުންވަނީ މުޖުތަމައުގެ އަޅާލުން: އެމްއޭއޭ

އަދިވެސް ބޭނުންވަނީ މުޖުތަމައުގެ އަޅާލުން: އެމްއޭއޭ

02 އެޕްރީލް 2017

ދުނިޔޭގެ އޯޓިޒަމް ކުދިންގެ ދުވަސް މިއަދު ފާހަގަކުރާއިރު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) ގެ އެންމެ ބޮޑު އެދުމަކީ އެފަދަ ކުދިންނަށް އަޅާލައި، މުޖުތަމައުން އެ ކުދިން ބަލައިގަތުމެވެ. އުނިކަމެއް ހުއްޓަސް، އެ ކުދިންގެ ހުނަރުވެރިކަން ކުރިއަރުވައިދިނުމުގައި އެންމެން އެހީތެރިވުމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުނިޔޭގެ އޯޓިޒަމް ކުދިންގެ ދުވަސް މިއަދު ފާހަގަކުރާއިރު މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) ގެ އެންމެ ބޮޑު އެދުމަކީ އެފަދަ ކުދިންނަށް އަޅާލައި، މުޖުތަމައުން އެ ކުދިން ބަލައިގަތުމެވެ. އުނިކަމެއް ހުއްޓަސް، އެ ކުދިންގެ ހުނަރުވެރިކަން ކުރިއަރުވައިދިނުމުގައި އެންމެން އެހީތެރިވުމެވެ.

އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސެއިން ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީނުކޮށް ތައުލީމް ފޯރުކޮށްދިނުމުގެ ނިޒާމް ގާއިމްވެފައި ވިއަސް، އަދިވެސް ބައެއް ސްކޫލުތަކުން އޯޓިޒަމް ކުދިން މަހުރޫމް ކޮށްލާ ކަމަށެވެ. އެއީ، އެ ޖަމިއްޔާއިން ދެކޭ ގޮތުގައި، އޯޓިސްޓިކް ކުދިންނަށް ދިމާވާ އެންމެ ހިތްދަތި އެއް ކަންތަކެވެ.

"ހުރިހާ ސްކޫލަކުން ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފުރުސަތު ދޭން ޖެހޭ. މަދު ފަހަރެއްގައި ނަމަވެސް އެބަ އާދޭ މަހުރޫމްކޮށްލާ ފަހަރު،" އިފްހާމް ވިދާޅުވި އެވެ.

"ޗެލެންޖިން ބިހޭވިއާ ވީމަ ކިޔަވައިދޭ ގަޑި ކުޑަކުރޭ. އޯޓިޒަމް ކުދިންނަކީ އެކި ކަންކަމަށް މޮޅު ކުދިން. ބައެއް ކުދިން ޕީއީ އަށް، އަނެއް ބައި ކުދިން ޕީއޭ އަށް. އެގޮތަށް ގަޑި ކުޑަކޮށްލީމަ އެ ކުދިންގެ ހުނަރު ކުރިއަރުވަން އުނދަގޫތަކެއް އެބަ އާދޭ."

އިފްހާމް ވިދާޅުވީ އޯޓިސްޓިކް ކުދިންނާ މެދު ކަންތައް ކުރާ ގޮތް ކުރިއަށް ވުރެ ރަނގަޅު ވިއަސް ޗެލެންޖިންތަކެއް އެބަ ހުރި ކަމަށެވެ. ދިމާވާ ދަތިތައް މަދުކުރެވޭނީ ހުރިހާ އެންމެންގެ ވެސް އެހީތެރިކަން ލިބިގެންކަން އޭނާ ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ އާބާދީގެ އެއް ޕަސެންޓް މީހުންގެ ކޮންމެވެސް ސިފައެއްގައި އޯޓިޒަމް ހުރެ އެވެ. ރާއްޖޭގައި އޯޓިޒަމްގެ ހާލަތު އެކަށީގެންވާ ގޮތެއްގައި ދެނެގަނެވޭނެ ދިރާސާއެއް ހެދިފައި ނެތަސް، ރާއްޖޭގައި ވެސް އޯޓިސްޓިކް ކުދިން މަދުނުވާނެ ކަމަށް ބެލެވެ އެވެ.

އޯޓިޒަމް ކުދިންގެ ބޭރު ފެށުން، އެހެން ކުދިންނާ ވަކި ތަފާތެއް ނުފެނެ އެވެ. އެކަމަކު ތަންތަނަށް ގޮސް އެކުދިން އުޅޭ ގޮތުން މީހުން މަލާމާތްކުރެ އެވެ.

"އެކަހަލަ ކުދިންނަކީ ބޭރު ފުށުން ނުކުޅެދުންތެރިކަން ފެންނަން ހުންނަ ކުދިންނަށް ނުވުުމުން، ޕާކު ކަހަލަ ތަންތަނަށް ގެންދިޔަސް އެ ކުދިން އުޅޭ ގޮތުން މީހުން މަލާމާތްކުރޭ. އެ ގޮތަކަށް ކަންތައް ކުރީމަ، އެ ތަންތަނަށް ކުދިން ނުގެންދޭ،" އިފްހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޯޓިކްސްޓިކް ކުދިންނަށް ހުރިހާ ކަމެއް ވެސް ޖެހޭނީ ދަސްކޮށްދޭން ކަމަށެވެ.

"ވަޒީފާގެ މާހައުލުގައި ކުދިން ކަންތައްތައް ކުރަން ޖެހޭ ގޮތް ވެސް، އެންމެ ފުރަތަމައިން ފެށިގެން ދަސްކޮށްދޭން ޖެހޭނީ. ވަރަށް ޗެލެންޖިން އެކަމަކު މިކަން ކުރެވޭނެ،" އިފްހާމް ވިދާޅުވި އެވެ.

އޯޓިސްޓިކް ކުދިންނަށް ފަރުވާ ދޭން އެމްއޭއޭ އިން އަންނަނީ ސެންޓަރެއް ހިންގަމުންނެވެ. އެތަނުން އޯޓިސްޓިކް ކުދިންނަށް ބޭނުންވާ ހުރިހާ ތެރަޕީއެއް ލިބެ އެވެ. އެހެންކަމުން އެ ކުދިންނަށް ބޭނުންވާ ފަރުވާއެއް ނުލިބިގެން ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ކަމަށް ޖަމިއްޔާއިން ބުނެ އެވެ.

އެމްއޭއޭ އިން މިހާރު އަަންނަނީ ހުޅުމާލޭގައި މުޅިން އާ ސެންޓަރެއް ގާއިމްކުރަމުންނެވެ. މިހާރު ދިމާވެފައި އޮތް ޖާގައިގެ މައްސަލަ، އެތަން ހުޅުވުމުން ހައްލުވާނެ ކަމަށް ޖަމިއްޔާ އިން ބުނެ އެވެ.