Roadha Mihaaru

ރަމަޟާންމަހު ރޫހާނީ ތަރުބިޔަތު ވަރުގަދަ ކުރުން

ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައާއި ރޭ އަޅުކަމާއި އިޢުތިކާފަށް އިނުން ފަދަ ކަންކަމުން ހާސިލު ކުރަން ބޭނުންވާ މައިގަނޑު މަގުސަދަކީ ތަޤުވާވެރިކަން އިތުރު ކުރުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނަފްސު ތަޒުކިޔާ ކުރުމެވެ. އެބަހީ ނަފްސުގައިވާ ހުރިހާ ނުބައި ސިފަތައް ފޮހެލައި އޭގެ ބަދަލުގައި ރިވެތި ސިފަތަކުން ނަފްސު ޒީނަތް ކުރުމެވެ. މިކަން ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ އިންސާނާގެ ރޫހާނީ ބައި ވަރުގަދަ ކުރުމަށެވެ. ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ބަލާއިރު މިކަމަށް މަގުފަހިވާނެ ވަރަށްގިނަ ކަންކަން އެބަހުއްޓެވެ. މިގޮތުން ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

ރަމަޟާންމަހު ރޫހާނީ ތަރުބިޔަތު ވަރުގަދަ ކުރުން
ޑރ. ސަޢުދުﷲ ޢަލީ
ޑރ. ސަޢުދުﷲ ޢަލީ

01 މާޗް 2025

ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައާއި ރޭ އަޅުކަމާއި އިޢުތިކާފަށް އިނުން ފަދަ ކަންކަމުން ހާސިލު ކުރަން ބޭނުންވާ މައިގަނޑު މަގުސަދަކީ ތަޤުވާވެރިކަން އިތުރު ކުރުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނަފްސު ތަޒުކިޔާ ކުރުމެވެ. އެބަހީ ނަފްސުގައިވާ ހުރިހާ ނުބައި ސިފަތައް ފޮހެލައި އޭގެ ބަދަލުގައި ރިވެތި ސިފަތަކުން ނަފްސު ޒީނަތް ކުރުމެވެ. މިކަން ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ އިންސާނާގެ ރޫހާނީ ބައި ވަރުގަދަ ކުރުމަށެވެ. ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތަށް ބަލާއިރު މިކަމަށް މަގުފަހިވާނެ ވަރަށްގިނަ ކަންކަން އެބަހުއްޓެވެ. މިގޮތުން ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

ރޯދައިން ނަފްސު ކޮންޓްރޯލު ކުރުމުގެ އަޒުމް ވަރުގަދަ ކުރުން

އިސްލާމްދީނުގެ ހުރިހާ އަޅުކަމެއްގައި ވެސް މާއްދީ ބަޔަކާ އެކު ރޫހާނީ ބައެއް އެކުލެވެ އެވެ. ރޯދައިގައި ވެސް މިފަދަ އެވެ. އެހެންކަމުން ރަމަޟާން މަހު ރޫހާނީ ތަރުބިޔަތަށް އެންމެ މުހިންމީ ޚުދު ރޯދައިން ހާސިލު ކުރެވޭ ރޫހާނިއްޔަތެވެ. އެންމެ ފުރަތަމަ ﷲ ދެކެ ލޯބިވުމެވެ. ﷲ އެންގެވި އަމުރުތަކަށް ހިތުން ރުހުމުން ތަބާވުމުގެ އަޒުމް ވަރުގަދަ ވުމެވެ. އަދި ﷲ ރުހިވޮޑިގެން ނުވާ އެންމެހާ ނުބައި އަޚުލާގު ތަކަށް ނަފުރަތު ކުރުމެވެ. ﷲ މަނާ ކުރައްވައިފި ނަމަ ކިތަންމެ ކުރާ ހިތްވާ ކަމެއް ވިޔަސް ނުކޮށް ހުރުމުގެ އަޒުމް ވަރުގަދަ ވުމެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ ދޮގު ހެދުމާއި އެ އަށް އަމަލު ކުރުން ދޫކޮށްނުލެވޭ ނަމަ ނުކައި ނުބޮއެ ހުރުމަކުން ﷲ ގެ ހަޒުރަތުގައި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ. (ބުޚާރީ).

ނަމާދު އޭގެ ރޫހާނީ ބަޔާ އެކު ފުރިހަމަ ކުރުން

ނަމާދަކީ ދީނުގެ ތަނބެވެ. އެއީ އިންސާނާ އާއި އަޅާ އާ ދެމެދު އޮންނަ އެންމެ ވަރުގަދަ ގުޅުމެވެ. ﷲ އަންގަވަނީ އެކަލާނގެ ހަނދުމަ ކުރުމަށްޓަކައި ނަމާދު ކުރުމަށެވެ (ތަހާ: 14). ރަމަޟާންމަހު ރޭ އަޅުކަން ކުރުން އޮންނަ އިރު އީމާންތެރިކަމާއި ސަވާބު ލިބޭނެ ކަމުގެ އުންމީދުގައި އެކަން ކުރާ ނަމަ އެ މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިގެން ދެއެވެ. ނަމަވެސް ނަމާދުގައި ވެސް އެންމެ މުހިންމީ އޭގެ ރޫހާނީ ބަޔެވެ. ނަމާދުގެ ކޮންމެ ހަރަކާތަކުން ރަމްޒުކުރާ ކިޔަމަންތެރިކަން ތަސައްވުރު ކުރަން ޖެހެ އެވެ. ނަމާދުގައި ކިޔާތަކެތިން ކަށަވަރު ކޮށްދޭ ކަންކަމާއި ﷲ ގެ ހަޒުރަތުން އެދޭ އެދުންތައް އޭގެ ރޫހާ އެކު ހިތުގެ އެންމެ ފުންމިނުން ތައުބީރު ކުރެވެން ޖެހޭނެ އެވެ.

ޤުރުއާން ކިޔެވުމާއި ތަދައްބުރު ކުރުން

ޤުރުއާނަކީ ރަމަޟާން މަހުގައި ބާވާލެއްވުނު ފޮތެކެވެ. އެއީ ނަފްސުގެ ކާނާ އެވެ. މީސްތަކުންނަށް އޮތް ހިދާޔަތެކެވެ. ހައްގާއި ބާތިލު ވަކި ކުރަނިވި ފޮތެކެވެ (އަލްބަޤަރާ: 185) .މި މަންފާތައް ލިބިގަތުމަށްޓަކައި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ވެސް ޤުރުއާނުން މިންވަރެއް ކިޔެވުން މުހިންމެވެ. ކިޔެވޭ އާޔަތްތަކާ މެދު ތަދައްބުރު ކުރުން މުހިންމެވެ. ތަދައްބުރު ކުރުމަކީ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ކަންކަން ނުވަތަ ހިކުމަތް ދެނަގަތުމަށް ވިސްނައިގެން ކުރާ ފިކުރު ކުރުމެވެ. މިގޮތަށް ފިކުރު ކުރާ ނަމަ ﷲ ގެ މަތިވެރިކަން ހާމަވެ އެކަލާނގެ އަށް އޮންނަ ލޯބި ވަރުގަދަ ވާނެ އެވެ. ނަތީޖާ އަކީ ރޫހާނީ ގޮތުން ތިމާ އަށް ވަރުގަދަކަން ލިބުމެވެ.

ޒިކުރުކުރުމާއި ފާފަ ފުއްސެވުމަށް އެދުން

މާތް ﷲ އަންގަވަނީ އެކަލާނގެ ޒިކުރު ކުރުމަށެވެ. އެއީ މުއުމިނުންނަށް މަންފާ ކުރާނެ ކަމެއް ކަމަށެވެ. (އައްރަޢުދު 28). އެހެންކަމުން ރަމަޟާން މަހަކީ ޒިކުރު ކުރުމާއި އިސްތިޣުފާރު ކުރުމުގެ މަހަކަށް ހެދުން މުހިންމެވެ. މިގޮތުން ﷲ އަށް ޙަމްދު ކުރުމާއި ތަސްބީޙަ ކިޔުމާއި ތަކުބީރު ކިޔުމާއި ތަހުލީލު (ޝަހާދަތް) ކިޔުން ރަމަޟާން މަހު ގިނަ ކުރަން ޖެހެ އެވެ. ޒިކުރު ކުރުމަކީ އެއާ އެކު ފިކުރު ކުރުން ބޭނުންވާނެ ކަމެކެވެ. މިގޮތަށް ފިކުރު ކުރާނަމަ ރޫހާނިއްޔަތު ވަރުގަދަ ވާނެ އެވެ.

ދުޢާކުރުން އޭގެ ރޫހާނީ ވަންތަ ކަމާ އެކު

ދުޢާކުރުމަކީ ނޭދެވޭ ކަންކަމުން ސަލާމަތްވެ މިންޖުވާން ނުވަތަ އެދެވޭ ކަންކަން ހާސިލު ކުރަން ބޭނުން ކުރެވޭ ތަޅުދަނޑިއެއް ފަދަ ކަމެކެވެ. އެއީ މާތް ﷲ އާ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އެއީ އަޅުކަމެކެވެ. (އައްތިރުމިޛީ). ރަމަޟާންމަހަކީ ދުއާ އިޖާބަ ކުރެވޭ މަހެކެވެ. ރޯދަ ފަރުޟު ކުރުމުގެ އާޔަތްތަކާ ވިދިގެން ދުއާގެ ވާހަކަ ބަޔާން ކުރާ އާޔަތެއް އޮވެ އެވެ. އެ އާޔަތުގައި ﷲ އަންގަވަނީ ދުއާ ކުރާ މީހާގެ ދުއާ އިޖާބަ ކުރައްވާނެ ކަމަށެވެ. (އަލްބަޤަރާ: 186). އެހެންކަމުން ހާރުދަމާއި އިރުއޮއްސޭ ވަގުތާއި ނަމާދުތަކުގެ ފަހުގައި ﷲ އަށް އާދޭހާއެކު ދެއަތް އުފުލައިގެން ދުއާ ކުރުން މުހިންމެވެ. މިކަމުގައިވެސް އެއީ ހަމައެކަނި ދުލުން ބޭރުކުރާ އަޑުތަކަކަށް ނުހަދައި މާނަތައް ހިތައް ގެނައުން މުހިންމެވެ. ރޫހާނީ ބައި ވަރުގަދަ ވާނީ އޭރުންނެވެ.

ސަދަގާތް ކުރުމާއި އޯގާތެރިވުން

ރަމަޟާން މަހަކީ ދީލަތިކަމާއި އޯގާތެރިކަމުގެ މަހެވެ. ކީރިތި ރަސޫލާ ﷺ އަކީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ބޭފުޅާ އެވެ. އަދި އެކަލޭގެފާނު އެންމެ ބޮޑަށް ދީލަތިވެ ވަޑައިގަންނަވަނީ ރަމަޟާން މަހު އެވެ. (މުއްތަފަޤު). އެހެންކަމުން ފަގީރުންނަށް އެހީތެރިވުމަށް ޝައުގުވެރިކަން ރަމަޟާން މަހު ވަރުގަދަ ކުރަން ޖެހެއެވެ. ތިމާގެ އަތުގައި އެއްޗެއް ނެތިއްޔާ ހެޔޮ ބަހަކުން ވިއަސް ސަދަގާތް ކުރެވިދާނެ އެވެ. ކީރިތި ރަސޫލާ ﷺ އަންގަވަނީ ސަދަގާތުގެ ގޮތުގައި ކަދުރުފަޅި ވަރެއް ދީގެން ވިއަސް ނަރަކައިން ރައްކާތެރި ވުމަށެވެ.

ﷲ ގެ ނިއުމަތްތަކާ މެދު ވިސްނައި ފިކުރުކުރުން

ކައުނުގައިވާ ﷲ ގެ އުފެއްދެވުންތަކާ މެދު ވިސްނައި ފިކުރު ކުރުމަކީ އީމާންތެރިކަން އިތުރުވެގެންދާ ކަމެކެވެ. އުޑުތަކާއި ބިން އުފެއްދެވުމުގައި އަދި ރޭގަނޑާއި ދުވާލު ތަފާތު ވުމުގައި ވިސްނައި ފިކުރު ކުރާ ބަޔަކަށް ހެކިތަކެއް ވާކަން ﷲ ބަޔާން ކުރައްވަ އެވެ. (އާލްޢިމްރާން 190). ވީމާ ތިމާގެ އަމިއްލަ ނަފުސަށް އެކަހެރިވެ އިނދެ، ﷲ ގެ ނިއުމަތްތަކާ މެދު ވިސްނައި ފިކުރު ކުރާށެވެ! އޭރުން ރޫހާނީވަންތަކަން އިތުރު ވެގެންދާނެ އެވެ. ތަގުވާވެރިކަން ހާސިލު ކުރެވޭނެ އެވެ. ވީމާ މި ފާހަގަ ކުރެވުނު ކަންކަމާއި މި ނޫން ވެސް މިފަދަ ކަންކަމުން ތިމާގެ ރޫހާނިއްޔަތު ވަރުގަދަ ކުރަން މި ރަމަޟާން މަހު މަސައްކަތް ކުރުން މުހިންމެވެ. އޭރުން ތަގުވާވެރިކަން އިތުރުވާނެ އެވެ.