Roadha Mihaaru

ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ފިޔަވަޅުތައް އަޅަން ފަށައިފި

ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ހުރި ކަމަށް އާންމުންގެ ފަރާތުން ޝަކުވާތައް ލިބެމުންދާތީ، އެކަން ހައްލު ކުރަން އެސްޓީއޯ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް

ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ހުރި ކަމަށް އާންމުންގެ ފަރާތުން ޝަކުވާތައް ލިބެމުންދާތީ، އެކަން ހައްލު ކުރަން އެސްޓީއޯ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

އެހެންވެ، އެސްޓީއޯ އާއި ޑޮކްޓަރުންގެ ޔޫނިއަން އާއި މެޑިކަލް އެސޯސިއޭޝަންގެ ބޭފުޅުން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.

އެސްޓީއޯ އިން ބުނީ، އެ މަޝްވަރާގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާ މެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާ އެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

އެ ބައްދަލުވުމުގައި ބައެއް ކަންކަން ވަނީ ނިންމައިފަ އެވެ. އެއީ:

1- ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެސްޓީއޯ އާއި އާސަންދަ އާއި އެމްއެފްޑީއޭ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުން.

2- އެސްޓީއޯ އިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ހާއްސަ ކޮށްގެން އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރުން.

އެސްޓީއޯ އިން ބުނީ، އެ ކުންފުންޏާއި އާސަންދަ އާއި އެމްއެފްޑީއޭ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް އެކުލަވައިލާ ކޮމިޓީގެ ސަބަބުން، ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ދިމާވާ ދަތިތަކާ މެދު މަޝްވަރާކޮށް، އެކަށީގެންވާ ރަނގަޅު މައުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވާނެ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް ވިދާޅުވީ، ބޭސްތައް ލިބުމުގެ ދަތިކަން ހައްލު ކުރުމަށް އެމްއެފްޑީއޭއާ ގުޅިގެން އެސްޓީއޯ އިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ބައެއް ފަހަރު ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު، ވަކި ބްރޭންޑެއްގެ ބޭސް ލިޔެފައި ހުރުމުގެ ސަބަބުން ބޭސް ދޫކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.