Roadha Mihaaru

ހަމާސްއާ ބައްދަލުކުރެއްވި އެމެރިކާގެ މަންދޫބު ވިދާޅުވަނީ ވަރަށް ކާމިޔާބު ކަމަށް

ހަމާސްއާ އެކު އެމެރިކާއިން ބޭއްވި މަޝްވަރާތައް ކާމިޔާބު ކަމަށާއި އެ ޖަމާއަތުން ރަހީނުކޮށްފައި މީހުން ހަފްތާތަކެއްގެ ތެރޭގައި މިނިވަންކުރެވޭނެ ކަމަށް މަޝްވަރާތަކަށް ވަޑައިގަތް އެމެރިކާގެ މަންދޫބު އެޑަމް ބޮލާ ވިދާޅުވެއްޖެ އެވެ.

ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ

ހަމާސްއާ އެކު އެމެރިކާއިން ބޭއްވި މަޝްވަރާތައް ކާމިޔާބު ކަމަށާއި އެ ޖަމާއަތުން ރަހީނުކޮށްފައި މީހުން ހަފްތާތަކެއްގެ ތެރޭގައި މިނިވަންކުރެވޭނެ ކަމަށް މަޝްވަރާތަކަށް ވަޑައިގަތް އެމެރިކާގެ މަންދޫބު އެޑަމް ބޮލާ ވިދާޅުވެއްޖެ އެވެ.

ޔަހޫދީ-އެމެރިކާ ނަސްލުގެ ބޮލާ ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާއިން 1997 ވަނަ އަހަރުން ފެށިގެން "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ ހަމާސްގެ ލީޑަރުންނާ ސީދާ ބައްދަލުވެ ވާހަކަ ދެއްކުން ވެގެން ދިޔައީ ވަރަށް "އެހެންކަހަލަ" ތަޖުރިބާއަކަށް ކަމަށެވެ. ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައިވާ ޖަމާއަތްތަކާ ވާހަކަ ދެއްކުމަކީ އެމެރިކާއިން ކުރާ ކަމެއް ނޫން ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ހަމާސްއާ ބައްދަލު ނުކުރާނެ ކަމަށް އޭނާ ވިދާޅެއް ނުވި އެވެ.

އޭނާ ވިދާޅުވީ މި ބައްދަލުވުން އިޒްރޭލަށް ބަލައިގަންނަން އެހާ ފަސޭހަ ނުވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު ހުރިހާވެސް ބޭނުމަކީ ރަހީނުން މިނިވަންކުރުމުގެ ވާހަކަތައް އަލުން ފެށޭނެ ގޮތެއް ހެދުން ކަމަށެވެ.

"އެންމެ ފަހުން އަޅުގަނޑަށް ހީވަނީ މިއީ ވަރަށް ފައިދާހުރި ބައްދަލުވުމެއް ހެން،" އޭނާ ވިދާޅުވި އެވެ. "ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެވެސް ނަތީޖާއެއް ނެރެވޭނެހެން ހީވަނީ ... އަޅުގަނޑަށް ހީވަނީ ހަމައެކަނި އެމެރިކާ މީހުންނެއް ނޫން، ހުރިހާ ގައިދީން ސަލާމާތްކުރެވޭނެ އެއްބަސްވުމެއް އެބައޮތް."

އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާގައި އެމެރިކާގެ ގިނަ ބަޔަކާ އެކު 251 މީހަކު ރަހީނުކުރި އެވެ. ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން ބައެއް މީހުން މިނިވަންކޮށްފައި ވާއިރު ޣައްޒާގައި އަދިވެސް 58 މީހަކު ހަމާސްގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ. އެ މީހުން މިނިވަންކުރުމާއި ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމި ދެ ވަނަ މަރުހަލާ ފެށުމަށް މިހާރު ހުރަހަކަށް ވެފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އިޒްރޭލުން އަމަލު ނުކުރުމެވެ. އެކަމަކު މެދުވެރިންގެ މަސައްކަތާ އެކު ހަމާސް އިން އިއްޔެ ވަނީ އަލުން އެއްބަސްވުމާ އެކު ކުރިއަށް ދެވިދާނެ ކަމުގެ އުންމީދު އަނެއްކާވެސް ލިބިފައިވާ ކަމަށެވެ.