Roadha Mihaaru
ދަސްވާރު ޕްރޮގްރާމަށް ލަންކާ އިން ތައުރީފުކޮށްފި

"ދަސްވާރު" ޕްރޮގްރާމަށް ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު ތައުރީފު ކުރެއްވި: އައިޝަތު ޝިހާމް

12 މާޗް 2017

ތައުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް ރާއްޖެ އިން ހިންގާ "ދަސްވާރު" ޕްރޮގްރާމަށް، ސްރީ ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު އަކީލާ ވިރާޖު ކަރިޔަވަސަމް މިއަދު ތައުރީފު ކުރެއްވި ކަމަށް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

ތައުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް ރާއްޖެ އިން ހިންގާ "ދަސްވާރު" ޕްރޮގްރާމަށް، ސްރީ ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު އަކީލާ ވިރާޖު ކަރިޔަވަސަމް މިއަދު ތައުރީފު ކުރެއްވި ކަމަށް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ލަންކާގެ އެޑިއުކޭޝަން މިނިސްޓަރުގެ ދަތުރާ ގުޅޭ ގޮތުން ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަމުންނެވެ.

އައިޝަތު ޝިހާމް ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތާ ގުޅިގެން، ދިވެހި ސަރުކާރަށާއި ރައީސް ޔާމީނަށް، ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު "ވަރަށް ހެޔޮ ބަސްފުޅު ތަކެއް" ދެންނެވި ކަމަށެވެ.

އައިޝަތު ޝިހާމް ފާހަގަކުރެއްވި ގޮތުގައި، ހިލޭ ކިޔަވައި ދިނުމާއި ސްކޫލުތަކުގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ކޯސްތައް ކުރިއަށް ގެންދިއުމުގެ ވިސްނުން ލަންކާގެ ސަރުކާރުން ވެސް ގެންގުޅެ އެވެ.

ލަންކާގެ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރެއްވުމަށް ފަހު، ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ރާއްޖެ އާއި އެ ގައުމާ ދެމެދު ކުރިއަށް ގެންދާ ކަމަށެވެ. މީގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މީހުންނާއި ޕްރިންސިޕަލުން ހިމެނޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ސަގާފަތް ރައްކާތެރިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އާއި ލަންކާއާ ދެމެދު ވަރަށް އަވަހަށް ސޮއިކުރާނެ އެވެ.

ސްރީ ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ތައުލީމު ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް އެ ގައުމުގެ ސަރުކާރުން ދޭނެ ކަމަށެވެ. އޭގެ ނަތީޖާ އަކީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.