Roadha Mihaaru
އެމްއެންޑީއެފުން މައުމޫންގެ ސެކިއުރިޓީ ދަށްކޮށްފި

އެމްއެންޑީއެފުން މައުމޫންގެ ސެކިއުރިޓީ ދަށްކޮށްފި

02 ނޮވެމްބަރ 2016

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެމްއެންޑީއެފުން ދެމުން އައި ސެކިއުރިޓީ މިރެއިން ފެށިގެން ދަށްކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެމްއެންޑީއެފުން ދެމުން އައި ސެކިއުރިޓީ މިރެއިން ފެށިގެން ދަށްކޮށްފި އެވެ.

މައުމޫންގެ އަރިހުގައި އުޅުއްވާ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މައުމޫންގެ ކާރުކޮޅުގެ ފަހަތުން ދަތުރުކުރާ އެމްއެންޑީއެފްގެ ބެކަޕް ކާރު ދެން ނޯންނާނެކަން މިރޭ ވަނީ ރަސްމީކޮށް އަންގައިފަ އެވެ. މައުމޫނަށް ދައުލަތުން ހަމަޖައްސާފައިވާ ރަސްމީ ކާރުކޮޅާ އެކު ސިފައިން މިރެއިން ފެށިގެން ދަތުރުކުރަނީ އާދައިގެ ސައިކަލުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މައުމޫންގެ ކާރުކޮޅާއެކު ދަތުރުކުރާ އެމްއެންޑީއެފްގެ ބެކަޕް ކާރު މި ނެގީ، މައުމޫން ރައީސްކަން ކުރައްވާ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި، އެމަނިކުފާނަށް ތާއީދުކުރާ ފެކްޝަނާއި ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުންގެ ފެކްޝަނެއް އުފެދި ހަމަނުޖެހުންތައް ވެސް ހިނގާފައި ވަނިކޮށެވެ.

"މިފަދަ ވަގުތެއްގައި އެމްއެންޑީއެފުން އެޅި މި ފިޔަވަޅާ މެދު އަޅުގަނޑުމެން ކަންބޮޑުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއެންޑީއެފުން މައުމޫނަށް ދެމުން އަންނަ ސިކިއުރިޓީ ދަށްކުރިއިރު، ޕީޕީއެމްގެ އެތެރޭގެ ކޯޅުން ހޫނުވި ދަނޑިވަޅާ ދިމާކޮށް، އެމަނިކުފާނުގެ ސިކިއުރިޓީ ކޮންމެވެސް ވަރަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަރުގަދަ ކުރިކަން ވެސް ފާހަގަ ކުރެވުނެވެ. އެގޮތުން ބައެއް ފަހަރު މައުމޫންގެ ކާރުކޮޅާއެކު، އެމްއެންޑީއެފްގެ ސިކިއުރިޓީ ދެ ކާރު އަދި ފުލުހުން ވެސް ދަތުރުކުރި މަންޒަރު ފެނިފައިވެ އެވެ.

ޕީޕީއެމްގެ ބާރުތައް ކޯޓު އަމުރަކާ އެކު ޕާޓީގެ މުސްތަޝާރު ރަައީސް ޔާމީނަށް ލިބިވަޑައިގެންފައި ވާއިރު އެ މަނިކުފާނު ވެސް އަދި މައުމޫންގެ ފަޅިން ވެސް ގެންދަވަނީ ޕާޓީގެ ނަމުގައި އެކި ކަންކަން ނިންމަވަމުންނެވެ. ޕާޓީގެ އޮފީސް ބަންދުކޮށްފައި ވަނިކޮށް ރައީސް ޔާމީންގެ ފެކްޝަނުން އެތަނަށް ގަދަކަމުން ވަދެ އެތަނުގައި ހުރި ތަކެތި ގެންދިއުމުގެ ތެރޭގައި ހަމަނުޖެހުން ހިނގާފައި ވާއިރު އިމާރާތުގެ ތެރޭގައި މައުމޫނަށް ނިސްބަތްކޮށް ހުތުރު ބަސްތައް ލިޔެފައިވެ އެވެ.