Roadha Mihaaru

ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ

ބަރަކާތްތެރި ރަމަޟާން މަހަކީ ރޯދައިގެ އަޅުކަމުގެ ތެރެއިން ތަގުވާވެރިކަން އިތުރު ކުރަން އޮންނަ ފުރުސަތެކެވެ. މީގެ އިތުރުން ރޯދަ އިން ލިބޭ މަންފާ ތަކަށް ބަލާއިރު ރޫހާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރިއެރުން ހޯދުމަށް ވެސް މިއީ ރަނގަޅު ފުރުސަތެކެވެ. ސަބަބަކީ ރޯދައިގެ އަޅުކަމުގައި ރޫހާނީ އަޅުކަންތައް ތަކަކާއި ދުޅަހެޔޮކަމުގެ ތަމްރީނުތަކެއް އެކުލެވިފައިވާތީ އެވެ. ރޯދަ އަކީ ހަމައެކަނި ކެއިންބުއިމާއި ޖިންސީ ޝަހުވަތުން ދުރުހެލިވުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އެއީ ނަފްސާއި ރޫހު ތަހުޒީބު ކުރަން ވެސް ލިބޭ ފުރުސަތެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނަފުސަށް ހަމަޖެހުން ލިބުމާއި ކަންބޮޑުވުމުން މީހާ ދުރުކޮށްދެ އެވެ. މި އަސަރު ލިއްބައިދޭ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަ ކޮށްލެވެ އެވެ.

ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ޑރ. ސަޢުދުﷲ ޢަލީ
ޑރ. ސަޢުދުﷲ ޢަލީ

10 މާޗް 2025

ބަރަކާތްތެރި ރަމަޟާން މަހަކީ ރޯދައިގެ އަޅުކަމުގެ ތެރެއިން ތަގުވާވެރިކަން އިތުރު ކުރަން އޮންނަ ފުރުސަތެކެވެ. މީގެ އިތުރުން ރޯދަ އިން ލިބޭ މަންފާ ތަކަށް ބަލާއިރު ރޫހާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރިއެރުން ހޯދުމަށް ވެސް މިއީ ރަނގަޅު ފުރުސަތެކެވެ. ސަބަބަކީ ރޯދައިގެ އަޅުކަމުގައި ރޫހާނީ އަޅުކަންތައް ތަކަކާއި ދުޅަހެޔޮކަމުގެ ތަމްރީނުތަކެއް އެކުލެވިފައިވާތީ އެވެ. ރޯދަ އަކީ ހަމައެކަނި ކެއިންބުއިމާއި ޖިންސީ ޝަހުވަތުން ދުރުހެލިވުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން އެއީ ނަފްސާއި ރޫހު ތަހުޒީބު ކުރަން ވެސް ލިބޭ ފުރުސަތެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނަފުސަށް ހަމަޖެހުން ލިބުމާއި ކަންބޮޑުވުމުން މީހާ ދުރުކޮށްދެ އެވެ. މި އަސަރު ލިއްބައިދޭ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަ ކޮށްލެވެ އެވެ.

މާތް الله އާއި އިންސާނާއާ ދެމެދު އޮންނަ ގުޅުން ބަދަހިވުން

އެހެން މަސްތަކުގައި ނަމާދާއި ޤުރުއާން ކިޔެވުމާއި ދުއާ ކުރުމަށް ސަމާލުކަން ނުދޭ މިންވަރަށް ރަމަޟާން މަހަކީ މި ކަންކަމަށް ވަރަށް ހާއްސަ އިސްކަމެއް ދެވޭ މަހެކެވެ. މީގެ ސަބަބުން ނަފުސަށް ރާހަތެއް ލިބި ހަމަހިމޭންކަން ގެނުވަ އެވެ. މާތް ﷲ ގެ ވަހީ ބަސްފުޅުގެ މާނައިގައި ވެ އެވެ. "ފަހެ، މާތް ﷲ ހަނދުމަ ކުރުމުގައި ހިތްތަކަށް ހަމަޖެހުން ލިބުމެއް ނުވޭ ހެއްޔެވެ؟" (އައްރަޢުދު 28) މިއިން ދޭހަވަނީ ނަމާދާއި ޤުރުއާން ކިޔެވުމާއި ދުއާ ކުރުމާއި ޒިކުރު ކުރުން ފަދަ އަޅުކަންތަކަކީ ނަފުސު ހަމައަކަށް އެޅުވުމަށާއި ނަފުސަށް ލިބޭ ހާސްކަން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަން ކަމެވެ.

ކެތްތެރިކަން ވަރުގަދަ ވުމާއި ޖަޒުބާތުތައް ކޮންޓްރޯލު ކުރެވުން

ރޯދަ ހިފުމަކީ ކެތްތެރިކަން އެންމެ މަތީ ދަރަޖަ އަށް ދަސްކޮށްދޭ އަޅުކަމެވެ. ސަބަބަކީ އެދުންތަކުގެ ކުރިމަތީ ނަފުސު ކޮންޓްރޯލު ކޮށްގެން ކެތްތެރިކަމާ އެކު ހުންނަން ރޯދައިގެ އަޅުކަމުން ތަމްރީނު ލިބޭތީ އެވެ. މިގޮތަށް ކެތްކުރެވޭ ނަމަ ރުޅީގެ ޖަޒުބާތު ކޮންޓްރޯލު ކުރެވޭނެ އެވެ. ހަމައެއާ އެކު، ނަފުސު އެދޭ ނުވަތަ ޝައިތާނާ ވަސްވާސް ދޭ ނުބައި ކަންކަމަށް އަރައިގަނެގެން ހޯދާ ލައްޒަތު ނުލިބުނަސް ހިތްނުތަނަވަސް ވެގެން އުޅޭކަށް ނުޖެހޭނެ އެވެ.

ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ "ތިޔަބައިމީހުން ކުރެ މީހަކު ރޯދަ އަށް ހުންނަ ދުވަހު އެއްދާން ނުކުރާށެވެ! އަދި ހަޅޭލަވައި ޒުވާބު ނުކުރާށެވެ! ފަހެ، މީހަކު ތިބާއާ ޒުވާބުކޮށް ހަޑިހުތުރު އެއްޗެތި ކިޔައިފި ނަމަ ބުނާށެވެ! ފަހެ ތިމަން މިހުރީ ރޯދައަށެވެ." (މުއްތަފަޤު). އަދި އެހެން ހަދީސެއްގައިވާ ގޮތުން ދޮގުހެކި ދިނުމާއި އެ އަށް އަމަލު ކުރުމުން ދުރުހެލި ނުވާ ނަމަ ނުކައި ނުބޮއެ ހުރުމަކުން އެއީ ﷲގެ ހަޒުރަތުގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ ހަދީސްތަކަށް ތަބާވުމަށްޓަކައި ރަމަޟާން މަހުގައި ހޯދާ ތަމްރީނު ވެގެންދަނީ ނަފުސުގައިވާ އެންމެހާ ޖަޒުބާތުތައް ކޮންޓްރޯލު ކުރަން ވެސް އެހީ ލިބޭ ކަމަކަށެވެ. ނަތީޖާ އަކީ ނަފުސާނީ ސިއްހަތަށް ހެޔޮ އަސަރު ފޯރުމެވެ.

ދިރިއުޅުމުގެ ވައްޓަފާޅި ވަކި ގޮތަކަށް އިންތިޒާމުކުރުން

ރަމަޟާން މަހަކީ ކެއިންބުއިމާއި ނިދުމާއި އަޅުކަންތައް އަދާކުރުމުގައި ތަފާތު އެހެން ގޮތަކަށް ކަންކަން އިންތިޒާމު ކުރަން ޖެހޭ މަހެކެވެ. މި އިންތިޒާމުތަކުގެ ދަށުން ވަކި ވަގުތުތަކެއްގައި ކެއުމާއި ނަމާދުތައް ވަގުތުން ވަގުތަށް އަދާ ކުރުމާއި ސުންނަތް އަޅުކަންތަކަށް ވެސް ވަގުތު ހަމަޖައްސަން ޖެހެ އެވެ. މިކަންކަން މި އިންތިޒާމުގެ ތެރެއިން ބަރާބަރަށް ކުރެވޭ ނަމަ ކާމިޔާބީގެ އިހުސާސް ކުރެވޭނެ އެވެ. މިއީ ނަފުސާނީ ދުޅަހެޔޮ ކަމަށް ލިބޭ ކުރިއެރުމެވެ

އިޖުތިމާއީ ގުޅުންތައް ވަރުގަދަވުން

ރަމަޟާން މަހަކީ އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ވެސް ލިބޭ ފުރުސަތެކެވެ. އާއިލާ އާއި ރައްޓެހިންނާ އެކު ރޯދަ ވީއްލުމާއި ތަރާވީހު ނަމާދުގެ ފަހުގައި އެއް މޭޒުދޮށަށް އެއްވެ، އެންމެން އެކުގައި ވާހަކަ ދައްކައި އުޅުމުން ގުޅުންތައް ވަރުގަދަ ކުރެވެ އެވެ. އެއްވެސް މީހަކަށް ދަތިވާ ކަމެއް އޮތް ނަމަ ހިއްސާ ކުރެވެ އެވެ. އަދި ދެން ތިބި މީހުން އެކަމުގައި އެހީތެރިވާން ތައްޔާރަށް ތިބެ އެވެ. މީގެ އިތުރުން އާއިލާ އާއި ރައްޓެހިންގެ މެދުގައި ހަދިޔާ ބަދަލު ކުރެވެ އެވެ. މި ހުރިހާ ކަމަކީ ވެސް ހިތްހަމަޖެހުން ލިއްބައިދޭ ކަންކަމެވެ. އެކަނިވެރިކަމުގެ އިހުސާސް ދުރުކޮށްދޭ ކަންކަމެވެ. ވީމާ މިއިން ނަފުސާނީ ސިއްހަތަށް ހެޔޮ އަސަރެއް ކުރެއެވެ.

ކަންބޮޑުވުންތަކުން ދުރުހެލިވާން ފުރުސަތު ލިބުން

ރަމަޟާން މަހަކީ މާއްދީ ކަންކަމަށް ވުރެ ބޮޑަށް ރޫހާނީ ކަންކަމަށް އިސްކަން ދޭން ޖެހޭ މަހެކެވެ. މިގޮތުން ނަމާދާއި ޤުރްއާން ކިޔެވުމާއި ދުއާ ކުރުމުން ކަންބޮޑުވުން ފިލުވުމަށް އެހީ ލިބޭ އެވެ. ވަކިން ހާއްސަކޮށް ދުއާ ކުރުމަކީ އުންމީދު އާލާވެ ޔަގީންކަން އިތުރުވާ ކަމެކެވެ. މީގެ ސަބަބުން ހާސްވުމާއި ކަންބޮޑުވުންތަކުން ފެޔަށް ޖެހިލެވެ އެވެ.

ދެވަނަ ކަމަކީ ﷲ އާ ގުޅުން ބަދަހިވާ މިންވަރަކުން ﷲ ގެ މިންވަރުފުޅަށް ރުހި ގަބޫލު ވާން ރޯދައިގެ އަޅުކަމުން ދަސްވެ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވާ ގޮތުގައި މުއުމިނަކީ އަޖައިބެއް ފަދަ އިންސާނެކެވެ. އޭނާ އަށް ކޮންމެ ގޮތެއް މިންވަރު ކުރެވިގެން ދިޔަސް އެގޮތެއް ވަނީ ހެޔޮކޮށެވެ. އޭނާ އަށް ހެޔޮކަމެއް މެދުވެރި ވެއްޖެ ނަމަ އެކަމަށް ﷲ އަށް ޝުކުރު ކުރެ އެވެ. އަދި ނުބައި ކަމެއް މެދުވެރިޖެއްޖެ ނަމަ ކެތްތެރިވެ އެވެ. (މުސްލިމް).

ކަންބޮޑުވުންތަކުން ދުރުހެލިވާން ފުރުސަތު ލިބޭ އަނެއް ކަމަކީ ދިރާސާތަކުން ދައްކާ ގޮތުގައި ރޯދައިގެ ސަބަބުން ކޯޓިޒޯލް ހޯމޯން އުފައްދާ މިންވަރު ދަށްވުމެވެ. މިއީ އެޑްރިނާލް ގްލޭންޑުން އުފައްދާ، ކަންބޮޑުވުމާ ގުޅޭ "ސްޓްރެސް ހޯމޯން" އެވެ. މި ހޯމޯން ގިނަވެއްޖެ ނަމަ ލޭމައްޗަށް ދިއުމާއި ލޭގައި ހަކުރު ގިނަވުމާއި ރުޅިގަދަ ވުމާއި ފިކުރުބޮޑުވުން ފަދަ ކަންކަން މެދުވެރިވާ ކަމަށް ބުނެވެ އެވެ. އެހެންކަމުން މި ހޯމޯންގެ މިންވަރު ދަށްވުމަކީ ކަންބޮޑުވުން ކުޑަކޮށްދޭނެ ކަމެކެވެ.

ވީމާ، ނަފުސާނީ ދުޅަހެޔޮކަން ހޯދުމަށްޓަކައި އަދި ކަންބޮޑުވުންތަކުން ދުރުހެލިވުމަށްޓަކައި ރަމަޟާން މަހުގެ އަޅުކަންތަކުން ﷲ އާ ގުޅުން ބަދަހި ކުރުމާއި އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކުރުމާއި ޖަޒުބާތުތައް ކޮންޓްރޯލު ކުރުމާއި ރޫހާނިއްޔަތަށް އިސްކަން ދިނުމާއި ﷲގެ މިންވަރަށް ރުހުން ފަދަ ކަންކަމަށް ރަމަޟާން މަހު ސަމާލުކަން ދޭން ޖެހެ އެވެ.