ޑޮކްޓަރުން ވަކި ގޮތަކަށް ބޭސް ލިޔުމުގެ ސަބަބުން ބޭސް ނުލިބޭ ކަމަށް ދެއްކެވޭ ވާހަކަތަކަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ރައްދު ދީފި އެވެ.
11 ފެބުރުއަރީ 2025
ޑޮކްޓަރުން ވަކި ގޮތަކަށް ބޭސް ލިޔުމުގެ ސަބަބުން ބޭސް ނުލިބޭ ކަމަށް ދެއްކެވޭ ވާހަކަތަކަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ރައްދު ދީފި އެވެ.
އެ އެސޯސިއޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މަދު ހާލަތެއްގައި ފިޔަވައި ޑޮކްޓަރުން ބޭސް ސިޓީގައި ލިޔަނީ ބޭހުގެ އަސްލު ނަން ނުވަތަ ޖެނެރިކް ނަން ކަމަށެވެ. ވަކި ބްރޭންޑެއް އިސްކުރަންޖެހޭ ހާލަތެއްގައި އެކަން ކުރުމުގެ އިހްތިޔާރު ވެސް ޑޮކްޓަރުންނަށް ލިބޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
މިސާލެއްގެ ގޮތުގައި މެޑިކަލް އެސޯސިއޭޝަނުން ބުނީ ބޭނުންކުރަންޖެހޭ ބޭހެއްގެ އެއް ބްރޭންޑަށް ބަލި މީހާގެ އެލާޖިކެއް ހުންނަ ނަމަ އެ ބޭހުގެ އެހެން ބްރޭންޑެއް ދޭނެ ކަމަށެވެ.
"ވަކި ބްރޭންޑެއްގެ އަސަރު ދެން ހުންނަ ބްރޭންޑުތަކަށް ވުރެ ރަނގަޅު ކަމަށް ބެލެވޭ ނަމަ، އެ ބްރޭންޑެއްގެ އިސްކުރުމުގެ ފުރިހަމަ އިހްތިޔާރު ޑޮކްޓަރަށް ލިބިގެންވެ އެވެ. އަދި އެ ހައްގު މި ޖަމިއްޔާ އިން ދިފާއުކުރަމެވެ." މެޑިކަލް އެސޯސިއޭޝަނުގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ވަނީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަށް ސަރުކާރާއި އާސަންދައިން ގުޅިގެން ކުރާ މަސައްކަތަށް އެޖަމިއްޔާ އިން އެއްބާރުލުން ދޭނެ ކަމަށް ވެސް ބުނެފަ އެވެ.
އެ އެސޯސިއޭޝަނުން އެގޮތަށް ބުނިއިރު ރާއްޖެއަށް ބޭސް ގެންނަ އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި ބޭސް ސިޓީގައި ވަކި ބްރޭންޑެއްގެ ބޭސް ލިޔެފައި ހުރުމުގެ ސަބަބުން ބޭސް ދޫކުރަން އުނދަގޫތަކެއް ކުރިމަތިވެ އެވެ.
ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަދީފައިވާ ބޭހުގެ ލިސްޓުގައި ގާތްގަނޑަކަށް 4،000 ބާވަތެއްގެ ބޭސް ހިމެނެ އެވެ. އެކަމަކު އެ ލިސްޓުގައި ނެތް ބޭސްތައް ވެސް ބައެއް ފަހަރު ޑޮކްޓަރުން ބޭސް ސިޓީގައި ލިޔާއިރު އޭގެ ސަބަބުން ބޭސް ހޯދަން އާންމުންނަށް ދަތިވާ ކަމަށް އެ އެސްޓީއޯ އިން ކުރިން ބުނެފައި ވެ އެވެ.
ބޭހެއް އެޕްރޫވްޑް ޑްރަގް ލިސްޓުގައި ނެތް ހާލަތެއްގައި އަދި އެކަމާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިއްޖެ ނަމަ އެ ބޭސްތައް ރާއްޖޭގައި ރަޖިސްޓަރީކޮށް، އިމްޕޯޓުކުރަން މަސައްކަތް ކުރާނެކަމަށް ވެސް ބުނެ އެވެ.
ބައެއް ބޭސްތައް ލިބުމުގައި ދަތިތައް ހުރި ކަމަށް އާންމުންގެ ފަރާތުން ޝަކުވާތައް ލިބެމުންދާތީ، އެކަން ހައްލު ކުރަން އެސްޓީއޯ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ ކަމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ވެސް އިއްޔެ ބޭއްވި އެވެ.
އެސްޓީއޯ އިން ބުނީ، އެ މަޝްވަރާގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާ މެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާ އެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް
ރާއްޖޭގައި އެންޓިބަޔޮޓިކް ކަނީ މާ ގިނައިން!
ފާމަސީތައް ބޭނުންވަނީ އެމްއާރުޕީއެއް ނޫން، މިނިވަންކަން
އެމްއާރުޕީގެ ބަހުސް: ސަރުކާރު އޮތީ ދޫދޭ ގޮތަކަށް ނޫން
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
އާންމު ބޭސްތައް ލިބޭތޯ ކަށަވަރު ކުރާނަން: ޝިމާދު
ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅަނީ!
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
"ދިވެހި ސްޕެޝަލިސްޓުންނަށް އާއްމުންގެ އިތުބާރު ބޮޑު"