Roadha Mihaaru

ބްރޯޑްކޮމްގެ މެމްބަރު ފަޒީންއާ ގުޅޭ ފުރައްސާރައިގެ މައްސަލަ އަށް ފިޔަވަޅު ނޭޅި ކަންބޮޑުވުން!

ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަންގެ މެމްބަރަކު ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅި ދިގުލައިގެންދާތީ ޝަކުވާ ބޮޑުވެއްޖެ އެވެ.

ފުރައްސާރައިގެ މައްސަލައަށް ފިޔަވަޅު ނޭޅި ކަންބޮޑުވުން!

ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަންގެ މެމްބަރަކު ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅި ދިގުލައިގެންދާތީ ޝަކުވާ ބޮޑުވެއްޖެ އެވެ.

އަންހެން މުވައްޒަފަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ރައްދު ބަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށެވެ. އެ މައްސަލައާ ގުޅިގެން ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވި މުވައްޒަފާއި ފަޒީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

ނަމަވެސް، މިހާތަނަށް ކޮމިޓީން އެ މައްސަލާގައި ގޮތެއް ނިންމައިފައެއް ނުވެ އެވެ. ކޮމިޓީގައި އެ މައްސަލަ އޮތްއިރު، ފަޒީން މަސައްކަތަށް ވެސް ނުކުންނަވަ އެވެ.

ނަން ނުޖަހަން ޝަރުތުކޮށް މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ފުރައްސާރައިގެ މައްސަލާގައި ފިޔަވަޅު ނޭޅި ލަސްވެފައިވާތީ ބްރޯޑްކާސްޓިން ކޮމިޝަންގެ ތެރޭގައި ނުތަނަވަސްކަން އެބަ އޮތެވެ. އަދި، ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުނާ މުވައްޒަފު އޮފީހަށް ވެސް ހާޒިރުނުވާ ކަމަށާއި އޭނާ އަށް ނަފުސާނީ ގޮތުން ބޮޑު އަސަރެއް ކޮށް، ފަރުވާ ވެސް ހޯދަމުންދާ ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެ ކޮމިޝަންގެ ގާނޫނު އޮތް ގޮތުން މިފަދަ މައްސަލަތަކުގައި ކޮމިޝަންގެ މެންބަރަކާ މެދު ފިޔަވަޅެއް އެޅޭކަށް ނޯވެ އެވެ.

ފުރައްސާރައިގެ މައްސަލައާ ގުޅިގެން ކޮމިޝަންގެ ރައީސް ސޮފާ ޝަފީގު އަދި އެހެން މެންބަރުން ވެސް ހަނު ތިއްބާވާތީ ވެސް ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ފަޒީންގެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މި މައްސަލަ މިހާރު ބަލަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކަމަށް ވިޔަސް ޖިންސީ ފުރައްސާރައިގެ މައްސަލަަތައް ބެލުމުގެ މެންޑޭޓް އޮންނަނީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ. އެކަމަކު، އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރެއްގެ މައްޗަށް ތުހުމަތު ކުރެވެމުންނެވެ.

ރާއްޖެ ޓީވީގައި ނޫސްވެރިއަކަށް މަސައްކަތްކުރި ފަޒީން، ބްރޯޑްކޮމަށް އައްޔަން ކުރީ 2021 ގަ އެވެ. އޭނާ ނައިބު ރައީސަކަށް ހޮވާފައިވަނީ ޖެނުއަރީ 2023 ގަ އެވެ.