Roadha Mihaaru
މައުމޫންގެ ސެކިއުރިޓީ ހުއްޓައެއް ނުލާ: އެމްއެންޑީއެފް

މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓައެއް ނުލަން: އެމްއެންޑީއެފް

12 މާޗް 2017

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސެކިއުރިޓީ ދިނުން ހުއްޓާލާފައި ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ސެކިއުރިޓީ ދިނުން ހުއްޓާލާފައި ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

އެންއެންޑީއެފްގެ މީޑިއާ އޮފިޝަލް، ކެޕްޓަން، އިބްރާހިމް އާޒިމް ވިދާޅުވީ މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓާލާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ފެތުރުނު ނަމަވެސް އެމަނިކުފާނުގެ ސެކިއުރިޓީ ހުއްޓާނުލާ ކަމަށެވެ. ހަމަޖެހިފައިވާ ގަވާއިދާއި އުސޫލަށް ސެކިއުރިޓީގެ އެންމެންހާ ކަންކަން މައުމޫނަށް ފޯރިކޮށްދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އުސޫލާ އެއްގޮތަށް މައުމޫނަށް ސެކިއުރިޓީ ދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނިއިރު، އަމިއްލަ ދަތުރުފުޅެއްގައި މައުމޫންގެ ދެކަނބަލުން މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އަށް ވަޑައިގެންނެވިއިރު ސެކިއުރިޓީން ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. މައުމޫނާ އެކު ފުރަން ނިންމި، ދެ ސެކިއުރިޓީން ނުފުރައި އަނބުރާ މާލެ އަންނަން އެމްއެންޑީއެފުން އެންގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެކިން ވެސް ކުރި ފަހުންނެވެ.

ޕީޕީއެމްގެ މައުމޫން ފެކްޝަންގެ އިސްބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި، މައުމޫނާ އެކު އެމަނިކުފާނުގެ ބޮޑީގާޑުން ފުރުން ކުއްލި ގޮތަކަށް މަނާކުރީ، ލިޔުމުން ރަސްމީކޮށް އެމްއެންޑީއެފްގައި އެދިފައި ނުވާތީ ކަމަށް ބުނެ އެވެ. އެކަމަކު އެމަނިކުފާނު ފުރާވަޑައިގަންނަވާ އެއްވެސް ފަހަރަކު ސެކިއުރިޓީ ހަމަޖައްސައިދިނުމަށް އެދި ރަސްމީކޮށް ލިޔުމުން ހުށަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަހުވަގުތު ދެ ސެކިއުރިޓީން ފުރުން އެމްއެންޑީއެފުން މަނާކުރުމުން، މައުމޫން ދަތުރު ކުރެއްވި ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓު ފުރަން އޮތް ގަޑިއަށް ވުރެ ގަޑިއެއް ހާއިރު ލަސްވި ކަމަށް މައުމޫންގެ އަރިސްބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސުންނަށް ރައްކާތެރިކަން ދޭ ގާނޫނުގެ ދަށުން ސެކިއުރިޓީ ހަމަޖައްސައިދޭން އެމްއެންޑީއެފްގެ މައްޗަށް އޮންނަނީ ލާޒިމްކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ފަހުކޮޅު އެކުލަވާލި އުސޫލުގެ ދަށުން ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ކުޑަކޮށްފައިވީ ނަމަވެސް ސެކިއުރިޓީ އުސޫލްތަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.