Roadha Mihaaru

ވޮލީގެ ވައިޑީޕީއަށް ހާއްސަ އަމިއްލަ އެކަޑަމީއެއް ގައުމީ ކޯޗު ޝަރަފްގެ ބެލުމުގެދަށުން ފަށައިފި

ވޮލީގެ ޔޫތު ޑިވެލޮޕްމެންޓަށް ހާއްސަ އަމިއްލަ އެކަޑަމީއެއް ގައުމީ ފިރިހެން ޓީމުގެ ހެޑް ކޯޗު މުހައްމަދު ޝަރަފުގެ ބެލުމުގެދަށުން ފަށައިފި އެވެ.

ވޮލީ އެކަޑަމީއެއް ކޯޗު ޝަރަފްގެ ބެލުމުގެދަށުން ފަށައިފި
ހުސެއިން ހަބީބް
ހުސެއިން ހަބީބް

18 ފެބުރުއަރީ 2025

ވޮލީގެ ޔޫތު ޑިވެލޮޕްމެންޓަށް ހާއްސަ އަމިއްލަ އެކަޑަމީއެއް ގައުމީ ފިރިހެން ޓީމުގެ ހެޑް ކޯޗު މުހައްމަދު ޝަރަފުގެ ބެލުމުގެދަށުން ފަށައިފި އެވެ.

މައި ސްޕޯޓްސް އެކަޑަމީގެ ނަމުގައި ލޯންޗު ކުރި އެކަޑަމީގެ ނައިބު ރައީސް އަދި ޓެކްނިކަލް ޑައިރެކްޓަރަކީ ޝަރަފެވެ. އެ އެކަޑަމީގެ ތަމްރީނުތައް މިދިޔަ މަހު ވަނީ ފަށައިފަ އެވެ.

އެކަޑަމީގައި 50 އަށް ވުރެ ގިނަ ކުދިން މިހާރު ވެސް ތަމްރީނު ހަދަމުން އަންނަ ކަމަށް ޝަރަފް ބުންޏެވެ. އެކަޑަމީން މިވަގުތު ތަމްރީނުކޮށްދެނީ އުމުރުން 12 އަހަރުންދަށް އަދި 16 އަހަރުންދަށުގެ ކުދިންނަށެވެ.

ބާރަ އަހަރުންދަށުގެ އުމުރުފުރާ ހާއްސަކޮށްފައި ވަނީ ގްރޭޑް އެކަކުން ގްރޭޑް ފަހަކާ ދެމެދުގައި ކިޔަވާ އުމުރުގެ ކުދިންނަވެ. ޝަރަފް ބުނީ އެ އުމުރުގެ ކުދިން ތަމްރީނު ކުރާނީ މިނީ ވޮލީބޯލްގެ ޓެކްނިކްތައް ކަމަށެވެ. އަދި އުމުރުން 16 އަހަރުންދަށުގެ އުމުރުފުރާ ހާއްސަކޮށްފައި ވަނީ ގްރޭޑް ހަޔަކުން ގްރޭޑް 10 އަކާ ދެމެދުގެ ކިޔަވާ އުމުރުގެ ކުދިންނަށެވެ. އެ އުމުރުގެ ކުދިން ތަމްރީނު ކުރާނީ ޖޫނިއާ ވޮލީ އަށް ކަމަށް ޝަރަފް ބުންޏެވެ.

މައި ސްޕޯޓްސް އެކަޑަމީގެ ތަމްރީނުތަކުގެ ތެރެއިން ކޯޗަކު، އެކަޑަމީގައި ތަމްރީނު ހަދާ ކުއްޖަކަށް ކިޔައި ދެނީ

މައި ސްޕޯޓްސް އެކަޑަމީގެ ތަމްރީނުތަކުގެ ތެރެއިން ކޯޗަކު، އެކަޑަމީގައި ތަމްރީނު ހަދާ ކުއްޖަކަށް ކިޔައި ދެނީ

"އިރާދަކުރެއްވިއްޔާ ރޯދައިގެ ފަހުން ޔޫތު ވޮލީބޯލްގެ ތަމްރީނުތައް ފަށާނަން. އެއީ ގްރޭޑް 11، 12 ދަރިވަރުނުން ނުވަތަ 20 އަހަރުންދަށުގެ އުމުރުފުރާ،" ވީއޭއެމްގެ އެކްސްކޯގެ މެންބަރުކަމަށް ވެސް މިދިޔަ ހަފުތާގައި އިންތިހާބުވި ޝަރަފް ބުންޏެވެ.

އޭނާ ބުނީ މައި ސްޕޯޓްސް އެކަޑަމީ އަކީ އޭނާ އާއި އޭނާގެ ސްކޫލް ދައުރުގެ ބައެއް އެކުވެރިން ގުޅިގެން ފެށި އެކަޑަމީއެއް ކަމަށެވެ.

އެކަޑަމީގެ ކޯޗިން ޓީމުގައި ލަންކާގެ ދެ ކޯޗަކު ވެސް ހިމެނެ އެވެ. ޝަރަފު ބުނީ އެކަޑަމީ އަށް ލަންކާގެ ކޯޗުން ފޮނުވަނީ އެ ގައުމުގެ ތަޖުރިބާކާރު ވޮލީ ކޯޗިން ޓީމަކުން ކޯޗުންގެ ފެންވަރު ދެނެގަތުމަށް ފަހު ކަމަށެވެ. މި ވަގަުތު އެކަޑަމީގައި މަސައްކަތް ކުރާ ލަންކާގެ ދެ ކޯޗުންނަކީ ވެސް އެފްއައިވީބީ ކޯޗިން ކޯހުގެ ލެވަލްތައް ފުރިހަމަކޮށްފައިވާ ދެ ކޯޗުންނެވެ.

އެކަޑަމީގައި ކުދިން ބައިވެރި ކުރުމަށް 7496972 އަށް ގުޅުމަށް. މައި ސްޕޯޓްސް އެކަޑަމީން އެދެ އެވެ.