Roadha Mihaaru

ދިގު ވާހަކަ: ޑައިރީއަށް ފަހު

އެއް ވަނަ ބައި

ދިގު ވާހަކަ: ޑައިރީއަށް ފަހު

އެއް ވަނަ ބައި

ރީތި، އުޑުމަތި ސާފު ދުވަހެކެވެ. އޮއްސެންދިޔަ އިރު ރަށުގެ ހުޅަނގު ފާރާތުގައިވާ ރުއްތަކާ ނިވާވިތާ އިރުކޮޅެއްވެއްޖެއެވެ. މަޑުމަޑުން ގޮނޑުދޮށަށް ބީއްސަމުން ގެންދާ ރާޅުތަކާ ދިމާލަށް ނަޒަރު ހުއްޓާލައިގެން ޝިއުނާ ހުރީ ޒިލާލުގެ އިންތިޒާރުގައެވެ.

އޭނާ އެއްގަމާ ދިމާލަށް އެނބުރުނު ވަގުތު ހުދު އަތްދިގު ގަމީހަކާ ގޮޅިޖެހި މުންޑެއް އަނދެގެން އަންނަ މީހާކު އޭނާއާއި ދިމާލަށް އަންނާތީ ފެނުނެވެ.

"ކާފަ؟" ޝިއުނާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

އެކަމަކު ކާފައެއް މިހާރު ދުނިޔެއަކު ނެތެއްނޫންހޭ ޝިއުނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާ އެމީހާއާއި ދިމާލަށް ދިޔައެވެ. ވަކި ހިސާބަކަށް ކައިރިވުމުން އެއީ އޭނާގެ ކާފާ އިބްރާހިމްބެކަން ޔަގީންވިއެވެ. އޭނާ ޝިއުނާއާ ދިމާލަށް އައީ ހިނިތުންވެލާފައި ހުރެގެންނެވެ.

"ދަރިފުޅަށް އިނގޭތަ... އަދި ކިރިޔާ މަންމަ އެ ސަލާމަތްވީ!"

ކާފަ އެހެން ބުނިތަނާ ޝިއުނާއަށް ހޭލެވުނެވެ. އޭނާ ލޯ ހުޅުވާލާފައި ވަށައިގެން ހޯދާލިއެވެ. އޭނާ އޮތީ އޭނާގެ ގޭގައި، ކޮޓަރީގައެވެ. އޭނާއަށް ކާފަ ފެނުނީ ހުވަފެނުންނެވެ. އެކަމަކު ކާފަ އެ ބުނީ ތެދުވާހަކައެކެވެ. އޭނާގެ މަންމަ ހުރިހާކަމަކުން އެ ސަލާމަތްވީއެވެ.

ޝިއުނާގެ ހިތަށް އޭނާގެ މަންމަ ސިފަވެގެން ދިޔައެވެ. އެމަންމައާއި އެކު އޭނާއަށް ހޭދަކުރެވުނު އެންމެ ފަހު ވަގުތުކޮޅެވެ.

އެއީ އިއްޔެ ހެނދުނެވެ. އައި. ސީ. ޔޫ ގެ ތެރޭގައި އޭނާގެ މަންމައާ ދިމާލަށް ބަލަހައްޓައިގެން ހުއްޓާ މަންމަގެ ކަނާތު އިނގިލަތަކަށް ކުޑަކުޑަ ހަރަކާތެއް ގެނައިހެން ހީވިއެވެ. އެވަގުތު ޝިއުނާ އޭނާގެ މަންމަގެ އަތުގައި އަތްޖައްސާލުމުން މަންމަގެ އަތް ހަރަކާތް ކުރިއެވެ. ޝިއުނާގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އެޔާ އެކު ޝިއުނާއަށް މަންމާއޭ ކިޔާފައި ގޮވާލެވުނެވެ. އެހިނދު އޭނާގެ މަންމަ ދެލޯ ތަޅުވާލާފައި ހުޅުވާލިއެވެ. އަދި ޝިއުނާއާއި ދިމާލަށް ރީތިކޮށް ބަލައިލާފައި ހިނިތުންވެލިއެވެ. އެހެނަސް މަދު ސިކުންތު ކޮޅަކަށްފަހު އަނެއްކާވެސް ދެލޯ މަރާލީއެވެ. އަބަދުގެ އަބަދަށެވެ.

މަންމަ އެ ހިނިތުންވެލީ އޭނާ އެއީ ކާކުކަން އެނގިގެން ބާވައޭ އެތައް ހާސް ފަހަރަކު މިހާރު ޝިއުނާގެ ހިތަށް އަރައިފިއެވެ. އެހެންނަމަވެސް އެސުވާލުގެ ޖަވާބެއް އޭނާއަކަށް ދުވަހަކުވެސް ނުލިބޭނެއެވެ.

ޝިއުނާއަށް ކުރީއްސުރެ އެނގިފައިވާ ގޮތުގައި އޭނާގެ މަންމަ ވަނީ އޭނާގެ އުމުރުން އެންމެ ހަ މަހުގައި މިދުނިޔެ ދޫކޮށްފައެވެ. މަންމައެއްގެ ލޯބި ދީގެން، މަންމަ ކިޔުއްވައިގެން ޝިއުނާ ބަލާ ބޮޑުކުރީ އޭނާގެ ދޮންމަންމަ ހުސްނާއެވެ.

އޭނާގެ ފިރިހެން ކޮއްކޮ ޝަހުދުއާއި މަންމައާއި ބައްޕައާއި އެކީ އެއާއިލާ ދިރިއުޅެމުން އައީ އުފާވެރި ދިރިއުޅުމެކެވެ. ހުސްނާއަކީ އޭނާގެ ދޮންމަންމަ ކަމެއް އޭނާ ހަނދާނެއް ނުހުރެއެވެ. އެކަމެއް އޭނާގެ އެކުވެރިނަކަށްވެސް ނޭނގެއެވެ.

އެހުރިހާ ކަމެއް ބަދަލުވީ މިދިޔަ އަހަރު ކުރީކޮޅު އައި ފޯނު ކޯލަކަށް ފަހުގައެވެ. ވަރަށް ހެނދުނު ހެނދުނާ އެގޭ ލޭންޑުލައިނަށް އައި އެ ފޯނަށް ޖަވާބު ދެވުނީ ވެސް ޝިއުނާއަށެވެ. އެއީ އޭނާގެ ކާފަ އިބްރާހިމްބެގެ ފޯނު ކޯލެކެވެ. އިބްރާހިމްބެ އެދުނީ އޭނާއާއި ބައްދަލު ކުރަން އެރަށަށް އައިސް ދިނުމަށެވެ. ކާފަ މިދުނިޔެ ދޫކުރުމުގެ ކުރިން އޭނާގެ މަންމައާއި ބެހޭ އެތައް ވާހަކައެއް ކިޔާންދޭން ބޭނުންކަމަށް ބުނަމުންނެވެ. ޝިއުނާގެ ކާފައެއް ދުނިޔޭގައި ހުރިކަން އެނގުނީވެސް އެދުވަހުއެވެ. އަދި އެނާގެ މަންމަގެ އާއިލާ އޮންނަނީ ދ.އަތޮޅުގައި ކަން ވެސް އެނގުނީ ކާފަ ބުނެދިނީމައެވެ.

އެފޯނު ކޯލާ އެކު އޭނާގެ އަސްލު މަންމައާ ބޭހޭ ގޮތުން އޭނާ ފުރަތަމަ ފަހަރަށް ވިސްނާލިއެވެ. އޭނާގެ އުމުރުން ވިހި އަހަރު ވެގެން ދިޔައިރުވެސް އާއިލާގެ، އެ ފަރާތުގެ އެކަކާވެސް ދިމާ ނުވާތީ އެކަމާ އޭނާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.

ޝިއުނާގެ ބައްޕަ ހަނީފުއަށް އެ ފޯނުކޯލުގެ ޚަބަރު ލިބުމާ އެކު ވަރަށް ރުޅިއައެވެ. ކާފައަކީ މިހާރު ބުއްދި ސަލާމަތުން ހުރި މީހެއް ނޫންކަމަށް ބުނެ، ކާފައާ ބައްދަލުކުރަން ގޮސްގެން ނުވާނެކަމަށް އެންގިއެވެ. ޝިއުނާގެ ޝައުޤުވެރިކަން އިތުރުވެގެން ދިޔައީ އެހިސާބުންނެވެ. އެންމެ ފަހުން އޭނާގެ ބައްޕައަށް އޮޅުވާލާފައި ކާފައާއި ބައްދަލު ކުރަން ދިޔައީއެވެ. އެހެންނަމަވެސް ޝިއުނާގެ ނަސީބު ދިމާކުރިގޮތުން ކާފައާއި އޭނާއާއި ދެމީހުންނަށް ވާހަކަ ދައްކާލަން ލިބުނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. އެވަގުތު ކޮޅުގެ ތެރޭގައި ކާފަ އޭނާއަށް ދޭން ބޭނުންވި މަޢުލޫމާތެއް ނުދެވުނެވެ. އޭގެ ކުރީގައި އޭނާ މިދުނިޔެ ދޫކުރީއެވެ.

ޝިއުނާއަށް އޭނާގެ މަންމައާ ބެހޭ އިތުރު މައުލޫމާތު ލިބުނީ މަންމަ ލިޔެފައިވާ ޑައިރީއިންނެވެ. އެއީ އޭނާގެ ބައްޕައާއި ދިމާވި ހިސާބުން ލިޔަން ފަށާފައިވާ ފޮތެކެވެ. ރީތި ލޯބީގެ ވާހަކައެއް ފަދައިން އޭނާގެ މަންމައާއި ބައްޕަގެ ގުޅުން ފެށިގެން އައިގޮތް ޝިއުނާ ކިޔަމުން ގެންދިޔައިރު ޚިޔާލީ ލޮލަށް އެމަންޒަރުތައް ސިފަވަމުން ދިޔައެވެ. އެހެނަސް އެ ރީތި ލޯބީގެ ވާހަކަ ވަކިހިސާބަކުން ބިރުވެރި ވާހަކައަކަށް ބަދަލުވެގެން ދިޔައެވެ. އޭނާގެ މަންމައާއި ބައްޕަ ކައިވެނި ކުރުމަށްފަހު، ބައްޕަ އަލުން ބޯޓު ދަތުރު ކުރަން ގޮސް، މަންމަގެ ހަޔާތަށް އެހެން ފިރިހެނަކު އައި ހިސާބުންނެވެ. އައީ އެއް ނޫނެވެ. އޭނާގެ ކާފަ ގަދަކަމުން ގެނުވީއެވެ. އޭނާގެ މަންމަގެ ހަޔާތަށް އައީ އިންސާނެއް ނޫންކަން އެނގުނު ހިނދު ޝިއުނާ އެ ޑައިރީ ކިޔަން ޖެހިލުންވިއެވެ. ވަކި ހިސާބަކުން އޭނާގެ މަންމައާ އެ ޖިންނީގެ ލޯބީގެ ކުޅިގަނޑުގެ ވާހަކަ ފެށުމުން އެބައި ކިޔާކަށް ބޭނުމެއްނުވިއެވެ. އޭނާ ލަދުގަތީއެވެ. އެއީ ދުވަހަކުވެސް އެއްވެސް މީހެއްގެ ކައިރީ އޭނާއަށް ދައްކަން ކެރޭނެ ވާހަކައެއް ނޫންކަމަށް ނިންމައި އެހިސާބުން އޭނާ އެޑައިރީ ފޮރުވީއެވެ.

އޭނާގެ ބައްޕަ، ކާފަދެކެ ރުޅިއަންނަނީ އަންނަން ވެގެންކަން ވެސް ގަބޫލުކުރެވުނީ އެ ހިސާބުންނެވެ. ކާފަ އަކީ ފަންޑިތަ ހަދާ، ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު ކުރަން ނަން މަޝްހޫރު ވެފައިވާ މީހެއްކަމަކު އޭނާގެ އަމިއްލަ ދަރިފުޅު އެފަދަ މަޚުލޫޤަކާއި ޙަވާލު ކުރާނެޔޭ ހިތަށްއަރާނީ ކާކު ހެއްޔެވެ؟

އެކަމަކު ޙަޤީޤަތަކީ އެއީއެވެ. މަންމަ އުބޭދުއޭ ކިޔާ އެޖިންނީގެ އަވައިގައިޖެހި ކަސްތޮޅު އެޅުނީއެވެ.

އެހިސާބުން ޝިއުނާގެ ހިތުގައި އެތައް ސުވާލެއް އުފެދެންފެށިއެވެ. ޑައިރީއަށް ފަހު ދެންވީގޮތް އޮޅުން ފިލުވަން ބޭނުންވިއެވެ.

މަންމަ މިދުނިޔެ ދޫކުރީ ކިހިނެއްވެފައިތޯ އޮޅުން ފިލުވަން ކުރި މަސައްކަތުން ޝިއުނާއަށް އެނގުނީ އޭނާ މަންމަ ވަނީ މަރާލެވިފައި ކަމެވެ. ދެން ޝިއުނާ ނިންމީ އެއީ އެ ޖިންނި ކުރިކަމެއް ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިލްޒާމް އެޅިފައިވަނީ އެނާގެ ބައްޕަގެ ބޮލުގައިކަން އެނގުމުން އޭނާއަކަށް ކެތެއްނުވީއެވެ. އޭނާ ވަރަށް ފޮރުވައިގެން ގެންގުޅު އެ ޑައިރީ ބައްޕައަށް ދައްކާ އެސުވާލު ކުރީއެވެ.

ކަމުގެ ޙަޤީޤަތް ހާމަވީ ދެނެވެ. އޭނާގެ މަންމަ މަރުނުވާކަމަށާއި އަދިވެސް ދުނިޔޭގައި ހުރިކަން ޝިއުނާއަށް އިނގުން ވެގެން ދިޔައީ ޝިއުނާގެ ހަޔާތުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ސިހުންކަމުގައެވެ. އެދުވަހު އޭނާގެ ބައްޕަ ހުރިހާ އެއްޗެއް ތެދަށް ކިޔައިދެއްވުމުގެ ކުރިން މިއޮއްހާދުވަހު އެކަން ސިއްރުކުރެއްވި ސަބަބުވެސް އޮޅުންފިލުވައި ދެއްވިއެވެ. އެއީ އެ ޙަޤީޤަތާއި ކުރިމަތިލާނެހާ ހިތްވަރު ޝިއުނާގެ ކިބައިގައި އަދި ނުހުންނާނެތީއެވެ.

ކަންވީވެސް އެހެންނެވެ. ގުރައިދޫގެ މަރުކަޒުގައި ޖެހި ބުދެއްހެން ހުރި އަންހެނަކީ އޭނާ ބަނޑު އަޅާ ވިހޭ މައިމީހާކަން ޝިއުނާއަށް ގަބޫލުކުރަން ދަތިވިއެވެ. އޭނާ ވަރަށް ދެރަވިއެވެ. އެތާ އެތެރޭގައި އިރުކޮޅަކުވެސް ކެތްކޮށްނުލެވުނެވެ. ބައްޕަ ބުނުއްވި ފަދައިން އެމަންޒަރު ފެނި، އެކަން އެނގުމަށްވުރެ ނޭނގުނު ނަމަ މާ ރަނގަޅު ވީހޭ ޝިއުނާގެ ހިތަށް އެރިއެވެ.

ކޮންމެއަކަސް، ޝިއުނާގެ މަންމަ ފަރީޝާ ރަނގަޅު ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން މަސައްކަތް ފެށުނީ އެހިސާބުންނެވެ. އެކި އެކި ރާޤީންނާއި ވާހަކަ ދައްކާ ޚިޔާލު ހޯދަން ފެށުނެވެ. އެހެނަސް އެކަން އަމަލީ ސިފައެއްގައި ނުފެށިގެން އުޅެނިކޮށް އޭނާގެ މަންމަ މިދުނިޔެ ދޫކުރީއެވެ.

މަންމަ ރަނގަޅަށް ދުނިޔޭގައި ހުރިނަމަ އޭނާގެ ދިރިއުޅުން ހުރީހީ ކިހިނެތްބާވައޭ ޝިއުނާ އަނެއްކާވެސް ހިތަށް އެރިއެވެ. އެހެންނަމަ އެމީހުން ދިރިއުޅޭނީ މަންމަމެން ރަށުގައި ހެއްޔެވެ؟ ރަށުގައި ބޮޑުވިނަމަ އޭނާ ކުރާނީ ކޮންކަމެއްބާވައެވެ؟ އެހެންނަމަ އޭނާއާއި ޒިލާލުއާއި ދިމާވީސް ހެއްޔެވެ؟ ޝިއުނާ އެނދުގައި އޮށޯވެލައިގެން އޮތްވެ ވިސްނަމުން ގެންދިޔައެވެ.

ޝިއުނާގެ މަންމަ މިދުނިޔެ ދޫކުރިފަހުން އަދި ސައުވީސް ގަޑީއިރު ވެސް ނުވެއެވެ. އެހެނަސް އޭނާ އެކަމަކާ ދެރައެއް ނުވެއެވެ. އެއީ އަސްލު ކީއްވެގެން ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެއީ އޭނާގެ މަންމައާއި އޭނާއަކާ އެއްވެސް ގުޅުމެއް، ހަނދާނެއް އަދި އިޙުސާސެއް ފޮރުވިފައި ނެތީމާ ކަމަށް އޭނާ ނިންމިއެވެ.

އޭނާއަށް އެނގިފައިވަނީ މަންމަގެ ހަޔާތުގެ ސޮފުހާތަކުން ކުޑަކުޑަ މިންވަރެކެވެ. ޑައިރީގެ ސަބަބުންނެވެ. އެކަމަކުވެސް އެއީ ކިޔުނު ވާހަކައެކޭ އެއްފަދައެވެ. ވާހަކައެއް ކިޔާ ނިންމާލާ ދުވަސްކޮޅު އޭގާއި އުޅުނު މީހުންގެ މަތިން ހަނދާން ހުންނަފަދައިން އޭނާގެ މަންމަގެ ހަނދާންތައްވެސް ހިތުތެރޭގައި ހަރުލާފައި ހުރީ ކަމަށް ވެދާނެއޭ އޭނާގެ ހިތަށް އެރިއެވެ. އޭގާއި އެކުލެވިގެން ވާ އަސަރުތައްވެސް އިސާހިތަކު ހިތުން ފިލައިގެން ދާނެކަން އޭނާއަށް ހަމަ ޔަގީނެވެ.

ރޭގައި، މަންމަގެ ޖަނާޒާ ނިންމާފައި އައިގޮތަށް އޭނާ އެ ޑައިރީ އަންދާލީއެވެ. އެއީ ސަހަރާއިން ގެއަށް އައި މަގުމަތީގައި ޓެކްސީގައި އިންދާ އެނާއަށް ފެނުނުހުވަފެނެއްގެ ސަބަބުންނެވެ. އެހުވަފެނުގައި އޭނާ މަންމަ އައިސް އޭނާ ކައިރީގައި ޑައިރީ އަންދާލަދޭށޭ ބުނީއެވެ. އެކަން އެގޮތަށް ކުރެވުނީތީ ޝިއުނާ ހިތްހަމަ ޖެހުނެވެ. ހަމަގައިމުވެސް ދެން އެމަންމަގެ ވާހަކަތައް އިތުރުމީހަކަށް ފެނި ކިޔާނެ ފުރުސަތު ނުލިބޭނެއެވެ.

ތެދުތެދަށް ބުނަނީ ނަމަ، މަންމަ ވަކިވީތީ ދެރަވުމުގެ ބަދަލުގައި އޭނާގެ ހިތާއި ސިކުނޑިއަށް ވެރިވެފައިވަނީ ހިތް ހަމަޖެހުމެވެ. މަންމަ އެހާލުގައި، މިދުނީޔޭގައި ހުރުމަށް ވުރެ ނެތުން މާރަނގަޅެވެ. ހުވަފެނުގައި އޭނާގެ ކާފަ އެބުނި ފަދައިން، އެޖިންނީގެ ކިބައިން މަންމައަށް މުޅިން ސަލާމަތް ވެވުނީތީ އޭނާއަށް ޝުކުރުވެރިވެވުނެވެ.

އާއެކެވެ. އޭނާގެ އުފަން މަންމަ ފަރީޝާގެ ހަޔާތުގެ ވާހަކަ މިހިސާބުން އެނިމުނީއެވެ. ދެން އޮތީ އޭނާގެ ވާހަކައެވެ. އޭނާ މިހާރު ފޮނި ހުވަފެން ދެކެމުން އެދަނީ ޒިލާލު އާއި އެކީގައި އުފާވެރި ހަޔާތެއް ވޭތުކުރުމަށެވެ. އިންތިޒާރު ކުރަމުން ގެންދަނީ އެދުވަހަކަށެވެ. ޒިލާލު މަތިން ހިތަށް އެރުމާއިއެކު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

ޝިއުނާ މޯޅިއަކަށް ދެމިލާފައި ގަޑި ބަލައިލިއެވެ. އޭރު ހެނދުނު ހަތެއް ޖަހަން ކައިރިވެއްޖެއެވެ. މިއަދު އޭނާ އޮފީހަށް ސަލާމް ބުންޏަސް އެންމެ ރަނގަޅޭ އޭނާގެ ބޮސް ވަނީ ބުނެފައެވެ. އެހެންކަމުން އޭނާ ކުރިން ނިންމައިގެން ހުރީ މިއަދު ތަންކޮޅެއް ގިނައިރު ވަންދެން ނިދާލަން އޮންނަން ކަމަށެވެ. އެކަމަކު ކާފަ ހުވަފެނުން ފެނި، މަންމަގެ ހަނދާންތައް އާވެ، ހިތުތެރޭގައި އެނބުރެމުންދިޔަ ޚިޔާލުތަކުގެ ސަބަބުން އޭނާގެ ނިދި މުޅިން ފިލައިގެންގޮސްފިއެވެ.

ޝިއުނާ ތެދުވެގެން، ކޮފީއެއް ހަދައިގެން ނުކުތީ ބޭރު ފެންޑާއަށެވެ. އޭރުވެސް ހަމަ ބޯކޮށް ވާރޭވެހެމުން ދެއެވެ. ބައްޕަގެ ސައިކަލު ފެންޑާމަތީ ހުރުމުން ވިއްސާރަވީމާ އޭނާގެ ބައްޕަ ވެސް ފަތިހު ބޭރަށް ނުދުރުވަނީކަން އެނގުނެވެ.

ޝިއުނާ ގޮސް ޖޯލީގައި އިށީނެވެ. ދިޔަދޮވީގެ ހޮޅިން ހޯސްލާފައި އަންނަމުން ދިޔަ ފެނުން މުޅި ދޮރުމަތި ދިޔަ ބޮޑުވަމުންދާ މަންޒަރާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އިދެ އޭނާގެ ބައްޕައާ މެދު ޚިޔާލު ކޮށްލިއެވެ. -- ނުނިމޭ --

● ނޯޓް: މިއީ "ދޯ" ގައި މީގެ ކުރިން ޝާއިއުކޮށްފައިވާ "ޑައިރީ" ވާހަކައިގެ ސީކުއެލް އެކެވެ.