Roadha Mihaaru

ދިގު ވާހަކަ: ޑައިރީއަށް ފަހު - 6

ހަވަނަ ބައި

ދިގު ވާހަކަ: ޑައިރީއަށް ފަހު - 6

ހަވަނަ ބައި

ވަރަށް މާޔޫސްކަމާއި އެކީގައި ގުރޭޝާ އެދިޔަގޮތަށް ގޮސް ވަށާލާފައި މައިމަގަށް ނުކުމެގެން އަނެއްކާވެސް ގެއާއި ދިމާލަށް މިސްރާބު ޖެހީއެވެ. ޒިލާލުގެ ބައްޕަ ބަލިވެ އުޅޭތީ އޭނާ މިރޭ ގެއިން ނުނިކުންނަނީ ބާވައޭ އޭނާގެ ހިތަށް އަރަމުންނެވެ.

އެރޭ ޒިލާލު އޭނާގެ އެކުވެރިންނާއި އެކީގައި ކޮފީއަށް ދިޔައީ ވަރަށް ލަސްވިފަހުންނެވެ. ޝާހިދު އެތަނަށް އައިގޮތަށް އައިސް ޒިލާލު ބުރަކަށީގައި ޖަހާލާފައި ތިއީ ހާދަ ނަސީބު ރަނގަޅު ގޮލައެކޭ އޭނާއާއި ދިމާލަށް ބުނެލިއެވެ. ޒިލާލު ޝިއުނާއާއި އިންނަން އުޅޭކަން އޭނާއަށްވެސް އޮތީ އެނގިފައެވެ.

ޒިލާލުއަށް ތަދުވެގެން އައްދޯތް އޭ ބުނެލިއެވެ. އޭނާގެ އަތުން ކޮނޑުގައި ފިރުމަމުން މަގޭ ބޮނބިފަޅީގައި ރެނދެއްލީ ކަންނޭނގެއޭ ކިޔަންފެށިއެވެ. އޭނާ ވަރަށް ހިނިއައިސްފައި ޒިލާލު ކައިރީގައި އިށީނެވެ. އެއެންމެންގެ ތެރެއިން އެންމެ ބިޔަކޮށް ވަރުގަނދަކޮށް ހުންނަނީ ޝާހިދުއެވެ. އޭނާވެސް ކުރިން މުބީންމެންނާއި އެކީގައި ފަރުމަސްވެރިކަމުގައި އުޅެފައި މިހާރު ސަފާރީ އޮޑިއެއްގައި މަސައްކަތްކުރާތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ.

" ކައޭ އަސްލުވެސް ކިހިނެތްތަ އެހާ އަވަހަށް އެމަންޖެ އިންނަން އެއްބަސް ކުރުވީ؟" "އަހަރެން މޮޅީއެއްނު!" ޒިލާލު ފޮނިވެލިއެވެ.

އެހިސާބުން މުބީންމެން މިދޭތެރެއިން ސަފާރީއަށް އައި ޔުކްރޭން މަންޖެއެއްގެ ވާހަކަ ފެށިއެވެ. އެމަންޖެ ފުރިފަހުން ޝާހިދުގެ ހާޓު ބުރޭކްވެގެން އުޅުނު ވާހަކައެވެ.

"ދެން ކޮބާ މައްސަލައަކީ؟ ކައޭ މެން ތިހެންކީމާ ހީވަނީ ތިޔަ ހާރޓުބެރޭކެ ކިޔާ އެއްޗަކީ މަށަށް އެކަނި ޖެހުނު ރޯގާއެއްހެން!"

"ޝާޑުއެއް ކަމަކު އެބުނީ ހަމަ ވަރަށް ބޮޑު ތެދެއް!" ޒިލާލު އޭނާއާއި އެއްކޮޅަށް ހިފާލިއެވެ.

އެގޭފަހުންވެސް އެތިންމީހުން ވެގެން ޝާހިދުއާއި ދިމާކުރިއެވެ. އެއީ އެމީހުންގެ އާދައެވެ. އެނާ ކަޅުކަމުން އަނދިރީގައި ހުންނައިރު ދަތްޕިލަ ނޫންއެއްޗެއް ނުފެންނާނެއޭ ޒިލާލު އާއި މުބީންއާއި ދެމީހުން ކުރިން ވަރަށް ގިނައިން އޭނައާއި ދިމާލަށް ކިޔާނެއެވެ. އެފާޑުގެ އެއްޗެތި ކިޔަސް އޭނާ މާބޮޑަކަށް އަޅައެއްނުލާނެއެވެ. އެމީހުންނާއި ބައިވެރިވެގެން ހީލަހީލާ އިންނާނީއެވެ.

" ޝާޑުގެ އެންމެ ބެސްޓުތަންކޮޅަކީ އަހަރުމެން ކޮންމެ ފަދަ އެއްޗެއް ކިޔަސް އޭނާ ރުޅި ނާންނާތީ ދޯ!" ޒިލާލު އޭނާގެ ރަހުމަތްތެރިޔާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

"ވަރަށް ހައިވެފަ މިހިރީ.. މިގަޑީގައި ކާއެއްޗެއް ނުލިބިއްޖިއްޔާ ރުޅިގަދަވެދާނެ!"

ޒިލާލު ވެއިޓަރަށް ގޮވަން ހަނާ އަޅާލިއެވެ. " ކަލޭ ބޭނުން އެއްޗެއް ގެނެސްގެން ކާންވީ!." ޒިލާލު ބުނެލިއެވެ.

އަނެއްދުވަހު ހެނދުނު ހޭލިއިރު ޒިލާލު ބައްޕަގެ ފައިގެ ތަދު ވަރަށް ބޮޑުތަނުން ރަނގަޅު ވެފައިވާކަން އިގުނީމާ ޒިލާލު ވަރަށް އުފާވިއެވެ. ބައްޕައަށް މަޑުމަޑުން ފައިއަޅައިގެން ގޭތެރޭގައި ހިނގާލެވޭ ވަރުވެއެވެ. ޒިލާލު އެންމެ ކަންބޮޑުވެފައިހުރީ އޭނާގެ ބައްޕައަށް ކައިވެނި ވާދުވަހަށް މާލެ ނުދެވިދާނެތީއެވެ. ބައްޕައަށް ނާދެވެންޏާ ކައިވެނި ފަސްކުރަން ޖެހޭނެތީއެވެ. އޭނާ އެގޮތެއް ބޭނުމެއްނޫނެވެ.

އެދުވަހު ޒިލާލު ދިޔައީ މުބީންމެންނާއިއެކީ ފަރުމަސްވެރިކަމަށެވެ. ޒިލާލުގެ މާލޭގެ ދިރިއުޅުމުގެ ވާހަކަ މުބީންއަށް އޭނާ ކިޔައިދިނެވެ. އޭނާ އާދަކުރަމުން ގެންދާ ވަޒީފާ ކަމުނުދާ ވާހަކައާއި ކައިވެންޏަށްފަހު އެހެންތާކުން ވަޒީފާއެއް ހޯދަން ވިސްނާ ވާހަކައަށް ދަންދެން ކިޔައިދިނެވެ.

"އަސްލު މި ލައިފު ވަރަށް މިސްވޭ.. އެކަމަކު ދެން ހުރިހާ މޮޅެއްވެސް ނުވާނެތާ ދޯ" ޒިލާލު ހިނިގަނޑެއް ޖަހާލަމުން މޯޑުއާއި ދެންވެސް އެމީހުންނާއި އެކީގައި މިހާރު މަހަށް ދާން އުޅޭ ނާހީ އާއި ދެމީހުންނަށްވެސް އަޑު އިވޭވަރަށް ބުންޏެވެ. އެމީހުންވެސް އެކަމާ އެއްބަސްވިއެވެ. ކަނޑުމައްޗަށް އަރާ ނުލެވި ގިނަދުވަސް ވެއްޖިއްޔާ ދެން ނޭވާލާންވެސް އުނދަގޫވާހެން ހީވެޔޭ މޯޑު ބުނެލިއެވެ.

ރިސޯޓަށް މަސް ވިއްކާފައި އެމީހުންނަން އެނބުރި ރަށަށް އާދެވުނުއިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. އެމީހުން ފައިބައިގެން ދިޔަ މަންޒަރު ބަލަން އަތިރިމަތީގައި، ތަންކޮޅެއް ދުރުގައި އިށީނދެލައިގެން ގުރޭޝާ އިނެވެ.

އިޝާ ނަމާދަށް ގޮވަންފެށުމުން ގުރޭޝާ އަވަސްވެގަތީ ޒިލާލުމެންގެއާއި ދިމާލަށް ދާށެވެ. ޒިލާލު މިސްކިތަށްދާން ނުކުންނަންދެން ދުރުގައި ބަލަހައްޓައިގެން ހުރެފައި، ހަލުވި ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް އެގެއަށް ވަނެވެ. އެގަޑީގައި ޒުހުދާވެސް އަދި މަންމަވެސް ވާނީ ނަމާދަށް އަރާކަން ގުރޭޝާއަށް އިނގެއެވެ.

ގުރޭޝާ އެދިޔަ ބާރުމިނުގައި ގޮސް ވަނީ ޒިލާލުގެ ކޮޓަރިއަށެވެ. އޭނާގެ އެނދުމަތީގައި ލާފައި ބާލާފައި އޮތް ޓީޝާރޓެއް އޮތެވެ. ގޮނޑިމަތީގައި ހުރި އޭނާގެ ބެކްޕެކް ބަލައިލިއިރު އޭގައިވެސް އޮތީ އެންމެ ޓީޝާރޓަކާއި ސޯޓެކެވެ. އެއިން އެއްޗެއް މަދުވެއްޖިއްޔާ ޒިލާލުއަށް އިނގިގެން ޝައްކެއްވެދާނެއޭ ގުރޭޝާގެ ހިތަށް އެރިއެވެ. އެހެންވެ އެނާ އަވަސް އަވަހަށް އެކޮޓަރިން ނުކުތީއެވެ. އަދި އެދިޔަގޮތަށް ގޮސް ޒުހުދާ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލާފައި ހުޅުވާލިއެވެ. އޭރު ޒުހުދާ އަދި އިނީ މުސައްލަމަތީގައެވެ. އޭނާ ސަލާން ދީ ނިންމާފައި ގުރޭޝާއާއި ދިމާލަށް ބަލައިލިއެވެ.

"ޒުހޫ ވަރަށް ބޮޑު ކަމަކު މިއައީ!" ދޮރުމަތީހުރެ ގުރޭޝާ ވާހަކަ ދެއްކިއެވެ.

ގުރޭޝާ އެދުނީ ޒިލާލު މާލެ ދާއިރު އޭނާގެ ތިއްތައްތައަށް ޙަވާލުކުރަން އެއްޗެއް ގެންގޮސް ދެވިދާނެތޯ އަހައިދޭށެވެ. އޭނާއަށް ބޭބެ އާއި ވާހަކަ ދައްކާކަށް ނުކެރޭނެއޭ ބުނެލިއެވެ.

ޒުހުދާ ހިތްހަމަ ނުޖެހުނެވެ. ހަމަ ތިއައީ ހަމަ ތިހެންއަހާލަން ތޯ ސުވާލުކުރިއެވެ. މެސެޖްކޮށްލާފައި ނޫނީ ގުޅާލާފައިވެސް އަހަރެން ކައިރީ ތިވާހަކަ ބުނެވުނީސް އެއްނޫންހޭ ބުނެލިއެވެ. ގުރެޝާ އެއްޗެކޭ ކިޔާފައި އެއައީ އޭނާގެ ބޭބެ އުޅޭތީކަން ޒުހުދާއަށް ވިސްނުނެވެ. އެހެންކަމުން އޭނާ ހިތްހަމަ ނުޖެހުނުކަން ގުރޭޝާއަށް އަންގާލަން ބޭނުންވީއެވެ.

"އާނ ތެދެކޭ ދޯ.. އެކަމު މިހެން ދަމުން ދެން ހިތަށް އެރީ ވަދެލާނީއޭ.. ދެން ދަނީ! ކޮންދުވަހަކުންތަ އޭނާ.... ބޭބެ ފުރަނީ؟"

" ނޭނގެ!" ޒުހުދާ ފަރުވާކުޑަ ގޮތަކަށް ޖަވާބު ދިނެވެ. އަދި ތެދުވެގެން ގޮސް ލޯގަނޑު ދޮށަށް ހުއްޓި ފުނާއަޅަން ފެށިއެވެ. އޭނާގެ ބޭބެއާއި ގުރޭޝާ ދިމާވާކަށް އޭނާ ބޭނުމެއްނޫނެވެ. ގުރޭޝާ އާއި ރަހުމަތްތެރިކަން ބޭއްވިއަސް، އޭނާގެ ފަހަރިއަކަށް ގުރޭޝާ ހަދާކަށް އޭނާވެސް މިހާރަކު ބޭނުމެއްނޫނެވެ. ޒުހުދާއަށްވެސް ޤަބޫލުކުރެވޭ ގޮތުގައި ޝިއުނާއާއި އެކީ އޭނާގެ ބޭބެގެ ދިރިއުޅުން މާ އުޖާލާވާނެއެވެ.

"ބައްޕަ ކިހިނެތްތަ މިހާރު؟... ހޮސްޕިޓަލަށް ގެންގޮސް އިންޖެކްޝަން ޖެހީދޯ"

ޒުހުދާ ބޯޖަހާލަމުން އޭނާގެ ފޯނު ނަގާ ޙަމީދުއަށް ގުޅާލިއެވެ. އޭނާ ގުރޭޝާއާއި ވާހަކަ ދައްކަން ވަގުތު ހޭދަކުރާހިތެއްނުވިއެވެ.

އިރުކޮޅަކު އެހެންހުރެލާފައި ގުރޭޝާ އެކޮޓަރި ދޮރުލައްޕާލާފައި ހިނގައިގަތީއެވެ. އޭރު މިސްކިތުން ފޭބި މީހުން އެގެ ކުރިކަނޑާފައި ދެއެވެ. ގުރޭޝާ އެގޭތެރޭގައި މަޑުކޮށްލާފައި ޒިލާލު އަންނަތަން ފެނުމުން ނުކުންނަން ހިގައިގަތެވެ.

ކުއްލިއަކަށް އެނާގެ ކުރިމައްޗަށް ގުރޭޝާ ނުކުތުމުން ޒިލާލު ދިޔައީ އެއްލިގެންނެވެ. މަދު ސިކުންތު ކޮޅަކަށް އޭނާއާއި ގުރޭޝާއާއި ހަތަރުކަޅި ހަމަވިއެވެ. އެހެންނަމަވެސް ޒިލާލުގެ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކާ އޭނާ ގޭތެރެއަށް ވަދެގެން ދިޔައީއެވެ. ގުރޭޝާވެސް އޭނައާއި ވާހަކަދައްކަން ނޫޅެ އަވަސް އަވަހަށް ނުކުމެގެން ދިޔައީއެވެ.

ޒުހުދާ ކޮޓަރިން ނުކުތް އިރު ގުރޭޝާއެއް ނެތެވެ. އޭނާއަށް ފެނުނީ އޭނާގެ ބޭބެއެވެ. ގުރޭޝާ އެދުނު ކަންތަކުގެ ވާހަކަ އޭނާގެ ބޭބެ ކައިރީގައި ބުންޏެވެ.

"ތިޔަ އެއްޗެއް ހިފައިގެން ވިލިނގިއްޔަކަށް މަށަކަށް ނުދެވޭނެ!" ޒިލާލު ކުޑަކޮށް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

މޯޑު އައުމުން ޒިލާލު މުބީންމެންގެއަށް ކާންދިއުމަށް ނައްޓާލީއެވެ. އެމީހުން ދިޔައިރު މަސް ފިހުމުގެ މަސައްކަތުގައި ސަލްވާއަށް އެހީވެދޭން އާމިރާވެސް އުޅެއެވެ. އޭނާ އެދުމުން ޒިލާލު ޝިއުނާއަށް ވީޑިއޯ ކޯލު ކުރިއެވެ. ފިހެވެމުންދާ މަސް ދައްކާ އޭނާ ދަހިކުރުވަން މުބީންމެން ވާހަކަ ދެއްކިއެވެ. އާމިރާއަށް އެމީހުންގެ ކައިވެންޏަށް މާލެ ދެވެން ނެތީމާ އެކަމާ ދެރަވެގެން އެވާހަކަ ދެއްކިއެވެ. އަދި ނުދެވޭ މީހުންނަށް ސައިދޭން ރަށަށް އަންނަން ވާނެ ކަމުގައި އާމިރާ ބުނެލިއެވެ.

"މައްސަލައެއް ނޯންނާނެ! ވަރަށް އަވަހަށް ތިކޮޅަށް ދާނަން އިރާދަކުރެއްވިއްޔާ!" ޝިއުނާ އުފާވެލާފައި ޖަވާބު ދިނެވެ. އެހުރިހާ އެންމެންވެސް ގުރޭޝާއަށްވުރެ ބޮޑަށް ޒިލާލުގެ ހަޔާތަށް ގެންނަން ބޭނުންވަނީ އޭނާކަން މިހާރު ޝިއުނާއަށް މުޅިން ޔަޤީން ވެއްޖެއެވެ.

ދަންވަރުގެ ވަގުތެވެ. ޝިއުނާއަށް ހޭލެވުނީ ގުރޭޝާ ހުވަފެނުން ފެނިފައެވެ. އޭނާ ޒިލާލުމެންގެއަށް ވަންނަނިކޮންނެވެ. އެހިސާބުން ޝިއުނާގެ ނިދި ފިލައިގެން ދިޔައެވެ. އޭނާ ފޯނު ބަލައިލިއިރު ދަންވަރު ދެގަޑި ބައިވެއްޖެއެވެ. ޒިލާލުގެ ވަޓްސްއަޕް މެސެޖެއް އައިސްފަ އޮތެވެ. ބާރަގަޑި ސާޅީސް ދޭއްގައެވެ. ނިދީތޯ އަހާފައެވެ.

ޒިލާލުއަށް ގުޅައިގެން ވާހަކަ ދައްކަން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް ނުކެރުނެވެ. އޭނާ މިހާރު އޮންނާނީ ނިދާފާއިކަން ޝިއުނާއަށް ޔަޤީނެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ހަމަ ވަސްވާސް ވަންނަނީއެވެ. އޭރު އެމީހުން ވީޑިއޯ ކޯލު ކުރިއިރު ހަމަ ގައިމުވެސް ގުރޭޝާއެއް އެގެއަކު ނެތެވެ. އޭގެ ފަހުން އެގެއަށް ގުރޭޝާވެސް ދިޔައީ ބާވައެވެ؟ ޒިލާލުއާއި ގުރޭޝާއާއި ދިމާވިބާވައެވެ؟ އެދެމީހުން ދިމާވެ ވާހަކަ ދެއްކީ ހެއްޔެވެ؟

މި ފެނުނީ ކޮންކަހަލަ ހުވަފެނެއް ހެއްޔޭ ހިތަށް އަރާފައި އެތައް އިރެއްވަންދެން އެކަމާ ވިސްނަން ޝިއުނާއަށް އޮވެވުނެވެ.

އަނެއްދުވަހު ހެނދުނު ދިހަގަޑި ބައިވާން ކައިރިވީއިރު ޒިލާލު ހުރީ ފާލަން މަތީގައެވެ. މާލެ ދާ ލޯންޗުގެ އިންތިޒާރުގައެވެ. އޭނާ އެތާނގައި ހުއްޓާ ޝާހިދު އައިސް މިހާ އަވަހަށް މާލެ ދަނީތޯ އަހާލިއެވެ. ޒިލާލު އާއެކޭ ބުނުމުން ދެން ދާގޮތަށް ގޮސް އެމަންޖެއާއި ހަމަ އިންނަނީތޯ އޭނާ އަހާލިއެވެ.

"އާނ ދެން ކީއްކުރަން ލަސްކުރަންވީ؟... އަންނާތި އިނގޭ ޕާރޓީއަށް"

"ހިޔެއްނުވޭ އެދުވަހަށް ދެވޭނެ ހެނެއް... ދެދުވަހެއްގެ ތެރޭގައި ގދ. އަށް ނައްޓާލަން މިއުޅެނީ.. އެދަތުރު ނިންމާފައި މާލެ ގޮސް ގުޅާނަން ދިމާކުރަން."

ޒިލާލުއަށް މާލެ އާދެވުނު އިރު އިރުއޮއްސިއްޖެއެވެ. އޭނާ ރީތިވެލާ ހަދައިގެން ދިޔައީ ޝިއުނާމެންގެއަށެވެ. ޒިލާލު ފެނުމުން ޝިއުނާއަށް ލިބުނު އުފަލެއް ބުނެދޭކަށް ނޭނގުނެވެ. އޭނާ ބޭނުންވީ ވަޤުތުން ޒިލާލުގެ ގައިގައި ބާރަށް ބައްދާލާށެވެ. އެހެންނަމަވެސް އޭނާގެ މަންމައާއި ބައްޕަ އެތަނުގައި ތިބީމާ ޝިއުނާއަށް ވެރިވެފައިވާ އުފާވެރިކަން ވަންހަނާ ކުރެވޭތޯ މަސައްކަތް ކުރިއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ޝިއުނާގެ ބައްޕަ ފިހާރައަށް ދުރުވީއެވެ. މަންމަ ޓީވީ ބަލަން އިށީނީމާ އެދެމީހުން ނުކުތީ ބޭރު ޖޯއްޔަށެވެ. ޒިލާލުގެ ދަތުރާއި ބެހޭގޮތުން ހުރިހާ އެއްޗެއް ޝިއުނާ އޮޅުން ފިލުވަން ބޭނުންވިއެވެ. ވަކިން ޚާއްޞަކޮށް އޭނާއާއި ގުރޭޝާ އާއި ދިމާވިތޯ ބަލަން ބޭނުންވިއެވެ. ޝިއުނާއަށް ގުރޭޝާ ހުވަފެނުން ފެނުނު ވާހަކަ ބުނަންވީއޭވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އެކަން ކުރާކަށް އޭނާއަކަށް ނުކެރުނެވެ.

ޒިލާލުގެ ވާހަކައަކުން އޭނާއާއި ގުރޭޝާއާއި ދިމާވިކަމެއް ނުވަތަ ދިމާނުވާކަމެއްވެސް ޝިއުނާއަކަށް ނޭނގުނެވެ. އެކިގޮތް ގޮތަށް އެކި ސުވާލުކޮށްގެންވެސް ޝިއުނާއަކަށް އެ މައުލޫމާތެއް ލިބޭގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ކުޑަކޮށް މާޔޫސްވިއެވެ.

ޒިލާލު އެހާގިނައިރު އެގޭގައި އިންނާކަށް ބޭނުމެއްނުވިއެވެ. އަނެއްދުވަހަކީ އޭނާގެ ހެނދުނު ޑިއުޓީ ދުވަސް ވީމާ އަވަހަށް ހޭލަން ޖެހޭނެއޭ ބުނަމުން ދާން ނުކުތެވެ. ޝިއުނާވެސް އޭނާއާއި އެކީގައި ދޮރާށި ދޮށަށް ނުކުމެ، ގުޑްނައިޓު ކިޔާފައި ވަކިވުމުގެ ސަލާމް ކޮށްލާފައި އެތެރެއަށް ވަނީ އުފާވެފައި ހުރެގެންނެވެ.

ގޭތެރެއަށް ވަންނަމުން ފަހަތް ބަލައިލެވުނު ވަގުތު ފެނުނީ ދޮރާށިމަތިން ދިއްލިފައި އިންދެލޮލެވެ. އެޔާއިއެކު ޝިއުނާގެ މެޔަށް ހީވީ ފެންއެއްޗެއް އަޅާލިހެންނެވެ. އަވަސް އަވަހަށް ގޭތެރެއަށް ދެމިގަތީއެވެ. (ނުނިމޭ)