Roadha Mihaaru
އޯޓިސްޓިކް ކުދިންނަށް ނިއުލެގޫންއިން ފަތަން ދަސްކޮށްދެނީ

އޯޓިސްޓިކް ކުދިންނަށް ނިއު ލެގޫން ސްވިމިން ކްލަބުން ފަތަން ދަސްކޮށްދޭން ފަށައިފި

24 ޖެނުއަރީ 2020

އޯޓިސްޓިކް ކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ނިއު ލެގޫން ސްވިމިން ކްލަބުން މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޯޓިސްޓިކް ކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ނިއު ލެގޫން ސްވިމިން ކްލަބުން މިއަދު ފަށައިފި އެވެ.

ނިއު ލެގޫން ކްލަބްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމް، ރަސްފަންނުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލެވެ. އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވަނީ ހާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

އެ ކްލަބްގެ ހެޑް ކޯޗު އިސްމާއިލް ފަރުހާން "މިހާރު" އަށް ބުނީ އޯޓިސްޓިކް ކުދިންނަށް ފަތަން ދަސްކޮށްދިނުމަށް 2015 ވަނަ އަހަރު ވެސް ޕްރޮގްރާމެއް ހިންގި ކަމަށެވެ. އޭގެ އަހަރެއް ފަހުން އޭރުގެ ތިލަފުށީ ކޯޕަރޭޝަނުން އެ ހަރަކާތް ސްޕޮންސާކުރި އެވެ. ނަމަވެސް ބެޗެއްގައި 10 ކުދިން ބައިވެރިކޮށްގެން ފެށި ޕްރޮގްރާމް މިދިޔަ އަހަރުގެ ކުރީ ކޮޅު ހުއްޓާލި އެވެ. އޭރު ތިރީހަކަށް ކުދިންނަށް ފަތަން ދަސްކޮށްދީފައި ވެ އެވެ.

އޯޓިސްޓިކް ކުދިންނަށް ފަތަން ދަސްކޮށްދޭން ރަސްފަންނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ނިއު ލެގޫން ސްވިމިން ކްލަބް

އޯޓިސްޓިކް ކުދިންނަށް ފަތަން ދަސްކޮށްދޭން ރަސްފަންނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން-- ފޮޓޯ: ނިއު ލެގޫން ސްވިމިން ކްލަބް

މެދުކެނޑުމަކަށް ފަހު މިއަދު ފެށި ޕްރޮގްރާމުގައި ވެސް 10 ކުދިން ބައިވެރިވެފައި އެވެ.

ފަތަން ދަސްކޮށްދޭނެ ކުދިން ހޮވާފައިވަނީ އޯޓިޒަމް އެސޯސިއޭޝަނުންނެވެ. އެއިން ކޮންމެ ކުއްޖަކަށް ކޯޗެއް ހަމަޖައްސާފައިވާއިރު ކޮންމެ ހަފުތާ ބަންދެއްގެ ހެނދުނު 9-10 އަށް ފަތަން ދަސްކޮށްދޭނެ ކަމަށް ބުންޏެވެ.

"ފަތަން އެނގޭ ވަރަކުން ކުދިން ރިޕްލޭސް ކުރަމުން ދާނީ،" ފަރުހާން ބުންޏެވެ.

މިފަހަރުގެ ޕްރޮގްރާމަށް ދިރާގުން ވަނީ އެ ކުދިންގެ ޖޯޒީ ސްޕޮންސާ ކޮށްދޭން ނިންމައިފަ އެވެ.

ނިއު ލެގޫން ސްވިމިން ކްލަބަކީ ގައުމީ ފެންވަރުގެ ފެތުންތެރިން އުފައްދަން މީގެ އަށް އަހަރު ކުރިން އުފެއްދި ކްލަބެކެވެ.