Roadha Mihaaru

ރާއްޖެއާ އެކު ވިޔަފާރި އާއި އިގްތިސާދު ފުޅާކުރުމުގެ އެމްއޯޔޫ ސައުދީގެ ވަޒީރުންގެ ކައުންސިލުން ފާސްކޮށްފި

ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ސޮއިކޮށްފައިވާ އެމްއޯޔޫ، ސައުދީގެ ވަޒީރުންގެ ކައުންސިލުން ފާސްކޮށްފި އެވެ.

ރާއްޖެ އެމްއޯޔޫ ސައުދީ ކައުންސިލުން ފާސްކޮށްފި

ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ސޮއިކޮށްފައިވާ އެމްއޯޔޫ، ސައުދީގެ ވަޒީރުންގެ ކައުންސިލުން ފާސްކޮށްފި އެވެ.

އެ އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިޔާޟަށް ކުރެއްވި ރަސްމީ ދަތުރެއްގަ އެވެ. ސައުދީ ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ގައުމުގެ ކޮމާސް މިނިސްޓަރު ޑރ. މާޖިދު ބިން އަބްދުﷲ އަލްގަސަބީ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، މި އެމްއޯޔޫ ސައުދީގެ ކައުންސިލް އޮފް މިނިސްޓާސް އިން ފާސްކޮށްފައިވާ ކަމަށެވެ.

"މިއީ، ދެ ފަރާތުގެ ފައިދާއަށް ވިޔަފާރީގެ އެއްބާރުލުން އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ތަސައްވަރު ހާސިލުކުރުމަށް ލިބޭ ބާރެއް،" މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން އޭރު ބުނެފައިވާ ގޮތުގައި، މި އެމްއޯޔޫގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުުރެވޭނެ އެވެ. އަދި ބޯޑަރު ހުރަސްކޮށް ކުރާ ފޮރިން އިންވެސްޓްމަންތައް އިތުރަށް ފުޅާކުރުމަށް މަގުފަހިވާނެ ކަމަަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، އެ އެއްބަސްވުމުގެ ސަބަބުން ވިޔަފާރި އާއި ޓޫރިޒަމާއި އިމާރާތްކުރުން ފަދަ މުހިއްމު ދާއިރާތަކުން ދެ ގައުމުގެ މެދުގައި ގުޅުން އިތުރުވާނެ އެވެ.