Roadha Mihaaru
ޓްރިވެންޑްރަމުން ނާދެވި ތިބި 80 މީހުން ގެނެސްފި

ފްލައިޓަށް ދިމާވި މައްސަލައާ ހެދި ޓްރިވެންޑްރަމުން ނާދެވި ތިބި 80 މީހުން ގެނެސްފި

14 އެޕްރީލް 2018

މޯލްޑިވިއަންގެ ފްލައިޓަކަށް ދިމާވި މައްސަލައާ ގުޅިގެން އިންޑިއާގެ ޓްރިވެންޑްރަމުން އިއްޔެ ނާދެވި ތިބި މީހުން މިއަދު މާލެ ގެނެސްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވިއަންގެ ފްލައިޓަކަށް ދިމާވި މައްސަލައާ ގުޅިގެން އިންޑިއާގެ ޓްރިވެންޑްރަމުން އިއްޔެ ނާދެވި ތިބި މީހުން މިއަދު މާލެ ގެނެސްފި އެވެ.

އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ޓްރިވެންޑްރަމްގައި ތިބި މީހުން ގެންނަން ދެ ދަތުރުކުރަން ޖެހުނު ކަމަށެވެ. އެގޮތުން ޓްރިވެންޑްރަމުން ފުރަތަމަ ފްލައިޓް އައީ މެންދުރު 12:13ގަ އެވެ. އަދި ދެވަނަ ފްލައިޓް އައީ ހަވީރު 4:32ގަ އެވެ.

ހާރިސް ވިދާޅުވީ ޓްރިވެންޑްރަމްގައި ތިބި މީހުން އިއްޔެ ނުގެނެވުނީ އެ ކުންފުނިން ދުއްވާ އެއާބަސް އޭ 321 މަރުކާގެ ބޯޓު ޗައިނާއިން އައި މަގުމަތީގައި ހޮނުއެޅުމުން ލިބުނު ގެއްލުންތައް މަރާމާތުކުރަން ޖެހުމުން ކަމަށެވެ.

"ރާއްޖެ ސަރަހައްދުގެ މޫސުމް އިއްޔެ ވަރަށް ގޯސް އޮތީ. އެ ބޯޓު ޖައްސަން އަންނަނިކޮށް ހޮނު އެޅުމުން ލިބުނު ގެއްލުންތައް މަރާމާތުކުރަން ޖެހުމުން ލަސްވީ،" އޭނާ ވިދާޅުވި އެވެ.

އެ ބޯޓަށް މައްސަލަ ދިމާވިއިރު ޓްރިވެންޑްރަމުން ފަސިންޖަރުން ގޮވައިގެން އަންނަން އޮތީ އިއްޔެ ހެނދުނު 10:30 ގަ އެވެ. އަދި މިއަދު ޓްރިވެންޑްރަމުން މީހުން ގެނައީ އެ ކުންފުނިން ދުއްވާ އޭ 320 މަރުކާގެ ބޯޓުންނެވެ.

މޯލްޑިވިއަންގެ ބޯޓަށް މައްސަލަ ދިމާވުމުގެ ސަބަބުން ރާއްޖެ ނާދެވި ތިބި ފަސިންޖަރުންނަށް ހުރުމާއި ކެއުން އެ ކުންފުނިން ހަމަޖައްސައިދީފައިވެ އެވެ.

އެ ކުންފުނިން ބޭރުގެ ދަތުރުތަކުގައި އާންމުކޮށް ބޭނުން ކުރަނީ އެއާބަސް 321 މަރުކާރުގެ، 200 މީހުންގެ ޖާގައިގެ ބޯޓަކާއި، އެއާބަސް 320 މަރުކާގެ، 150 މީހުންގެ ޖާގައިގެ ބޯޓެކެވެ.