Roadha Mihaaru

ދިރާގުން ރާއްޖެއަށް ސެމްސަންގް ގެލެކްސީ އެސް25ގެ ފޯނުތައް ލޯންޗުކޮށްފި

ދިރާގުން ސެމްސަންގް ގެލެކްސީ S25 ، S25 ޕްލަސް އަދި S25 އަލްޓްރާ ފޯނުތައް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ދިރާގުން ސެމްސަންގް ގެލެކްސީ އެސް25 ސީރީޒް ނެރެފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

21 ފެބުރުއަރީ 2025

ދިރާގުން ސެމްސަންގް ގެލެކްސީ S25 ، S25 ޕްލަސް އަދި S25 އަލްޓްރާ ފޯނުތައް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސެމްސަންގް ގެލެކްސީގެ އެންމެ ފަހުގެ ފޯނުތައް ލޯންޗުކޮށްދެއްވީ ސެމްސަންގް ސްރީ ލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު، ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން އެވެ. އެ ރަސްމިއްޔާތުގައި ސެމްސަންގް އެސް25 ސީރީޒްގެ ފޯނުތައް ޕްރީ-އޯޑަރު ކުރި ކަސްޓަމަރުންނަށް ވަނީ ފޯނު ހަވާލުކޮށްފަ އެވެ.

އެ އިވެންޓްގައި ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވަނީ ޒަމާނީ އޭއައި ޓޫލްސް ހިމެނޭ ގެލެކްސީ S25 ސީރީޒް ފަދަ ވަރުގަދަ ޑިވައިސްތަކަށް އެއާ އެކަށީގެންވާ ވަރުގަދަ ނެޓްވޯކެއް ވެސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިރާގަކީ އެ ފަދަ ފަހުގެ ފޯނުތަކަށް އެންމެ އެކަށީގެންވާ ވަރުދަގަ ނެޓްވޯކުކެއް ކަމަށް ވިދާޅުވި އެވެ.

މިރުޝާން ވިދާޅުވީ މިހާރު ވެސް ދިރާގުން ރާއްޖޭގެ 60 ޕަސެންޓު އާބާދީއަށް 5G ނެޓްވޯކް ފޯރުކޮށްދެމުން އަންނަ ކަމަށާއި މިހާރަށް ވުރެ ވެސް އެ ހިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސެމްސަންގް ސްރީ ލަންކާ އަދި ދިވެހިރާއްޖޭގެ މެނޭޖިން ޑިރެކްޓަރު، ސެންގްވާ ސޯންގް ވިދާޅުވީ ރާއްޖޭގައި ސެމްސަންގް ފޯން ބޭނުންކުރާ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މި ސަރަހައްދުގެ ކަސްޓަމަރުންނަށް ސެމްސަންގުގެ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

ގެލެކްސީ S25 ސީރީޒްއާ އެކު ސެމްސަންގުން ވަނީ އާ ފީޗާތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި، އޭއައި އެކުލެވޭ 'ލައިވް ޓްރާންސްލޭޓް'، 'ނޯޓް އެސިސްޓް' އަދި 'ޖެނެރޭޓިވް އެޑިޓް' ފާހަގަކޮށްލެވެ އެވެ. އެ ފޯންތަކުގައި ހިމެނޭ އިތުރު ފީޗާތަކަށް ބަލާއިރު، ފޯނުގައި ހިމެނޭ 200 މެގަޕިކްސެލްގެ ކެމެރާގެ ސަބަބުން ފޮޓޯ ކޮލިޓީ އިތުރަށް ރަނގަޅުވެ އެވެ. ފޯނުގައި ހިމެނޭ 5،000 އެމް.އޭ.އެޗްގެ ބެޓެރީ ސަބަބުން ގިނަ ވަގުތު ޗާޖު ހިފަހައްޓައި، ޗާޖު ކުރަން ނަގާ ވަގުތު މަދުވާނެ އެވެ.

އެ ސީރީޒް ފޯނުތަކަކީ ގޭމްކުޅުން ފަދަ ހައި ސްޕީޑް ބޭނުންވާ ކަންކަމަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް 'ސްނެޕްޑްރެގަން 8 އެލީޓް ޗިޕް' ހިމަނައިފައިވާ ފޯނުތަކެކެވެ.