Roadha Mihaaru

ޣައްޒާ "ނަރަކަ" އަށް ހަދާނެ ކަމަށް ބުނެ އިޒްރޭލާއި އެމެރިކާގެ ބަޔާނެއް

ރަހީނުކޮށްފައިވާ އިޒްރޭލު އެންމެން މިނިވަން ނުކޮށްފި ނަމަ ޣައްޒާގައި "ނަރަކައިގެ ދޮރުތައް" ހުޅުވާލާނެ ކަމަށާއި ހަމާސް ޖަމާއަތުގެ އަސްކަރީ އަދި ސިޔާސީ ބާރު ވެސް އެއްކޮށް ނައްތާލާނެ ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން މިއަދު ގުޅިފައިވާ ބަޔާނެއް ނެރެފި އެވެ.

ހަމާސް ނައްތާލަން ޣައްޒާ ނަރަކައަށް ހަދާނެކަމަށް ބުނެފި

ރަހީނުކޮށްފައިވާ އިޒްރޭލު އެންމެން މިނިވަން ނުކޮށްފި ނަމަ ޣައްޒާގައި "ނަރަކައިގެ ދޮރުތައް" ހުޅުވާލާނެ ކަމަށާއި ހަމާސް ޖަމާއަތުގެ އަސްކަރީ އަދި ސިޔާސީ ބާރު ވެސް އެއްކޮށް ނައްތާލާނެ ކަމަށް ބުނެ އެމެރިކާ އާއި އިޒްރޭލުން މިއަދު ގުޅިފައިވާ ބަޔާނެއް ނެރެފި އެވެ.

"އަހަރެމެންގެ އޮތީ އެއް ސްޓްރެޓެޖީއެއް. މި ސްޓްރެޓެޖީގެ ތަފްސީލުތައް އަބަދު އާންމުންނާ ހިއްސާއެއް ނުކުރެވޭނެ. މީގެ ތެރޭގައި، 'ނަރަކައިގެ ދޮރުތައް' ހުޅުވޭނެ ދުވަހެއް ވެސް ހިމެނޭ. އެންމެ ފަހު މީހާއާ ޖެހެންދެން، ހުރިހާ ރަހީނުން މިނިވަން ނުކޮށްފި ނަމަ އެކަން ކުރާނަން،" އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި ނަތަންޔާހޫ ބުނެފައިވެ އެވެ.

" ހަމާސްގެ އަސްކަރީ ގާބިލުކަމާއި ޣައްޒާގައި އެ ޖަމާއަތުގެ ސިޔާސީ ވެރިކަން ނައްތާލާނަން. ރަހީނުކޮށްފައިވާ އެންމެން މިނިވަންކުރާނަން. އަދި ޣައްޒާއަކީ ދެން އިޒްރޭލަށް ނުރައްކަލެއް ކުރިމަތިނުވާނެ ފަދަ ތަނެއްކަން ކަށަވަރުކުރާނަން."

ނަތަންޔާހޫ ބުނީ އެމެރިކާގެ ހިފެހެއްޓުމަށް އެހީތެރިކަމާ އެކު ޣައްޒާގެ ކުރިމަގު ބަދަލުކުރުމަށް އިޒްރޭލުން ކުރާ މަސައްކަތް އަވަހަށް ކާމިޔާބުކުރެވޭނެ ކަމަށެވެ.

ނަތަންޔާހޫ ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ މުސްތަގުބަލަށް ގެންގުޅޭ "ހިތްވަރުގަދަ ވިސްނުމާ ބެހޭ ގޮތުން" ރޫބިއޯއާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ ވިސްނުން ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ޓްރަމްޕް ވަނީ ޣައްޒާއިން މީހުން ނެރެ އެތަން، ހިތްގައިމު ރިސޯޓެއް ގޮތަށް ތަރައްގީކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެއާ އެކު އަރަބި އަދި އިސްލާމީ ގައުމުތަކުގެ އިތުރުން އެކި ގައުމުތަކުން ވަނީ އެ ވާހަކަ ކުށްވެރިކޮށްފަ އެވެ.

ރޫބިއޯ ވިދާޅުވީ ޣައްޒާއަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމުން ގިނަ ބަޔަކު ހައިރާންވެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެކަމަކު އޭނާ ވަނީ ޓްރަމްޕުގެ އެ ވިސްނުމަކީ ހިތްވަރުގަދަ ނިންމުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ޣައްޒާގެ މައްސަލަ ހައްލުކުރަން މިހާތަނަށް އެކި ކަންކަން ކުރެވިއްޖެ ކަމަށާއި ޓްރަމްޕުގެ ބޭނުންވަނީ ފެއިލްވި ކަންކަން އަލުން ނުކޮށް އާ ގޮތަކަށް މައްސަލަ ހައްލުކުރަން ކަމަށް ވެސް ބުންޏެވެ.