Roadha Mihaaru
މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

މައުމޫނަށް ގެއްލުން ދޭން އުޅޭ ކަމަށް ބުނެ ގެކޮޅުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

09 ޖެނުއަރީ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަރުގަދަކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަށިކޮޅަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަރުގަދަކޮށްފި އެވެ.

މައުމޫންގެ އަރިސް ބޭފުޅަކު މިއަދު ވިދާޅުވީ، މ. އެންދެރިމާގޭގެ ސެކިއުރިޓީ ވަރުގަދަކޮށް ރެ އިން ފެށިގެން އެ ގެކޮޅުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެއީ، އެމަނިކުފާނަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑިއުޓީ ބަހައިގެން ގެކޮޅުގައި ސިފައިން ފޯރިމަރަމުން އަންނަނީ،" "މިހާރު"އާ ވާހަކަ ދެއްކެވި މައުމޫންގެ އަރިސް ބޭފުޅާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން އަދި ވާހަކައެއް ނުދައްކަ އެވެ.

މައުމޫނަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ބުނެ ސެކިއުރިޓީ ބަލަހައްޓަން ފެށީ، އިދިކޮޅު ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، އެ ގެކޮޅަށް ވަދެ ނިކުމެ އުޅޭ މީހުން ބެލުމަށެވެ. އެ ނޫން، ނިޔަތެއް އެކަމުގައި ނެތް ކަމަށް އެ މީހުން ދެކެ އެވެ.

މީގެކުރިން، އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކޮށްފައި ވެ އެވެ. މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު ސެކިއުރިޓީން ދަތުރުކުރުން ވަނީ މަނާކުރި އެވެ. މައުމޫނާ އެކު ފުރަން ނިންމި، ދެ ސެކިއުރިޓީން ނުފުރައި އަނބުރާ މާލެ އަންނަން އެ ފަހަރު އެމްއެންޑީއެފުން އެންގީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެކިން ވެސް ކުރި ފަހުންނެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން، އިދިކޮޅު ފަރާތްތަކާ އެކު މައުމޫން މަސައްކަތްޕުޅު ކުރައްވާއިރު އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ވަނީ ފަށައިފަ އެވެ. މައުމޫންގެ ފަރާތްޕުޅުން ވެސް މަންދޫބުން ހިމެނިވަޑައިގަންނަވާ އެ ކޮމެޓީގެ މަޝްވަރާތަކުގައި، ރައީސް ޔާމީން ބަލިކުރަން ކެންޑިޑޭޓަކު ނެރުމުގެ އިތުރުން، ރިޔާސީ އިންތިހާބުގައި ޕާޓީތައް ގުޅިގެން މަސައްކަތްތައް ކުރެވޭނެ ގޮތްތަކެއް ކަނޑައަޅަން ވަނީ ނިންމައިފަ އެވެ.