Roadha Mihaaru

އެމެރިކާގެ ޓްރެޒަރީގެ ޑޭޓަތައް މަސްކުގެ "ޑޮޖް" ޑިޕާޓްމަންޓަށް ދިނުން ކޯޓުން ހުއްޓުވައިފި

އެމެރިކާ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މަހުޖަނު އީލޮން މަސްކުގެ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް) އަށް، ޓްރެޒަރީ ޑިޕާޓްމަންޓުގައި ހުރި މީހުންގެ ޒާތީ މައުލޫމާތާއި މާލީ ޑޭޓާތައް ދިނުން މަނާކޮށް ކޯޓަކުން ވަގުތީ އަމުރެއް ނެރެފި އެވެ.

މަސްކުގެ އޮފީހަށް ޓްރެޒަރީގެ ޑޭޓާ ދިނުން ހުއްޓުވައިފި

އެމެރިކާ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މަހުޖަނު އީލޮން މަސްކުގެ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް) އަށް، ޓްރެޒަރީ ޑިޕާޓްމަންޓުގައި ހުރި މީހުންގެ ޒާތީ މައުލޫމާތާއި މާލީ ޑޭޓާތައް ދިނުން މަނާކޮށް ކޯޓަކުން ވަގުތީ އަމުރެއް ނެރެފި އެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް ޕޯލް އޭ އެންގަލްމަޔާގެ އަމުރުގައި، ޓްރެޒަރީ ޑިޕާޓްމަންޓުގެ ޕޭމަންޓް ސިސްޓަމްތަކާއި އެހެނިހެން ޑޭޓާތަކަށް "ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނާއި ސަރުކާރުގެ ހާއްސަ މުވައްޒަފުންނަށާއި ޓްރެޒަރީ ޑިޕާޓްމަންޓުން ބޭރު، އެޖެންސީއެއްގެ ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް" އެކްސެސް ދިނުން ވަނީ މަނާކޮށްފަ އެވެ.

މި މަހުގެ 14 ވަނަ ދުވަހަށް ތާވަލްކޮށްފައވާ އަޑުއެހުން ނިމެންދެން އަމަލުކުރުން ލާޒިމްވާ ގޮތަށް ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރެއްވި ފަހުން ޓްރެޒަރީ ޑިޕާޓްމަންޓުގެ ރެކޯޑުތަކުން، އަމުރުގައި ބަޔާންކުރާ ދާއިރާގައި ހިމެނޭ އެއްވެސް މީހަކަށް އެކްސެސް ދީފައިވާ ނަމަ އެ އެކްސެސް ކަނޑާލުމަށާއި ޑޭޓާ ދީފައިވާ ނަމަ އެ އެއްޗެއް ނައްތާލަން ވެސް ޖެހޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް ގެންދަވަނީ ޑޮޖްގެ ދަށުން، ފެޑެރަލް ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ޓްރަމްޕާއި ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީ އާއޮ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓްގެ މި މައްސަލަ ހުށަހެޅުއްވީ 19 ސްޓޭޓެއްގެ އެޓާނީ ޖެނެރަލުންނެވެ. އެ ބޭފުޅުން ވިދާޅުވެފައި ވަނީ މަސްކާ ހަވާލުކޮށްފައިވާ ޑިޕާޓްމަންޓްތަކަށް ޓްރެޒަރީގެ އެކްސެސްތައް ދިނުމަކީ ސަރުކާރުން ގާނޫނާ ހިލާފަށް ކުރި ކަމެކެވެ.

މަސްކާއި އާއި އޭނާގެ ޓީމުން ޓްރެޒަރީ ޑިޕާޓްމަންޓުގެ ސެންސިޓިވް ޑޭޓާތަކަށް ވަދެ ބަލަމުންދާ ކަމަށް މަސްކް މިދިޔަ ހަފްތާގައި ވިދާޅުވުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ޓްރެޒރީގެ އިންޓާނަލް އެސެސްމަންޓެއްގައި ބުނެފައި ވަނީ ފެޑެރަލް ޕޭމަންޓް ސިސްޓަމްތަކަށް ޑޮޖް ޓީމުން ވަނުމަކީ ބިއުރޯ އޮފް ދަ ފިސްކަލް ސާވިސްއަށް މިހާތަނަށް "އެތެރެއިން ކުރިމަތިވި" ކުރިމަތިވި އެންމެ ބޮޑު ނުރައްކާ ކަމަށެވެ. -- އޭއެފްޕީ