Roadha Mihaaru

މަރުތޭލުން ޖެހި މައްސަލާގައި ހައްޔަރުކުރި މީހާގެ ކުށުގެ 26 ރެކޯޑު!

އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލި މައްސަލާގައި މިއަދު ހައްޔަރުކުރި މީހާގެ ކުށުގެ 28 ރެކޯޑު އޮންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ހައްޔަރުކުރި މީހާގެ ކުށުގެ 26 ރެކޯޑު!
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

13 ފެބުރުއަރީ 2025

އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލި މައްސަލާގައި މިއަދު ހައްޔަރުކުރި މީހާގެ ކުށުގެ 28 ރެކޯޑު އޮންނަ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީ އަށް ފަހު، ފުވައްމުލަކު، ބަނަފްސާގޭ ހުސައިން އަރީޝް، 31، މިއަދު ހެނދުނު ހައްޔަރުކުރީ އޭނާ މެލޭޝިއާ އަށް އެތެރެވުން ހުއްޓުވުމަށް ފަހު، އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ރާއްޖެ އިން ފުރައިގެން ދިޔައީ ހައްޔަރު ކުރަން ކޯޓު އަމުރެއް ހޯދާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އަރީޝް ހައްޔަރު ކޮށްގެން މިއަދު ގެންދަނީ.---ފޮޓޯ: މިހާރު

އަރީޝް ހައްޔަރު ކޮށްގެން މިއަދު ގެންދަނީ.---ފޮޓޯ: މިހާރު

އަރީޝްގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށް ފުލުހުން ބުނީ، ޑްރަގާއި މާރާމާރީ ހިންގުމާއި ތޫނު އެއްޗެހި ބޭނުން ކޮށްގެން މާރާމާރީ ހިންގުން ފަދަ ކުށުގެ 26 ރެކޯޑެއް އޭނާގެ އޮންނަ ކަމަށެވެ. އެއީ:

1- މާރާމާރީގެ 15 ރެކޯޑެއް

2- މަސްތުވާތަކެތީގެ ހަ ރެކޯޑެއް

3- މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ ތިން ރެކޯޑެއް

4- ތޫނު ހަތިޔާރު ގެންގުޅުމުގެ ދެ ރެކޯޑެއް.

ފުލުހުން ބުނިގޮތުގައި، މާފަންނުގެ ގޭންގެެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަރީޝްއަކީ ނުރައްކާތެރި ކުށްތައް ކުރުމުގެ އިސް މީހެެކެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާ އެވެ.

އެ ވަގުތު އައިޖީއެމްއެޗު ކައިރީގައި ހުރި ފުލުހަކު އެ ތަނަށް ދިޔަ ނަމަވެސް، ހަމަލާދިން މީހުން ވަނީ ފިލައިފަ އެވެ. އެ މީހުން ސައިކަލްގައި ފިލައިގެން ދާން އުޅެނިކޮށް ސައިކަލް ސްޓާޓް ނުވުމުން ފިލައިގެން ދިޔައީ ދުވެފައި ކަމަށް ވެސް އެނގިފައިވެ އެވެ.