މާތް ﷲ ރުއްސުންލެއްވި ޖުންދަބު ބްނު ޖުނާދާ އާއި މުޢާޛް ބްނު ޖަބަލްގެ އަރިހުން ރިވާވެގެންވެ އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ اتَّقِ اللَّهَ حَيْثُمَا كُنْتَ، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ މާނައީ؛ ތިބާ ވީ ކޮންމެ ތަނެއްގައި، ތިބާ މާތް ﷲ އަށް ތަގުވާވެރި ވާށެވެ! އަދި ކޮންމެ ނުރަނގަޅު އަމަލަކާ ވިދިގެން ހެޔޮ އަމަލެއް ކުރާށެވެ! އޭރުން އެ ނުބައި ކަންތައް ފުއްސަވާނެތެވެ. އަދި ތިބާ މީސްތަކުންނާ އެކުގައި ރިވެތި އަހުލާުގުން މުއާމަލާތު ކުރާށެވެ!
08 މާޗް 2025
މާތް ﷲ ރުއްސުންލެއްވި ޖުންދަބު ބްނު ޖުނާދާ އާއި މުޢާޛް ބްނު ޖަބަލްގެ އަރިހުން ރިވާވެގެންވެ އެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ اتَّقِ اللَّهَ حَيْثُمَا كُنْتَ، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ މާނައީ؛ ތިބާ ވީ ކޮންމެ ތަނެއްގައި، ތިބާ މާތް ﷲ އަށް ތަގުވާވެރި ވާށެވެ! އަދި ކޮންމެ ނުރަނގަޅު އަމަލަކާ ވިދިގެން ހެޔޮ އަމަލެއް ކުރާށެވެ! އޭރުން އެ ނުބައި ކަންތައް ފުއްސަވާނެތެވެ. އަދި ތިބާ މީސްތަކުންނާ އެކުގައި ރިވެތި އަހުލާުގުން މުއާމަލާތު ކުރާށެވެ!
މި ހަދީސްގައި މިވަނީ ވަރަށް ކުރު ތިން ޖުމްލައެކެވެ. ނަމަވެސް، ދުނިޔެމަތީގައި އިންސާނެއްގެ އެންމެހައި އަމަލުތައް ބަހައްޓަންވީ ގޮތުގެ ވަރަށް ތަފްސީލީ އޮނިގަނޑެކެވެ. މި ހަދީސްގެ ފުރަތަމަ ޖުމްލައިގައި އެ އޮތީ އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގެ ގުޅުމާއި މުއާމަލާތްތައް އޮންނަންވީ ގޮތެވެ. ދެ ވަނަ ޖުމްލައިގައި އޮތީ އިންސާނާ އޭނާގެ އަމިއްލަ ނަފްސާ މެދު މުއާމަލާތު ކުރަންޖެހޭ ގޮތެވެ. ތިން ވަނަ ޖުމްލައިގައި އެ އޮތީ ކޮންމެ އިންސާނަކު އޭނާ ފަދަ އަނެއް އިންސާނާއާ އެކުގައި މުއާމަލާތު ކުރަންޖެހޭ ގޮތެވެ.
މި މުއާމަލާތްތަކުގެ ތަފްސީލަށް ދިޔުމުގެ ކުރިން ތަގުވާވެރިކަމަކީ ކޮބައިތޯ ބަލައިލުން މުހިންމެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވި އެވެ؛ ތަގުވާވެރިކަމަކީ، މަތިވެރިވަންތަ މާތް ﷲ އަށް ބިރުވެތިވުމާއި އެކަލާނގެ ބާވައިލެއްވި ޝަރީޢަތަށް އަމަލުކުރުމާއި އެކަލާނގެ ދެއްވި މަދު މިންވަރަށް ރުހުމާއި މަރަށް ތައްޔާރުވެ ހުރުމެވެ.
ޢުމަރް ބްނު ޢަބްދުލްޢަޒީޒް ވިދާޅުވި އެވެ؛ މާތް ﷲ އަށް ތަގުވާވެރިވުމަކީ ދުވާލު ރޯދަ ހިފައި ރޭގަނޑު ރޭއަޅުކަން ކުރުމެއް ނޫނެވެ. އަދި ރޯދަ އާއި ރޭއަޅުކަމާ އެކުގައި އެހެން އަޅުކަންތައް ކުރުމެއް ވެސް ނޫނެވެ. އެހެނެއް ކަމަކު ތަގުވާވެރިކަމަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ޙަރާމްކުރެއްވި ކަންތައް ދޫކޮށްލައި، މާތް ﷲ ވާޖިބު ކުރެއްވި ކަންތައް ކުރުމެވެ. އެ އަށް ވުރެ އިތުރަށް ހެޔޮ ކަމެއް ކޮށްފި ނަމަ އެއީ އޭނާއަށް ލިބިގެންވާ އިތުރު ހެޔޮ ކަމެކެވެ.
އަޅާ އާއި ޚާލިޤްއާ ދެމެދުގެ ގުޅުން: ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި އެކަލާނގެ އަޅާއާ ދެމެދުގައި އޮންނަންޖެހޭ ގުޅުމުގެ ބިންގަލަކީ ތަގުވާ އެވެ. ސިއްރާއި ފައުޅުގައި އަދި މީސްތަކުންގެ ކުރިމަތީގަޔާއި އެކަހެރި ހާލަތުގައި ވެސް އެކަލާނގެ އަށް ތަގުވާވެރިވުމެވެ. ތިބާ ވީ ކޮންމެ ތަނެއްގައި، އެއީ ބައެއްގެ ތެރޭގައި ކަމަށް ވިޔަސް، ނުވަތަ އެކަހެރި ހާލަތުގައި ކަމަށް ވިޔަސް، ތިބާގެ އަމަލުތަކުގަޔާއި ތިބާގެ ބުނުންތަކުގައި އެކަލާނގެ އަށް ތަގުވާވެރިވުމެވެ.
އިސްލާމީ މަރުކަޒުގައި މީހަކު ނަމާދުކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އެހެނީ، ﷲ ސުބްޙާނަހޫ ވަތަޢާލާއީ، ކޮންމެ ތަނެއްގައި އަދި ކޮންމެ ހާލަތެއްގައި ތިބާ ވިޔަސް، ތިބާގެ ހާލަތު އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. ތިބާގެ އެއްވެސް ކަމެއް އެކަލާނގެ އަށް ވަންހަނާވެވޮޑިގެން ނުވާ ފަދައިން އުޑުތަކާއި ބިމުގައި ވާ އެއްވެސް ކަމެއް އެކަލާނގެއަށް ވަންހަނާވެވޮޑިގެން ނުވެ އެވެ. އަހަރެމެންނަށް ޣައިބުގައިވާ ކޮންމެ ކަމަކީ އެކަލާނގެ ދެކިވޮޑިގެންވާ ކަންކަމެވެ. އަހަރެމެންނަށް ސިއްރު ވެގެންވާ ކޮންމެ ކަމަކީ އެކަލާނގެ އަށް ފައުޅުވެވޮޑިގެންވާ ކަންކަމެވެ.
ކަޅުފޮއެ ރޭރެއަށް ކަޅު ހިލަތަކުގެ މަތީގައި ކަޅު ހިނި ހިރޭ ހިރުން ވެސް އެކަލާނގެ ދެކެދެނެވޮޑިގެންވެ އެވެ. ހަމަ އެފަދައިން އަޅުގަނޑުމެންގެ ލޯ ތަކަށް ނުފެންނަހާ ކުދިކުދި ދިރޭ ތަކެތީގެ ހަށިގަނޑުގައި ދައުރުވާ ލޭފޮދާއި ޖަހާ ވިންދު ވެސް އެކަލާނގެ ދެކެދެނެވޮޑިގެންވެ އެވެ. މާތް ﷲއީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އަލްޢާލިމް ކަމަށް ވީތީ، އެކަލާނގެ އިލްމުފުޅު ހުރިހައި ކަމަކާއި ހުރިހައި އެއްޗެއްގެ ވަށައިގެންވެ އެވެ. ހުރިހައި އެއްޗެއްގެ އަދަދު އެކަލާނގެ ދެނެވޮޑިގެންވެތެވެ.
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުމަކީ، އެކަލާނގެ ކޯފާ އާއި އަޒާބުން ތިބާ ރައްކާތެރި ކޮށްދޭނެ ދަހަނާއެކެވެ. ނަރަކައިގެ ގިނިން ރައްކާތެރިވުމަށް އެފަދަ ދަހަނާއެއް ލިބޭނީ މާތް ﷲގެ އަމުރުފުޅުތަކަށް ތަބާވެ، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެގެންނެވެ. ތަގުވާވެރިވުމަކީ މާތް ﷲގެ ޙަޟްރަތުން ދަރުމަ އާއި ސަވާބަށް އެދިގެން، އަމަލާއި ބަހުން އެކަލާނގެ އަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އަދި މާތް ﷲގެ އަޒާބާއި ކޯފާ އިން ރައްކާތެރި ކޮށްދެއްވުން އެދިގެން، އެކަލާނގެއަށް އުރެދުމުގެ އެންމެހައި އަމަލުތައް ދޫކޮށްލުމެވެ.
ހެޔޮ ކަންތައްތަކުގެ ތެރެއިން އެންމެ މަތިވެރި ހެޔޮ ކަމަކީ، ހުރިހާ ކުށް ފާފަތަކެއް ފޮހެލައިދޭ ހެޔޮ އަމަލެވެ. އެއީ ތައުބާވުމެވެ. ކުށް ފާފަތަކުން ފުރިހަމަ ގޮތުގައި ތައުބާވުމަކީ، މާތް ﷲ އަށް ކިޔަމަންތެރިވުމުގެ ވަރަށް މަތިވެރި ދަރަޖައެކެވެ.
ނަމަވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވީ، ފުރިހަމަ ތަގުވާވެރިކަން މަތީގައި ދެމިހުރުމަށް ކިތަންމެ ގަދައަޅައި ހިތްވަރާއެކުގައި މަސައްކަތް ކުރިޔަސް، ބައެއް ކުށްފާފަތަކަށް އަރައިގަނެވޭނެ ކަމެވެ. މި ހަގީގަތް ބަޔާންކޮށްދެއްވައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރެއްވި އެވެ؛ كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ މާނައީ؛ ކޮންމެ އާދަމުގެ ދަރިޔަކީ ފާފަކުރެވޭނެ މީހެކެވެ. ފާފަކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ ތައުބާވާ މީހުންނެވެ.
އިންސާނާ އާއި އޭނާގެ އަމިއްލަ ނަފްސުގެ މުއާމަލާތް: ގަސްދުގަޔާއި ގަސްދަކާ ނުލައި ވިޔަސް، ކުށްފާފަތަކަށް އަރައިގަނެވުމަކީ އިންސާނީ ޟަމީރުގައިވާ ފިޠުރީ ސިފައަކަށް ވާތީ، އެކަމުން ސަލާމަތްވުމުގެ މަގު ވެސް ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ވަނީ އަޅުގަނޑުމެންނަށް ދައްކަވައިފަ އެވެ. އެއީ (وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا) ކުރެވޭ ކޮންމެ ނުރަނގަޅު ކަމަކާ ވިދިގެން ހެޔޮ އަމަލެއް ކުރުމެވެ. އޭރުން އެ ނުރަނގަޅު އަމަލުގެ ފާފަ ފުއްސަވައިދެއްވާނެތެވެ.
ނަމަވެސް މީގެ މާނައަކީ، ފަހުން ހެޔޮ އަމަލެއް ކުރެވިދާނެއޭ ހީކޮށް، ގަސްދުގައި ފާފަތަކަށް އަރައިގަތުން ހުއްދަވުމެއް ނޫނެވެ. ނުވަތަ ފާފަކުރުމަކީ މާބޮޑު ކަމަކަށް ނުވުމެއް ވެސް ނޫނެވެ. އޭގެ މާނައަކީ، ގަސްދަކާ ނުލައި ފާފައެއް ކުރެވި އެކަން އެނގުމާއެކު، އެފާފަ ފުއްސަވައި ދެއްވުމަށް އެދި އިހުލާސްތެރިކަމާ އެކު، ހެޔޮ އަމަލެއް ކުރުމެވެ. މިފަދަ ތަނަވަސް ފުރުސަތެއް އަޅުގަނޑުމެންނަށް ފަހިކޮށްދެއްވާފައި އޮތުމަކީ، މާތް ﷲގެ ދީލަތިވަންކަމާއި އެކަލާނގެ އޯގާވަންތަ ކަމެވެ.
މާތް ﷲ ސުބްހާނަހޫ ވަތައާލާ ވަޙީ ކުރައްވާފައިވެ އެވެ؛ وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ – ސޫރަތު ހޫދު 114 - މާނައީ؛ އަދި ދުވާލުގެ ދެކޮޅުގައްޔާއި ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު ގާއިމު ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮ ކަންތައް، ނުބައި ކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް ވަޢުޡާއި ނަސޭހަތެކެވެ.
ހެޔޮ ކަންތައްތަކުގެ ތެރެއިން އެންމެ މަތިވެރި ހެޔޮ ކަމަކީ، ހުރިހާ ކުށް ފާފަތަކެއް ފޮހެލައިދޭ ހެޔޮ އަމަލެވެ. އެއީ ތައުބާވުމެވެ. ކުށް ފާފަތަކުން ފުރިހަމަ ގޮތުގައި ތައުބާވުމަކީ، މާތް ﷲ އަށް ކިޔަމަންތެރިވުމުގެ ވަރަށް މަތިވެރި ދަރަޖައެކެވެ. ޞަޙާބީ ބޭކަލެއް ކަމަށްވާ މާޢިޒް ބްނު މާލިކް އާއި ޖުހައިނާ ވަންހައިގެ ޣާމިދީ ދަރިކޮޅުގެ ޞަޙާބީ ބޭކަނބަލަކު، ޒިނޭގެ އިއުތިރާފާ އެކުގައި ތައުބާވެވަޑައިގަތުމުން، އެ ދެ ބޭފުޅުންނާ މެދުގައި، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ހަދީސް ކުރއްވި ބަސްފުޅު ހަނދާނަށް ގެންނަމާތޯ އެވެ.
މާޢިޒް ބްނު މާލިކް އަށް ޒިނޭ ކުރެވުމާ އެކު، އެ ފާފައިގެ ބޮޑުކަން ހިތްޕުޅަށް ތަސައްވަރު ކުރެވި، އެ ފާފައިން ތައުބާވާން ބޭނުންފުޅުވި އެވެ. އެ ހިނދު ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ގެ އަރިހަށް ވަޑައިގެން އެކަމަށް ހަތަރު ފަހަރު އިއުތިރާފްވެވަޑައިގަތުމުން، މާޢިޒް ރަޖަމް ކުރެއްވުމަށް އިތުރު އެކަލޭގެފާނު އަމުރުފުޅު ކުރެއްވި އެވެ.
މާޢިޒް ރަޖަމް ކުރެއްވިތާ ދެތިން ދުވަސް ފަހުން، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) މީސްތަކުންނާ ބައްދަލުކުރައްވައި، މާޢިޒްގެ ފާފަ ފުއްސެވުން އެދި ދުއާ ކުރެއްވުމަށް ޞަޙާބީންގެ އަރިހުން އެދިވަޑައިގަތެވެ. އަދި ހަދީސް ކުރެއްވި އެވެ؛ މާޢިޒް އެ ވެވަޑައިގެންނެވި ތައުބާ، އެންމެންގެ މައްޗަށް ބަހައިލި ކަމުގައި ވިޔަސް، އެ ތައުބާއިން ފުދި އިތުރުވާނެ އެވެ.
އެ ހާދިސާގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވަނީސް، ޣާމިދީ ވަންހައިގެ އަންހެން ބޭކަނބަލަކު، ކީރިތި މާތް ނަބިއްޔާ މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ގެ އަރިހަށް ވަޑައިގެން، ޒިނޭގެ ދަރިއަކަށް ބަލިވެ އިންކަމަށް އިއުތިރާފްވި އެވެ. އެ ހިނދު އެކަނބުލޭގެ ވިހައި ގަދަވެގެން ވަޑައިގަތުމަށް ފޮނުވައިލެއްވި އެވެ. ވިހައި ގަދަވެގެން ވަޑައިގަތުމުން، ދަރިފުޅަށް ގާތުން ދިނުމުގެ މުއްދަތު ފުރިހަމަކޮށްގެން ވަޑައިގަތުމަށް ފޮނުވައިލެއްވި އެވެ.
އެ ދަރިފުޅަށް ގާތުން ދީ އަދި އެހެން އެއްޗެހި ކައިއުޅޭ ފުރަޔަށް އެޅުމުން އެކަނބުލޭގެ ވަޑައިގެން ދެންނެވުމުން، އެކަނބުލޭގެ ރަޖަމު ކުރުމަށް އަމުރުކުރެއްވި އެވެ. ދެން ވަޅުގަނޑެއް ކޮނެ އެކަމަނާ މެޔާ ހަމައަށް ވަޅުލައި ރަޖަމުކުރި އެވެ. އެ ވަގުތު ޚާލިދު ބްނު އަލްވަލީދު އެއްލެވި ގާގަނޑަކުން އެކަނބުލޭގެ އިސްތަށިފުޅުގައި ޖެހި ފަޅައިގެން ގޮސް، ޚާލިދުގެފާނުގެ މޫނުފުޅަށް ލޭ ބުރި އެވެ. އެ ހިނދު ޚާލިދުގެފާނު ކޯފާ އިސްކުރައްވައި އެކަނބުލޭގެއަށް ބޭއަދަބީ ބަހެއް ވިދާޅުވި އެވެ. (ނުނިމޭ)
ވީ ކޮންމެ ތަނެއްގައި މާތް ﷲ އަށް ތަގުވާވެރިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
ﷲ ސުބްހާނަހޫ ވަތައާލާ އަށް ލަދުވެތިވުން
މަރްޙަބާ ޔާ ރަމަޟާން
ރޯދަ ހިފުމުން ލިބޭ ނަފްސާނީ ސިއްހަތުގެ ފައިދާ ހޯދަމާ
ރޯދަމަހާއެކު، ނަފުސު ކޮންޓްރޯލްކޮށް، މީހާ ތަރުތީބުވޭ
ރޯދަމަހުގައި ވެސް އުފެއްދުންތެރިކަން ދަށްވިޔަ ނުދިނުން
އެންމެ މާތް މައްސަރަށް އަޒުމްތަކާ އެކު ތައްޔާރުވޭ
ހަދީސެއްގެ އަލީގައި: ތަރުބަވީ މައިދާނުގައި މަޑުމައިތިރިކަން ގެންގުޅުން
ތަރުބަވީ ޒިންމާ އަދާކުރުމަށްޓަކައި ހޭދަކުރުން