Roadha Mihaaru

4،000ގެ ބާކީ ފްލެޓްތައް ލިބޭ މީހުން ކަނޑައަޅާނީ 15،000 ފޯމު ވެރިފައިކޮށްފައި: މުއްތަލިބު

ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ކުރީގެ ސަރުކާރުން ދޭން ނިންމި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 1،820 މީހުންނާ އެކު ލިސްޓް މިއަދު އިއުލާންކޮށް، ބާކީ ހުރި ފްލެޓްތައް ދޫކުރާނީ އެ ސްކީމަށް ކުރިމަތިލީ 15،000 އެއްހާ ފޯމު ރިވިއުކޮށްފައި ކަމަށް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ބާކީ ފްލެޓް ދޭނީ 15،000 ފޯމު ބަލާފައި:މުއްތަލިބު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 ފެބުރުއަރީ 2025

ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ކުރީގެ ސަރުކާރުން ދޭން ނިންމި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 1،820 މީހުންނާ އެކު ލިސްޓް މިއަދު އިއުލާންކޮށް، ބާކީ ހުރި ފްލެޓްތައް ދޫކުރާނީ އެ ސްކީމަށް ކުރިމަތިލީ 15،000 އެއްހާ ފޯމު ރިވިއުކޮށްފައި ކަމަށް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތެރޭގައި މަޝްވަރާކޮށް ނިންމާފައި ވަނީ ބާކީ ހުރި ފްލެޓްތައް ވެސް ވެރިފައިކޮށް ޕޮއިންޓު ތަރުތީބުން ދިނުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސްކީމަށް 20،000 އެއްހާ މީހުން ފޯމު ހުށަހެޅި އެވެ. އެހެންކަމުން، ބާކީ ހުރި 15،000 ފޯމު ވެރިފައި މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝަރުތު ހަމަނުވާ ފަރާތްތަކަށް ދީފައިވާ ފްލެޓްތަކަށް ކިހިނެއްތޯ ވާނީ. މި ސްކީމަކީ 20،000 އަށް ވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހެޅި ސްކީމެއް. އެގޮތުން ބާކީވާ ފްލެޓްތައް ވެސް ދޭން އެންމެ ރަނގަޅު ގޮތެއް ކަމަށް ސަރުކާރު ތެރޭގައި މަޝްވަރާކުރެވި ފެނުނީ ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ވެރިފައި ކުރުމުގެ މަސައްކަތާ އެއްގޮތަށް ބާކީ ހުރި ފޯމުތައް ވެސް ބަލައި ވެރިފައި ކޮށްފައި ފްލެޓް ލިބޭ ފަރާތްތަކަށް ޕޮއިންޓު ތަރުތީބުން ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންކަމުން ދެން ކުރާނެ މަސައްކަތަކީ ބާކީ ހުރި 15،000 އެއްހާ ފޯމު މި ދެންނެވި އުސޫލުން ބަލައި ވެރިފައިކޮށް ޕޮއިންޓް ދިނުން،" މުއްތަލިބް ވިދާޅުވި އެވެ.

ފްލެޓް ލިސްޓާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.

ފްލެޓް ލިސްޓާ ގުޅޭ ގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.

މުއްތަލިބު ވިދާޅުވި ގޮތުގައި އެ މަސައްކަތްކުރާނީ މިއަދު 3:00 ގައި ނެރޭ ފްލެޓަށް ލިސްޓަށް ޝަކުވާއަށް ހުށަހަޅާ މުއްދަތު ހަމަވުމުންނެވެ. އެކަމަށް މަސް ދުވަހުގެ މުއްދަތެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެކަމަކު އެ މަސައްކަތް ކުރަން ކިހާ މުއްދަތެއް ހޭދަވާނެ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓު އަލުން ބަލައި ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނިންމާފައި ވަނީ 1،820 މީހެކެވެ.

އޭރު ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުންނެވެ. އެ މީހުންގެ ތެރެއިން ބާކީވާ ފްލެޓްތައް 75 ޕޮއިންޓް ލިބޭ މީހުންގެ މެދުގައި ގުރު ނަގަން ނިންމާފައިވާއިރު ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 73 ޕޮއިންޓު ލިބިގެންނެވެ.

ރިޔާސީ ދައުރު ބަދަލުވާން އެއް ދުވަހަށް ވެފައި އޮއްވައި ނެރުނު އެ ލިސްޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ ކަމަށް 3،721 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 1،218 ހަމަވާ ކަމަށް އޮތީ ނިންމައިފަ އެވެ.

އެކަމަކު އޭރު ފްލެޓް މަޝްރޫއު އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވައި ކުރި ތަހުގީގަށް ފަހު އެންގީ އޭގައި ހިމެނޭ 60 ޕަސެންޓް ޝަރުތު ހަމަނުވާ ކަމަށާއި އެކަން ވެރިފައި ކުރުމަށެވެ.

އެ މަސައްކަތަށް ފަހު މުއްތަލިބު ވިދާޅުވި ގޮތުގައި އެ ލިސްޓުގައި ހިމެނޭ 8 ޕަސެންޓް މީހުންނަކީ އެއްވެސް ލިޔެކިޔުމެއް ހުށަނާޅާ ފްލެޓު ލިބުނު މީހުންނެވެ. އޭރުގެ ލިސްޓުން 2،695 ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިވެފައިވެ އެވެ.

މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ދޭ އެ ފްލެޓުތައް ހޯދުމަށް ގިނަ ބަޔަކު ވަނީ ރަށްރަށުގެ ކައުންސިލުތަކުން ދޮގު މައުލޫމާތު ހިމެނޭ ލިޔުންތައް ތައްޔާރުކޮށްފައިވާ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.