Roadha Mihaaru

ރޯދަމަހު މުދާ އުފުލޭ ވަގުތުތައް ކަނޑައަޅައިފި

ކުރިއަށް އޮތް ރޯދަމަހު މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ހާއްސަ ވަގުތުތައް ސަރުކާރުން ކަނޑައަޅައިފި އެވެ.

ރޯދަމަހު މުދާ އުފުލޭ ވަގުތުތައް ކަނޑައަޅައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

19 ފެބުރުއަރީ 2025

ކުރިއަށް އޮތް ރޯދަމަހު މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ހާއްސަ ވަގުތުތައް ސަރުކާރުން ކަނޑައަޅައިފި އެވެ.

މުދާ އުފުލުމަށް ހާއްސަ ވަގުތުތަކުގެ ގޮތުގައި އިކޮނިމިކް މިނިސްޓްރީން ކަނޑައެޅީ ހެނދުނު 9:30 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. މިއީ ރޯދަ މަހުގެ 1 އިން 19 ވަނަ ދުވަހަށް އަދި ޝައްވާލު މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލަށް ހާއްސަ ގަޑިތަކެވެ.

އެ މުއްދަތުގައި މުދާ އުފުލުން މަނާ ވަގުތުތަކަކީ، ހެނދުނު 6:00 އިން 9:30 އަށާއި ހަވީރު 4:30 އިން ރޭގަނޑު 8:00 އަށެވެ.

ރޯދަމަހުގެ ފަހު 10 ގެ ދުވަސްވަރު މުދާ އުފުލުމަށް އިތުރު ވަގުތު ވަނީ ދީފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަސް ނިމެންދެން މުދާ އުފުލަން ހާއްސަ ވަގުތުތަކަކީ، ހެނދުނު 6:00 އިން ހަވީރު 4:30 އަށެވެ އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. އެ މުއްދަތުގައި މުދާ އުފުލުން މަނާ ވަގުތުތަކީ ހަވީރު 4:30 އިން ރޭގަނޑު 8:00 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މުދާ އުފުލުމަށް ހާއްސަ ވަގުތުތައް ކަނޑައެޅީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ފުލުހުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.

ރޯދަ މަހަކީ، ވިޔަފާރިތަކަށް ވެސް ބާރު ބޮޑު ދުވަސްވަރަކަށް ވުމުން އެހެން މަސްތަކާ ހިލާފަށް، މާލެ ތެރޭގައި މުދާ އުފުލާއި ވެހިކަލްތައް ވެސް އިތުރުވެ އެވެ. ވަކި ވަގުތުތަކެއް މުދާ އުފުލުމަށް ހަމަޖައްސަނީ، މަގުތަކުގެ ޓްރެފިކް ވެސް ތޮއްނުޖެހޭނެ ގޮތަކަށް ރޭވުމަށެވެ.