Roadha Mihaaru

އިޒްރޭލާއި އެމެރިކާއިން ބިރު ދެއްކިޔަސް ދުލެއް ނުދޭނަން: ހަމާސް

ހަފްތާ ބަންދުގެ ނިޔަލަށް ރަހީނުން މިނިވަން ނުކޮށްފި ނަމަ ފަލަސްތީނުގެ ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފަށާނެ ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން ބިރު ދެއްކިޔަސް ދޫ ދިނުމެއް ނެތް ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.

އިޒްރޭލުން ބިރު ދެއްކިޔަސް ދުލެއް ނުދޭނަން: ހަމާސް

ހަފްތާ ބަންދުގެ ނިޔަލަށް ރަހީނުން މިނިވަން ނުކޮށްފި ނަމަ ފަލަސްތީނުގެ ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފަށާނެ ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން ބިރު ދެއްކިޔަސް ދޫ ދިނުމެއް ނެތް ކަމަށް ހަމާސް ޖަމާއަތުން ބުނެފި އެވެ.

ޣައްޒާގައި ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ އިޒްރޭލުން ހިލާފުވެފައިވާ ކަމަށް ބުނެ ހަމާސް އިން ވަނީ، ހޮނިހިރު ދުވަހު މިނިވަންކުރަން ނިންމި ރަހީނުން މިނިވަންކުރުން މުއްދަތެއް ނެތި ފަސްކޮށްފަ އެވެ. އަދި އެއާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒިރު ބެންޖަމިން ނަތަންޔާހޫ ވަނީ ރަހީނުން އެ ދުވަހުގެ މެންދުރުގެ ކުރިން ދޫނުކޮށްފި ނަމަ ޣައްޒާ އަލިފާނަށް ހަދާލާނެ ކަމަށް ބުނެ ބިރު ދައްކައިފަ އެވެ.

ހަމާސްގެ ތަރުޖަމާނު ހަޒީމް ގާސިމް ބުދަ ދުވަހު ވިދާޅުވީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ގިނަ މާއްދާތަކެއް ތަންފީޒު ކުރުމަށް އިޒްރޭލުން ހުރަސް އަޅަމުން އަންނަ ކަމަށާއި، އިޒްރޭލުން އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ނަމަ ރަހީނުކޮށްފައިވާ މީހުން ދޫކޮށްނުލާނެ ކަމަށެވެ.

"އަހަރެމެންގެ ސްޓޭންޑް ވަރަށް ސާފު. އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުގެ ބަހުރުވަ ބަލައެއް ނުގަނެވޭ،" ހޮނިހިރު ދުވަހުގެ މެންދުރުވުމުގެ ކުރިން ރަހީނުން މިނިވަން ނުކޮށްފި ނަމަ ކުރިއެކޭ އެއްގޮތަށް ވަރުގަދައަށް ހަމަލާތައް ފަށާނެ ކަމަށް ދިން އިންޒާރަށް އިޝާރާތްކޮށް ހަމާސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ހަމާސް އިން ވަނީ ރަހީނުން މިނިވަންކުރުން މި ވަގުތަށް ހުއްޓާލައިގެން ތިބި ނަމަވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް ބުނެފަ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ވަނީ އިޒްރޭލު ރަހީނުންގެ ގިނަ ބަޔަކު މިނިވަންކޮށްފަ އެވެ. އޭގެ ބަދަލުގައި ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ވަނީ އިޒްރޭލުގެ ޖަލުތަކުން މިނިވަންކޮށްފަ އެވެ.

ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް މެދުވެރިންގެ ދައުރު އަދާކުރި މިސްރާއި ގަތަރުން ވަނީ އަލުން ހަމަލާތައް ފެށުނަ ނުދޭން މަސައްކަތް ފަށައިފަ އެވެ. އެކަމަކު ހަމަލާތައް މެދުކަނޑާލުމުގެ ފުރަތަމަ މަރުހަލާގެ 42 ދުވަސް ހަމަވުމުގެ ކުރިން ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި ހަމަލާތައް އަލުން ނުފެށުމަށް އެކި ގައުމުތަކާއި އދ އިން ވެސް ގެންދަނީ އިލްތިމާސްކުރަމުންނެވެ.