ތިން ވަނަ ބައި
ތިން ވަނަ ބައި
ޖަވާބުގައި ޙަނީފުވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. މިއަދު އޭނާގެ ދަރިފުޅުގުޅިގެން އެއުޅެނީ މިދިމާވި ހާދިސާ އިން އަރައިގަނެ، ދިރިއުޅުމާއިގެން ކުރިއަށް ދާނެ ރަނގަޅު މަގެއް ދައްކާނެ ޒުވާނެއްކަމުގައި އޭނާއަށްވެސް ގަބޫލު ކުރެވެއެވެ.
ޒިލާލުއަށް ހޭލެވުނީ ނުވަގަޑި ބައިވި ފަހުންނެވެ. އޭނާ ފޯނު ބަލައިލިއިރު ޝިއުނާ ކޮބާ ހޭލީހޭ ކިޔާފައި މެސެޖް ކޮށްފައި އޮތެވެ. އޭގެ ގަނޑިއެއް ހާއިރު ކުރިންނެވެ. އޭނާ ޝިއުނާއަށް ގުޅާލިއެވެ. ޝިއުނާ އެދުނީ އެގެއަށް ސައިބޯން އައުމަށެވެ. އެކަމަކު އޭރު އަނެއްކާވެސް ވިއްސާރަ ބޯކޮށްލައިފިއެވެ. އެހެންކަމުން އޭނާއަށް ތެމިގެން އެގެއާއި ހަމައަކަށް ނުދެވޭނެ އެއްނޫންހޭ ކިޔާފައި އޮތީއެވެ.
އެދުވަހު ޒިލާލުގެ ޑިއުޓީ އޮތީ މެންދުރު ފަހުއެވެ. އެހެންވީމާ އަނެއްކާވެސް ނިދޭތޯ ލޯމަރާލިއެވެ. އެތައް އިރަކު އެހެން އޮތުމުންވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. އޭނާގެ ކޮޓަރީގައި ދެންއުޅޭ ތިންމީހުންގެ ތެރެއިން އެކަކު އޭރު ކޮޓަރީގައި އޮތެވެ. އެ ލަންކާ މީހާގެ ޗުއްޓީ ދުވަސްވީމާ އޭނާވެސް ނުނިކުމެ އޮތީއެވެ. އޭނާގެ ފޯނުން ކޮންމެވެސް އެއްޗެއް ބަލަމުންދާތީ އެއަޑަށް ޒިލާލުއަށް އުނދަގޫވިއެވެ. އެހެންނަމަވެސް ޒިލާލު އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ. އޭނާ ފިޔަވާ ދެން އެކޮޓަރީގައި ތިބެނީ ތިން ލަންކާ މީހުންނެވެ. އެމީހުން އެއްވުމުން މުޅިން ވާހަކަ ދައްކަނީ އެމީހުންގެ ބަހުންނެވެ. ޒިލާލުއަކަށް ވާނުވާއެއް ނޭނގެއެވެ. އެކަމާ އޭނާ އެހާ ހިތްހަމައެއް ނުޖެހެއެވެ.
އޭނާ ރިސޯޓުގައި އުޅުނުއިރުވެސް ނިދަނީ އެހެން ސްޓާފުންނާއި އެކީގައެވެ. އެކަމަކު އެއީ ދިވެހިންނެވެ. އެތާނގައި އެންމެން ނިދަން އޮށޯވެ ތިބެ މަޖާ އަނގަތަޅާ ސަކަރާތް ޖަހާވެސް ހަދައެވެ. ޒިލާލު ވަޒީފާ އަދާކުރަނީ މާލޭގައި ވަރަށް ފަހުން ހުޅުވި ބޮޑު ހޮޓަލެއްގެ ފުރަންޓު އޮފީހުގައެވެ.
އޭނާއަކަށް މިވަޒީފާއެއްވެސް، އެތަނެއްވެސް އެހާ ކަމަކުނުދެއެވެ. އެކަމަކު، މިވަގުތައް އެހެންގޮތެއް ނެތީމާ ހިތްހަމަ ޖައްސާލައިގެން ހުންނަނީއެވެ. ހޮޓަލަށް އަންނަ މެހެމާނުންނާއި އޭނާއަށް ރިސޯޓުން ދިމާވާ ޓޫރިސްޓުންނާއި ވަރަށް ތަފާތެވެ. ގިނައިން ދިމާވަނީ ކޮންމެވެސް މީޓިންގއެއް، ސެމިނާރެއް ފަދަ ކަމަކަށް މާލެ އަންނަ މީހުންނާއެވެ. ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ މީހުންގެ ފަރާތުން ފެންނަކަހަލަ ސަކަ މިޒާޖެއްގެ ވެރިއަކާ ދިމާވަނީ ވަރަށް މަދުންނެވެ. ޒިލާލުއަށް ރިސޯޓުގެ ލައިފް ވަރަށް މިސްވެއެވެ. އެހެންނަމަވެސް އޭނާ ޝިއުނާއަށްޓަކައި މާލޭގައި މަޑުކުރަން ބޭނުންވާތީ ކެތްކޮށްގެން ހުންނަނީއެވެ.
ޒިލާލުއަށް އެންމެ ފުރަތަމަ ޝިއުނާ ފެނުނީ ވިލިނގިލީ ފެރީ އިންނެވެ. ޝިއުނާ އާއި އެހެން އަންހެންކުއްޖަކާ ދެމީހުން އިށީނދެގެންތިބީ އޭނާ އިން ފަޅި ނޫން އަނެއް ފަޅީގައެވެ. ޒިލާލުއަށް ހިތްގައިމުވީ ޝިއުނާގެ ފަން ފަން އިސްތަށި ގަނޑުން ބައެއް ނިއްކުރިމައްޗަށް ވެއްޓި ވަޔާ ވިހުރުވެމުން ދިޔަގޮތެވެ. އޭނާ ބަލަން އިންދާ އެދެކުދިން ކޮންމެވެސް ވާހަކައެއް ދައްކާފައި ހުނުމުން އެމީހުން އެދެއްކީ ޒިލާލުގެ ވާހަކައޭ އޭނާގެ ހިތް ބުނެދިނީއެވެ. އެވަގުތު އޭނާ ކުޑަކޮށް ރަކިވިއެވެ. ވިލިނގިއްޔަށް ފައިބަން ދަމުން އޭނާ ޝިއުނާއާއި ދިމާލަށް ހީލުމުން ޖަވާބުގައި ޝިއުނާވެސް އޭނާއާއި ދިމާލަށް ހީލިއެވެ.
އެ ހާދިސާ މަތިން އޭނާ ފަހުން ހަނދާނެއްނެތެވެ. އެހެން ހުއްޓާ އޭނާގެ ކޮއްކޮ ޒުހުދާގެ މެހުމާނެއްގެ ގޮތަށް އޭނާ އެރަށަށް އައީއެވެ. ޝިއުނާ ފެނުމާއިއެކު އެއީ އެދުވަހު ފެރީއިން ދިމާވި ކުއްޖާކަން ގާތްގަނޑަކަށް ހަމަ ޔަޤީންވިއެވެ. އެހެންނަމަވެސް ޝިއުނާއަށް އެކަން ނޭނގުނީތީ އަޅާ ނުލާ ހުރީއެވެ. އެކަމަކު އޭރުވެސް، ޒިލާލު ގަޔާވާ ކަހަލަ ސިފަތަކެއް ޝިއުނާގެ ކިބައިގައި އެކުލެވިގެން ވެޔޭ އޭނާގެ ހިތް ބުނަން ފެށިކަހަލަ އިޙުސާސެއް އޭނާއަށް ކުރަން ފަށައިފިއެވެ.
އޭނާ ފުރަތަމަ ޝިއުނާއާއި ގާތްވީ އެހެން އަންހެން ކުއްޖެއް ހިތްދަތި ކުރުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް މަޑުމަޑުން އެދެމީހުންގެ ގުޅުން ބަދަހިވާން ފެށިއެވެ. ޝިއުނާއާއި ވާހަކަ ދައްކާ ހަދާލުމުން އޭނާއަށް ވެސް ލޯބީގެ ދުނިޔޭގައި ދިމާވެފައިވަނީ ހަމަ ގާތްގަނޑަކަށް އެއްކަހަލަ ގޮތެއްކަން ޒިލާލުއަށް އެނގުނެވެ. އެހިނދުން ފެށިގެން އޭނާގެ ހިތުގައި ޝިއުނާގެ ޙާލާއި މެދު ހަމްދަރުދީ އުފެދުނެވެ. އަދި ނޭނގިނަމަވެސް އެހިތުން ޖާގައެއް އޭނާއަށްޓަކައި ޚާއްޞަވެގެން ދިޔައެވެ.
ޝިއުނާގެ ކާފައާއި ދިމާވެ އެހިނގި ކަންތައްގަނޑުގައި އެންމެ ކައިރީގައި ހުރެވުނީވެސް ޒިލާލު އަށެވެ. ޝިއުނާގެ މަންމަ ދިރިއުޅުނު ގެއަށް ގޮސް އެއްޗެތި ހާވަނިކޮށް އެ ޑައިރީ ފެނުނީވެސް ހަމަ އޭނާ އަށެވެ. ޒިލާލު އެ ޑައިރީ އެއްކޮޅުން އަނެއްކޮޅަށް ކިޔެވެ. އޭގައިވާ ވާހަކަތައް އެނގުމުން ޝިއުނާއަށް ކުރާނެ އަސަރު އޭނާއަށް ތަސައްވަރު ކުރެވުނެވެ. އެކަމަކު އެއީ ޝިއުނާ މަންމަގެ ވަރަށް އަމިއްލަ ސިއްރު ވާހަކަ ތަކެއްކަމުން އޭނާ އެޑައިރީ ކީ ކަމަކަށް ޝިއުނާ ކައިރީ ބުނާކަށް ނުކެރުނެވެ.
ޒިލާލު ޑައިރީ ހިފައިގެން މާލެ އައީ ވަރަށް ފޮނި ހުވަފެން ދެކެމުންނެވެ. ޝިއުނާއާއި ލޯބީގެ ގޮތުން ގުޅި އެނާއަށް ވެސް 'މާލޭ' ކުއްޖަކު ވެއްޖެކަން މުޅި ރަށަށް ދެއްކުމުގެ ނިޔަތްވެސް އޭގެތެރޭގައި ހިމެނެއެވެ. އެފަހަރު އޭނާ މާލެ އައީ ރިސޯޓު ވަޒީފާ ދޫކޮށްލާފައި އެއަރޕޯޓު ރެޕެއްގެ ވަޒީފާ ހޯދަން ނިންމައިގެންނެވެ. އެހެންނަމަވެސް ކަން ވީ ޒިލާލު ހީކުރި ގޮތަކަށް ނޫނެވެ. އޭނާ އެގޭގައި އިންދާ އޭރު ޝިއުނާގެ ރައްޓެހިވެގެން އުޅޭ ހައިޝަމް އެގެއަށް އައީއެވެ. ހައިޝަމް ފެނިފައި ޒިލާލުއަށް އޭނާގެ އަމިއްލަ ހައިސިއްޔަތު ވިސްނުނީއެވެ. ހައިޝަމް ކަހަލަ ސްމާޓު ފިރިހެން ކުއްޖެއްގެ ކުރިމަތީގައި ޒިލާލުއަށް ފަތިގަނޑު ފިރުކާލެވެނީ ކިހިނަކުން ހެއްޔޭ ހިތަށް އެރީއެވެ.
ލިބުނު މާޔޫސް ކަމާއިއެކު މާލެއިން ވަޒީފާ ހޯދުމުގެ ޚިޔާލު ދޫކޮށްލާފައި ޒިލާލު ދިޔައީ އޭނާގެ ރައްޓެއްސަކާއި އެކީގައި ޅ. އަތޮޅަށެވެ. ދެން ކުރިއަށް ދާނެ ގޮތަކާއިމެދު ވިސްނަން ފަޅުރަށެއްގައި ދުވަސްތައް ހޭދަކުރަން ނިންމީއެވެ.
ޝިއުނާގެ މަންމަ ދުނިޔޭގައި ހުރިކަން ޒިލާލުއަށް އެނގުނީ އެރަށުގައި ހުއްޓައެވެ. އޭރު ޝިއުނާއާއި ހައިޝަމްއާއި އޮތް ގުޅުންވެސް ނިމުމަކަށް އައިސްފައިވާކަން އެނގުމުން ޒިލާލު މާލެ އައީއެވެ. އަދި ފުރުސަތުގެ ބޭނުންހިފާ، ޝިއުނާއަށް ދިމާވި އެންމެ ހިތްދަތި ވަގުތު ކޮޅު، އޭނާ އާއި އެންމެ ކައިރީގައި ހުރި މީހަކަށް ޒިލާލުވީއެވެ. އެދެމުދުގައިއެ ލޯބީގެ ހުޅުކޮޅު ދިއްލިގެން ދިޔައީ އެ ހިސާބުންނެވެ.
އެއާއެކު އޭނާ އަނެއްކާވެސް މާލޭގައި ދިރިއުޅެން ނިންމާ ވަޒީފާއެއް ހޯދީއެވެ. އޭނާ ޝިއުނާއާއީ ރާއްޓެހިވެގެން އުޅޭތާ އަދި މިވީ އެންމެ ތިންމަހެވެ.
ޙަނީފު ފިހާރައަށް ދިޔައިރު ނުވަގަޑި ބައިވެ ބޮޑުވެއްޖެއެވެ. އެއީ ވިއްސާރަ ދުވަހެއްކަމުން ބާޒާރުމަތީގައި އޭހާ ގިނަމީހުންނެއް އެވަގުތަކު ނެތެވެ. ފިހާރައިގައި ހަމަޖެހިލާފައި އޭނާގެ އެކުވެރި ޢަލީ ރަޝީދުއަށް ގުޅާލިއެވެ. އެދެމީހުންގެ ގުޅުންވެސް ތަންކޮޅެއް ދުރުވެފައި އޮތުމަށްފަހު އަލުން ގާތްވީ އިބްރާހިމްބެ ޝިއުނާއަށް ފޯނު ކުރި ހިސާބުންނެވެ.
"ދެން އެމަންޖެ އަވަހަށް މީހަކާ ދެވަން އުޅޭ... އޭރުން ތަންކޮޅެއް ސަލާމަތްކޮށް ބޮޑުވާނެ ކަންނޭނގެ.. ހަމަ ގައިމުވެސް ރޭގަނޑުވެސް އެކަންޏެއް ނުވާނެއެއްނު އޭރުން" ވާހަކަ ދައްކަމުން ދައްކަމުން ގޮސް ޢަލީ ރަޝީދު ޚިޔާލު ދިނެވެ.
"ހޫމްމް.. ތިކަމާ އެބަ ވިސްނަން" ޙަނީފު ބުނެލިއެވެ. އަދި އެނާގެ ދަރިފުޅާ ޒިލާލުއާއި އޮތް ގުޅުމުގެ ވާހަކަ ކިޔައިދީފައި ޒިލާލުގެ ޢާއިލާއަކީ ކޮންކަހަލަ ބައެއްތޯ ބަލައިދިނުމަށް އެދުނެވެ. ޒިލާލުއަކީ އެހެން ރަށެއްގެ ކުއްޖަކަށް ވިޔަސް ހަމަ އެއް އަތޮޅެއްވީމާ ޢަލީ ރަޝީދުއަށް އެކަން ކުރަން މާ އުނދަގުލެއްނުވާނެކަން ޙަނީފުއަށް އިނގެއެވެ.
"އާނ ހުރޭ މަ ތިކަމާ އުޅޭނަން... އޭނާގެ ބައްޕައާއި ދިމާވި އިބްރާހިމްބެ ނިޔާވި ދުވަހު.. އެއީ އެރަށު ކެޔޮޅެއް.. ވަރަށް މަޑުމައިތިރި ރަނގަޅު މީހެއްހެން ހީވީ" ޢަލީ ރަޝީދު ބުނެލިއެވެ.
ޢަލީ ރަޝީދުއާއި ވާހަކަ ދައްކާލެވުނީމާ ޙަނީފު ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުނެވެ. އޭނާ މިހާރު އެންމެ ކަންބޮޑުވަނީ ފަރީޝާ ނެތި ދިޔުމުން ދެން އެ ޖިންނި ޝިއުނާއާއި ދިމާކޮށްފާނެތީއެވެ. އެހެންނަމަވެސް އެވާހަކަ އޭނާ ޢަލީ ރަޝީދު ފިޔަވާ އިތުރު މީހަކާ ހިއްސާއެއް ނުކުރެއެވެ. ސަބަބަކީ އޭނާގެ ދައްތަ ނުވަތަ އަންހެނުން ކައިރީ އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ އެމީހުން ކަންބޮޑުވެގެން އުޅެގަންނަގޮތުން އެންމެފަހުން ޝިއުނާ ބިރުގަންނަ ހިސާބަށް ކަންތައް ގޮސްދާނެތީއެވެ.
ޒިލާލު ތައްޔާރުވެގެން މަގުމައްޗަށް ނުކުތްއިރުވެސް ކޮންމެވެސް ވަރަކަށް ވާރޭކަނި ޖަހައެވެ. އަސްކަނިތަކުގެ ދަށުން ހިޔާވަމުން ބާރު ބާރަށް ހިނގާފައި ޝިއުނާމެންގެއާއި ހަމައަށް ދެވުނުއިރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.
"އަޅެ ކާރެއްގަ އައިނަމަ!" ޝިއުނާއަށް ޒިލާލު ފެނުމުން ލިބުނު އުފަލުގައި އޭނާގެ ގައިގަ ބައްދާލާފައި ބުނެލިއެވެ. ކޮޓަރިއަށް ގޮސް އޭނާގެ ތުވާލި ހިފައިގެން އައިސް ވަރަށް ލޯބިން ޒިލާލުގެ ބޯ ހިއްކައި ދިނެވެ. އަދި އޭނާއަށް ސައި ހަދައިދީފައި ކައިރީގައި އިށީނެވެ.
ހުސްނާ ކޮޓަރިން ނުކުމެގެން އައިސް އެދެކުދިން ކައިރީ ކާމޭޒު ދޮށުގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ. އެއީ އޭނާ ހައިޝަމްއާއި ރައްޓެހިވެގެން އުޅުނުއިރު ކަންތައްކުރި ގޮތެއް ނޫނެވެ. ހައިޝަމް އެގޭތެރެއަށް ވައްދާ ކާންދީ ބޯންދީ ހަދާކަށް ދުވަހަކުވެސް ދަޢުވަތެއް ނުދެއެވެ. އެކަމަކު އެންމެ ފުރަތަމަ ޒިލާލު ފެނުނު ދުވަހުވެސް އޭނާގެ މަންމަވެސް ބައްޕަވެސް ޒިލާލުއާއި ގަޔާވިކަން ޝިއުނާއަށް ފާހަގަ ކުރެވުނެވެ. އެމީހުން މިހާރުވެސް ދެކެނީ އެއީ އެޢާއިލާގެ ކުއްޖެއްގެ ގޮތުގައި ކަން ޝިއުނާއަށް ހަމަ ޔަގީނެވެ. އޭނާ އެކަމާ ވަރަށް އުފާވެއެވެ.
ސައިބޮއެ ނިމިގެން ދެމީހުން ނުކުމެ ބޭރު ފެންޑާ މަތީގައި ހުރި ޖޯލިފަތީގައި ޖައްސާލިއެވެ. ޝިއުނާއަށް ފެނުނު ހުވަފެނުގެ ވާހަކަ އޭނާ ޒިލާލުއަށް ކިޔައިދިނެވެ.
"ޝިއު ހިތަށް އަރަނީ މަންމަ ވަކިވެގެން ދިޔައީމާ ޝިއު އެއްގޮތަކަށްވެސް ދެރައެއް ނުވެޔޭ.. އެއީ އަޅެ ގޯހެއްތަ؟" އޭނާ މަޑުމަޑުން ޒިލާލުއާއި ސުވާލު ކޮށްލިއެވެ. އަދި އެކަމާ ބެހޭގޮތުން އޭނާގެ ހިތަށް އަރާ ފައިބަމުންދާ އެއްޗެތި ޒިލާލުއާއި ހިއްސާ ކުރަމުން ގެންދިޔައެވެ.
ޒިލާލު އޭނާ ހަމަޖައްސަން ވާހަކަ ދައްކަމުން ގެންދިޔައެވެ. ފަރީޝާއަކީ އަސްލު މަންމަ ކަމަކު މައެއްގެ ލޯތްބާއި އަޅާލުމާއި އިހުސާސް ކޮށްދިނީ އޭނާގެ ދޮންމަންމަ ނޫންހޭ ބުނެލިއެވެ.
"ޒިލާ! އައިމް ސޯ ހެޕީ ދެޓް ޔޫ އާ ވިތުމީ ޓުޑޭ!" އޭނާ ވަރަށް ލޯބިން ޒިލާލުގެ ކޮލުގައި ބީހިލަމުން ވާހަކަ ދެއްކިއެވެ.
"މީ ޓޫ!" ޒިލާލު ހިނިތުންވެލިއެވެ.
އޭނާ އަސްލުގައިވެސް އުފާވެއެވެ. ޝިއުނާއާއި ބައްދަލުވިފަހުން އޭނާ ކުރިން ކުރި ދިރިއުޅުމުގެ ޕުލޭންތައް މުޅިން ބަދަލު ވެއްޖެއެވެ. މިހާރު އޭނާ ބޭނުންވަނީ އޭނާއަކީ ރަށުގައި ހުރި އެންމެ ނަން ހިނގާމީހާއަށް ވާށެވެ. އެހިސާބަށް ދާނެގޮތެއް އަދި ކަނޑައަޅަން ނޭނގުނެއްކަމަކު ފުރަތަމަ ފިޔަވަޅަކީ އޭނާގެ ހަޔާތަށް ޝިއުނާ ގެނައުމެވެ. އޭނާ އެންމެ އުފާވާނީ ޝިއުނާއާއި ކައިވެނި ކުރެވޭ ދުވަހަކުންނެވެ.
ޒިލާލު ދިޔުމުން ޝިއުނާ އެތެރެއަށް ވަންނަން ދިޔަވަގުތު ފެންޑާގެ ފާރުކައިރީގައި ހުރި ގަސްމުށިގަނޑު ތެރޭގައި ހަރުލާފައި އޮތް ކަރުދާސްކޮޅެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ އޭތިކޮޅު ނެގިއެވެ. އެއީ ވަށައިގެން އަނދާފައިވާ ކުޑަކުޑަ ކަރުދާސްކޮޅެކެވެ. އެއީ މަންމަގެ ޑައިރީގެ އެތިކޮޅެއްކަން ޝިއުނާއަށް ޔަގީންވިއެވެ.
'މި ނިމުނީކަމަށް ހީނުކުރާތި!' އޭގާއި ލިޔެފައި ވަނީ އެހެންނެވެ.
ނުނިމޭ
ދިގު ވާހަކަ: ޑައިރީއަށް ފަހު - 7
ދިގު ވާހަކަ: ޑައިރީއަށް ފަހު - 6
ދިގު ވާހަކަ: ޑައިރީއަށް ފަހު - 5
ދިގު ވާހަކަ: ޑައިރީއަށް ފަހު - 4
ދިގު ވާހަކަ: ޑައިރީއަށް ފަހު
ދިގު ވާހަކަ: ޑައިރީއަށް ފަހު
ހަތް އަހަރު ވުމުން ނަމާދު، ރޯދަހިފަން ބާރު އަޅަންޖެހޭ
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
މަންމައަށް ކިޔަވައިދޭން ފެށި ގޮތަށް ގުރުއާނުގެ ތެރޭގައި
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ