Roadha Mihaaru
"ސާސްކަފުގެ ލަނޑުދަނޑިތަކަށް މަސައްކަތް ކުރާނަން"

ސާސްކަފުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރަން މަސައްކަތް ކުރާނަން: އެޑިއުކޭޝަން މިނިސްޓަރު

04 ނޮވެމްބަރ 2017

ސާސްކަފުގެ ތަރައްގީގެ ލަނޑުދަނޑިތައް ނުވަތަ މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް (އެމްޑީޖީ) ހާސިލު ކުރަން ރަނގަޅު އަޒުމެއްގައި ރާއްޖެ އިން މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސާސްކަފުގެ ތަރައްގީގެ ލަނޑުދަނޑިތައް ނުވަތަ މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް (އެމްޑީޖީ) ހާސިލު ކުރަން ރަނގަޅު އަޒުމެއްގައި ރާއްޖެ އިން މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފްރާންސްގައި މިހާރު ކުރިއަށް ގެންދާ ޔުނެސްކޯގެ 39 ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ރާއްޖެ އޮތީ އެހެން ގައުމުތަކާއި އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކާއެކު، ހާސިލްކޮށްފައިވާ އެމްޑީޖީގެ ހަ ލަނޑުދަނޑީގެ ކަންކަން ކުރިއަށް ގެންދިއުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅަން ތައްޔާރަށް ކަމަށެވެ.

"އިތުރަށް ހާސިލް ކުރަން ހުރި ލަނޑުދަނޑިތަކަށް ވެސް ވަރުގަދަ އަޒުމެއްގައި މަސައްކަތް ކުރަން ވެސް ތައްޔާރު،" ތައުލީމާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

ސާސްކަފުގެ ތަރައްގީގެ ލަނޑުދަނޑިތަކުގައި ހިމެނެނީ ތައުލީމީ ދާއިރާ އާއި ދެ ޖިންސުގެ ހަމަހަމަ ކަމާއި ތުއްތުކުދިން މަރުވާ މިންވަރު މަދުކުރުމާއި ދަރިމައިވުމުގެ ސިއްހަތާއި އެޗްއައިވީ އެއިޑްސް އާއި މެލޭރިއާ ފަދަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި ތިމާވެށި ހިމާޔަތް ކުރުން އަދި ގައުމުތައް ގުޅިގެން މަސައްކަތް ކުރުމެވެ.

އެ ދާއިރާތަކުން ލަނޑުދަނޑިތަކެއް ކަނޑައަޅައި އެކަންކަން ހާސިލު ކުރުމަށް އދ. ގައި ހިމެނޭ ހުރިހާ ގައުމަކުން އެއްބަސްވެފައި ވަނީ 2000 ވަނަ އަހަރު އެވެ.

އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި އުމުރުން 4-18 އަހަރާ ދެމެދުގެ ކުދިންނަށް ހިލޭ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާއިރު، އޭގެ ނަތީޖާވެސް ރަނގަޅު ކަމަށެވެ.

އެގޮތުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި ރާއްޖޭގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް 98 ޕަސެންޓްގައި ހުރުމާއި 90 ޕަސެންޓްގެ ކުދިން ޖީސީއީ އޯލެވެލް އާއި އެސްއެސްއީ އިމްތިހާން ހަދާފައިވުމެވެ.

ކުދިންގެ ހުނަރު އިތުރު ކުރުމަށް ތައުލީމީ މުގައްރަރުގައި މުހިންމު ބައިތަކެއް ހިމަނާފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި މޮނީޓަރިން އަދި މެނޭޖުމަންޓް ސިސްޓަމާއި ޓީޗަރުންގެ ކިބައިގައި ވަކި ފެންވަރެއް ހުރުން ލާޒިމް ކުރުން ހިމެނެ އެވެ.

އިންސާނީ ހައްގުތައް ހިމާއަތް ކުރުމަށް އެންމެ ރަނގަޅު ގޮތަކީ މީހުން ބިނާކުރުން ކަމަށާއި ސަރުކާރުން އިސްކަން ދެނީ ޒުވާނުންނާއި އަންހެނުންގެ އިތުރުން ކުޑަކުދިން ބާރުވެރި ކުރުވމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒުވާނުން ބިނާކުރުމަށް ސަރުކާރުން އިސްކަންދީގެން އެތައް ހަރަކާތެއް ހިންގަމުން އަންނަކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.